ހިޔަލީ ރަޝީދު އެމްޑީޕީ އަށް ސޮއި ކޮށްފި

ހިޔަލީ ރަޝީދު އެމްޑީޕީއަށް ސޮއި ކުރުމަށް ފަހު މެމްބާރ ޝީޕް ފޯމް ރައީސް ނަޝީދާ ހަވާލުކުރައްވަނީ -- ފޮޓޯ އެމްޑީޕީ

ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ޕިޕީއެމް ގެ ކުރީގެ ރެޖިސްޓާ މުހައްމަދު ރަޝީދު (ހިޔަލީ) އެމްޑީޕީ އަށް މިއަދު ސޮއިކުރައްވައިފި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން އައްޑޫ އަތޮޅު މެމްބަރުކަން ކުރެއްވި ހިޔަލީ ރަޝީދު އެމްޑީޕީ އަށް ސޮއި ކޮށްފައިވަނީ މިއަދު ހަވީރު އެ ސިޓީގެ ސުވަދީބު ކޭފޭގައި އެވެ. އެމްޑީޕީ އަށް ސޮއި ކުރުމަށް ފަހު ހިޔަލީ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ މެމްބާޝީޕް ފޯމް ހަވާލުކޮށްފައެވެ. ފޯމް ހަވާލު ކުރި އިރު އެމްޑީޕީ ލީޑާޝިޕްގެ ބައެއް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ހިޔަލީ އެމްޑީޕީ އަށް ސޮއިކުރެއްވި އިރު، ނަޝީދު އައްޑޫ ސިޓީ އަށް ފެއްޓެވި ދަތުރުފުޅިގައި ހިޔަލީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ހިޔާލީ މިދިޔަ ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވާފައިވަނީ އިދިކޮޅު ކޯލިޝަންގެ ކެންޑީޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށެވެ.

ކުރިން ރައީސް ޔާމީން އުފެއްދެއްވި ޕީއޭގައި ވެސް އިސްކޮށް މަސައްކަތް ކުރެއްވި ހިޔަލީ މި ސަރުކާރުގައި ހުންނެވީ އެލައިޑް އިންޝްއަރެންސްގެ ޗެއާމަންގެ މަގާމުގަ އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު