މިއަދަކު ނޭނގޭ ކޮބައި ކަމެއް ރައީސުލްޖުމްހޫރިއްޔާ އަކީ: އަދުރޭ

ޕީޕީއެމްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ކޯލިޝަނަށް ވެރިކަން ލިބިފައިވާ އިރު ރައިސުލްޖުމްހޫރިއްޔާ އަކީ ކާކު ކަން ނޭނގޭ ހިސާބަށް ކަންތައް ގޮސްފައިވާ ކަމަށް ވެރިކަން ކުރާ ޕީޕީއެމުގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިހާބު ކާމިޔާބުކޮށްފައި ވަނީ ވޯޓު އޮޅުވާލައިގެން ކަމަށާއި އެހެން ކަމުން އެ ފަރާތްތައް ސަރުކާރާ ހަވާލުވާ އިރު އެކަމަށް ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެނެއް މިއަދު ނޭނގެ އިދިކޮޅުގައި ކޮބައި ކަމެއް ރައިސުލްޖުމްހޫރިއްޔާ އަކީ. އަންނި އެއީތޯ ރާއްޖޭގެ ރައީސަކީ ނޫނިއްޔާ ގާސިމް އިބްރާހިމްތޯ ރައީސް އަކީ އިބޫތޯ ރައީސްއަކީ މައުމޫނުތޯ ރައީސްއަކީ ސުވާލު އުފެދޭ ހިސާބަށް ގޮސްފައި މި އޮތީ،" އަދުރޭ ވިދާޅުވި އެވެ.

އެ ސުވާލު އުފެދެން މެދުވެރިވީ އިދިކޮޅު ހަތަރު ލީޑަރުންގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު، މިހާރު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ވެވަޑައިގަތް ބޮޑެތި ވައުދުތަކުގެ ސަބަބުން ކަމަށް އަދުރޭ ފާހަގަކުރެއްވި އެވެ.

"ރައީސް މައުމޫން ރާއްޖެ ވަޑައިގެންފައި ބޮޑު ތިލަދުންމައްޗަށް ވަޑައިގެން ވައުދުވެދާނެ އެތާނގައި 50 ރަށް ހިއްކާފައި ރިސޯޓް ހަދައިދޭނަމޭ. ގާސިމް އިބްރާހިމް ހައްދުންމައްޗަށް ވަޑައިގެންފައި ވިދާޅުވެދާނެ މުޅި ހައްދުންމަތި ހިޔާކޮށްފައި އެއާކާން ކުރާނަމޭ. ޝެއިހް އިމްރާން މ. އަތޮޅަށް ވަޑައިގެންފައި ވިދާޅުވެދާނެ މ. އަތޮޅު ކަނޑުތަކުގައި ކާޕެޓު އަޅައިދޭނަމޭ،" އަދުރޭ ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދު މިދިޔަ އަންގާރަ ދުވަހު އައްޑޫ ސިޓީއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުން އައްޑުއަށް ކޮއްދެއްވާނެ ކަންތަކެއް ވިދާޅުވެފަ އެވެ. އެ ގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓް ފުރިހަމަ ކުރަން ޖެހޭ ވާހަކަ އާއި ހިތަދޫ ބަނދަރު ތަރައްގީކުރަން ޖެހޭ ވާހަކަ އާއި އައްޑޫ ބޭރު ފަޅުގައި ތިން ރަށެއް ތަރައްގީ ކުރަން ޖެހޭ ވާހަކަ އާއި އެކަން އިބޫ ފުރިހަމަ ކުރައްވާނެ ކަމަށެވެ.

https://sun.mv/111292

އަދުރޭ ވިދާޅުވީ އެކަންތައްތައް އެހެން ހުރިއިރު ފުއްދަންވީ ވައުދުތައް އިބޫއަށް އޮޅިވަޑައިގެންފައިވާ ކަމަށެވެ.

އަދުރޭ ވަނީ ރާއްޖޭގައި ދެ ސަރުކާރެއް އުފެއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތޯ ސުވާލު އުފައްދައިފަ އެވެ.

"...ރާއްޖޭގެ ވަކި ހިސާބެއްގައި ވަކި ސަރުކާރެއް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ބޭފުޅުން މިއަދު އެ ސަރަހައްދަށް ވަޑައިގަތް އެކަހަލަ ހީތައް ކުރުމަށް ޖާގަ ލިބޭ ފަދަ ގޮތަކަށް ކަންތައް ކުރަމުންދާތީ ކަންބޮޑުވޭ." އަދުރޭ ވިދާޅުވި އެވެ.

comment ކޮމެންޓް