އިންތިހާބުވެފައިވާ ސަރުކާރު އެކުލަވާލުމަށް ކޯލިޝަނުގެ ޕާޓީތަކުން ކެބިނެޓަށް ނަން ފޮނުވުމަށް އިންތިހާބީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު (އިބޫ) ޕާޓީތަކުގައި އެދިވަޑައިގެންފި އެވެ.
އިބޫގެ ކެބިނެޓުން އެމްޑީޕީއަށް ދޭން ނިންމާފައި ވަނީ 40 ޕަސެންޓެވެ. އެހެން ޕާޓީތަކަށް 60 ޕަސެންޓެވެ. ނަމަވެސް އެހެން ޕާޓީތަކަށް ދޭން ނިންމާފައި ވަނީ ވަކި ޕާޓީއަކަށް ކިތައް ޕަސެންޓްކަން ސާފެއް ނުވެ އެވެ.
އިބޫގެ ކެބިނެޓުގައި ތިއްބަވަނީ 22 މިނިސްޓަރުން ކަމަށް ކޯލިޝަނުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު 'ސަން' އަށް ވިދާޅުވި އެވެ. އަދި މިހާރު އެ މިނިސްޓްރީތަކަށް ބޭފުޅުން އައްޔަން ކުރުމަށް ނަން ފޮނުވުމަށް އިބޫ އެދިވަޑައިގެންފައިވާ ކަން އެނގިފައިވެ އެވެ.
ވަކި ވަކި ޕާޓީތަކަށް ދެނީ ކޮން މިނިސްޓްރީތަކެއްކަން ވެސް އަދި ކޯލިޝަނުން ހާމައެއް ނުކުރެ އެވެ.
އިންތިހާބަށް ފަހު 'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި އިބޫ ވިދާޅުވީ ކެބިނެޓަށް އައްޔަން ކުރާނީ ނަޒާހާތްތެރި ބޭފުޅުން ކަމަށެވެ.
"ވަޒީރުކަމަށް ވަޑައިގަންނަވާ ބޭފުޅަކު ގަބޫލުފުޅު ކުރައްވާނެ ތިމަންނައަކީ ވެރިއަކަށް ވުރެ ބޮޑަށް ރައްޔިތުންގެ ހާދިމެއްކަން،" އިބޫ ވިދާޅުވި އެވެ.
އެމަނިކުފާނު ކެބިނެޓަށް އައްޔަން ކުރައްވާ ވަޒީރުންނަކީ އެއްބަސްވެވޭ މިންގަނޑެއްގެ ތެރެއިން އައްޔަންކުރެވޭނެ ބޭފުޅުން ކަމަށް އިބޫ ވިދާޅުވި އެވެ. އޭގެ ތެރޭގައި ނަޒާހާތްތެރިކަން ހިމެނޭ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި މީގެ އިތުރުން ކުރަން ހުރި މަސައްކަތްތައް ފުރިހަމަ ކުރެވޭނެ ތަޖުރިބާއާއި ކެޕޭސިޓީ ވެސް ވަޒީރުންނަށް އައްޔަންކުރާ ބޭފުޅުންގެ ކިބައިގައި ހުންނާނެ ކަމުގައި ވިދާޅުވި އެވެ.
ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ފަރާތުން ކެބިނެޓަށް އައްޔަން ކުރާ ވަޒީރުން ހުށަހަޅުއްވާނެތީ ސުވާލުކުރުމުން އިބޫ ވިދާޅުވީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުން ޕާޓީތަކުން ފޮނުވާ ނަންތަކަކީ ވެސް އެ މިންގަނޑުތަކަށް ފެތޭ ނަންތަކަކަށް ވާނެ އެވެ.
"ކެބިނެޓު ވާނީ އަޅުގަނޑު މި ދެންނެވި ކްރައިޓީރިއާ ތެރޭގައި އޮތް ރައްޔިތުންނަށް ހިދުމަތް ކުރެވޭ ގާބިލު، ނަޒާހާތްތެރި، ތެދުވެރި އަމާނާތްތެރި ބޭފުޅުން ތިއްބަވާ ކެބިނެޓަކަށް." އިބޫ ވިދާޅުވި އެވެ.