އުމުރުން ދުވަސްވީ މީހުންނަށް ޕެންޝަން އޮފީހާއި ރެޑް ކްރެސެންޓުން އެހީތެރިވަނީ

ޕެންޝަން އޮފީހާ ރެޑްކްރެސެންޓާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން --- ފޮޓޯ: ޕެންޝަން އޮފީސް

އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ތަފާތު ގޮންޖެހުންތައް ޙައްލުކުރުމަށް އެހީތެރިވެދިނުމަށާއި، މިނިވަންކަމާއި ދުޅަހެޔޮކަންމަތީ ދިރިއުޅުމަށް އުމުރުން ދުވަސްވީ މީހުންނަށް ހިތްވަރުދީ އެހީތެރިވުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ދިވެހި ރެޑް ކްރެސެންޓް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެއެވެ.

މި އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު ރެޑްކްރެސެންޓްގެ ފަރާތުން ސޮއި ކުރެއްވީ ދިވެހި ރެޑްކްރެސެންޓްގެ އަމީންއާންމު ޢާއިޝަތު ނޫރާ މުޙައްމަދެވެ. ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޕެންޝަން އޮފީހުގެ ސީއީއޯ މުޙައްމަދު ޙުސައިން މަނިކެވެ.

މި އެއްބަސްވުމުގެ ދަށުން އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށާއި އާންމު ދިރިއުޅުމުގައި ކުރަންޖެހޭ ކަންކަން ކުރުމަށް އެހެން މީހުންނަށް ބަރޯސާވާ މިންވަރު ކުޑަކުރުން ނުވަތަ ބެލެހެއްޓޭނެ ވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރާނެއެވެ.

އަދި އުމުރުން ދުވަސްވީ މީހުން އާންމު ދިރިއުޅުމުގެ ކަންކަން ކުރާއިރު ކުރިމަތިވާ ހާނިއްކަތައް މަދުކުރުމަށާއި ގައިން ގަޔަށް ނާރާ ބަލިތަކަށް ހުރި ހިރާސްތައް ކުޑަކުރުމަށް އަދި އެ އުމުރުގެ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވައި މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރާނެއެވެ.

މި އެއްބަސްވުމުގެ ދަށުން ރަށު ފެންވަރުގައި ހިންގާ ހަރަކާތްތައް ތަޖުރިބާކޮށް އެކަންކަމުގައި ބައިވެރިވެވޭނެ ގޮތްތައް އިތުރުކުރުންމަށް މަސައްކަތް ކުރާނެއެވެ.

މި އެއްބަސްވުމުގެ މަގުސަދުތައް ހާސިލުކުރުމަށް ދުވަސްވީ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށް މާލެ އާއި އަތޮޅުތެރޭގައި ހިންގާ ހަރަކާތްތަކުގައި އެ ފަދަ މީހުން ބައިވެރި ކުރާނެ ކަމަށާއި އުމުރުން ދުވަސްވީ މީހުން އިޖުތިމާޢީ ގޮތުން އެކަހެރިވުން ކުޑަކުރުމަށް މަސައްކަތް ކުރަނެކަމަށް ޕެންޝަން އޮފީހާއި ރެޑް ކްރެސެންޓުންބުނެއެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ ފަރާތްތަކަކީ ނުކުޅެދުންތެރިކަން ހުރި މީހުންނަށް ވިޔަނުދިނުމަށްޓަކައި އާންމު ދިރިއުޅުމުގައި ކުރެވިދާނެ ކަސްރަތުތަކާއި އަދި ދިރިއުޅުމުގެ ރަނގަޅު އާދަތައް ދަސްކޮށްދީ، އާއިލާއާ ވަކިން ދިރިއުޅޭ މީހުންނަށް ރަށު ފެންވަރުގައި ލިބެންހުރި އަޅާލުމާއި އެހީތެރިކަން އިތުރުކުރުމަށް މި އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރާނެއެވެ.

comment ކޮމެންޓް