ކެމެރޫންގައި ރަހީނު ކުރި 78 ދަރިވަރުން ދޫކޮށްލައިފި

ކެމެރޫންގެ ސްކޫލަކުން ރަހީނު ކުރި 78 ދަރިވަރުން ވަނީ ދޫކޮށްލާފަ -- ފޮޓޯ: ބީބީސީ

ޔާއޫންޑޭ (ނޮވެމްބަރު 8): މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކެމެރޫންގެ ސްކޫލަކުން ރަހީނު ކުރި 78 ދަރިވަރުން ދޫކޮށްލައިފި އެވެ.

ކެމެރޫންގެ ބަމެންޑާގައި ހުންނަ ޕްރެސްބިޓޭރިއަން ސެކަންޑަރީ ސްކޫލުން އެކުދިން ރަހީނުކުރީ ކޮންބަޔެއްކަން އަދި ޔަގީންވެފައި ނުވެ އެވެ. އަދި އެކުދިންނާއެކު ރަހީނު ކުރި ޑްރައިވަރަކު ދޫކޮށްލި ނަމަވެސް، ސްކޫލުގެ ޓީޗަރަކާއި ޕްރިންސިޕަލް ދޫކޮށްފައި ނުވެ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އަންގާރަ ދުވަހު އެކުދިން ދޫކޮށްލާފައި ވަނީ ބަމެންޑާއާ 15 މޭލު ދުރުގައި ހުންނަ ޕްރެސްބިޓޭރިއަން ފައްޅި ތެރެއަށެވެ. އަދި އެކުދިން މިހާރު ވަނީ ސްކޫލަށް ގެންގޮސް، އެކުދިންގެ އާއިލާއާ ހަވާލުކޮށްފަ އެވެ.

އެއީ އެސްކޫލުން މިދިޔަ ހަފްތާއެއްހާ ދުވަސްތެރޭ ދަރިވަރުންތަކެއް ރަހީނު ކުރި ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ މަހުގެ 31ގައި އެސްކޫލުން 11 ފިރިހެން ކުދިން ރަހީނު ކުރުމަށް ފަހު ދޫކޮށްލާފައިވެ އެވެ. އެކުދިން ރަހީނު ކުރީ ކޮން ބަޔެއްކަން އަދި އެނގިފައި ނުވެ އެވެ.

ކެމެރޫންގެ ސަރުކާރުން ވަނީ އެކުދިން ރަހީނުކޮށްފައި ވަނީ، އެގައުމުން ވަކިވެގަންނަން މަސައްކަތް ކުރާ، އިނގިރޭސި ބަހުން ވާހަކަ ދައްކާ ހަތިޔާރު އެޅި ޖަމާއަތްތައް ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެޖަމާއަތްތަކުން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.

ކެމެރޫންގައި ރަސްމީ ދެބަހެއް އޮވެ އެވެ. އެއީ ފަރަންސޭސި ބަހާއި އިނގިރޭސި ބަހެވެ. ނަމަވެސް އެގައުމުގެ އިނގިރޭސި ބަހުން ވާހަކަ ދައްކާ ބައެއް ރައްޔިތުން ވަނީ އެމީހުންނާ ދޭތެރޭ ސަރުކާރުން ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ބުނެފަ އެވެ.

އޭގެ ސަބަބުން ކެމެރޫންގެ އިނގިރޭސި ބަހުން ވާހަކަދައްކާ ބައެއް ފަރާތްތަކުން ވަނީ ކެމެރޫންއިން ވަކިވެ، އެހެން ދައުލަތެއް އުފެއްދުމުގެ މަސައްކަތް ފަށާފަ އެވެ.

comment ކޮމެންޓް