މާލެއަށް ދެ ދާއިރާ އިތުރުކޮށް ފައިނަލް ރިޕޯޓް ގެޒެޓް ކޮށްފި

ރައްޔިތުންގެ މަޖިލިސް: އަންނަ ދައުރަށް މަޖިލީހަށް ވަނީ ދެ ގޮނޑި އިތުރުކޮށްފައި ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބްގައި މާލެ ސިޓީއަށް ދެ ދާއިރާ އިތުރުކޮށް ޖުމްލަ 87 ދާއިރާއާ އެކު އިންތިހާބީ ދާއިރާތަކުގެ ފައިނަލް ރިޕޯޓް އިލެކްޝަން ކޮމިޝަން(އީސީ) އިން ގެޒެޓް ކޮށްފި އެވެ.

އަށާރާ ވަނަ ރައްޔިތުންގެ މަޖިލީހަށް މާލޭ ދައިރާތަކަށް އިތުރު ކުރަނީ، މައްޗަންގޯޅި މެދު އަދި ހެންވޭރު ހުޅަނގު ދައިރާ އެވެ.

މިއަދުގެ ގެޒެޓް ކުރި ފައިނަލް ރިޕޯޓް ދައްކާ ގޮތުން މާލޭގެ އާބާދީ އަކީ 70977 އެވެ. އެ ނިސްބަތުން ބަލާ އިރު 15 އިިދާރީ ދާއިރާއަށް ބެހެ އެވެ. އެއީ ކޮންމެ ދާއިރާ އަކަށް 4732 މީހުންގެ ނިސްބަތުންނެވެ.

އެގޮތުން އަންނަ ދައުރަށް ވަނީ ހުޅުހެންވޭރު ދާއިރާގެ ބަދަލުގައި ހުޅުމާލެ ވަކިކޮށް ހުޅުމާލެ ދާއިރާގެ ނަމަށް ބަދަލު ކޮށްފަ އެވެ. މުޅިން އަލަށް އިތުރުކޮށްފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޯޅި މެދު ދާއިރާ އެވެ.

މިފަހަރު ވެސް މާލޭ ދަފްތަރުގައި ތިބި މީހުން ވަނީ މާލޭގެ ހުރިހާ ދާއިރާއަކަށް ބަހާލައިފަ އެވެ.

މަޖިލިސް އަށް އިތުރުކުރި ދެ ގޮނޑިއާ އެކު، 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވާނެ އެވެ. މިހާރުގެ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ 85 މެމްބަރުންނެވެ.

comment ކޮމެންޓް