ފުރަތަމަ އެޑިޝަނާއެކުވެސް ޕިކް މޯލްޑިވްސްގެ ނަން މުޅި ދުނިޔެއަށް!

ޑަބްލިއުޓީއެމް ގައި ޕިކް މޯލްޑިވްސް ފޮޓޯ ބުކް --- ފޮޓޯ: ޕިކް މޯލްޑިވްސް

ރާއްޖޭގެ ގުދުރަތީ ހިތްގައިމު މަންޒަރުތަކާ، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ރާއްޖެއާ މެދު ދެކޭ ގޮތް ހާމަކޮށް ލިޔެފައި ހުންނަ ރިވިއުތައް ހިމަނައިގެން، ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖެއާ ދޭތެރޭގައި އިތުރަށް އިތުބާރު އުފެއްދުމުގެ ނިޔަތުގައި ތައާރަފް ކުރި "ޕިކް މޯލްޑިވްސް" ބްރޭންޑުގެ ދަށުން ނެރުނު ޕިކްޗަރ ސްޓޯރީ ބުކް ނުވަތަ ފޮޓޯބުކް އަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާކަމަށް ޕިކް މޯލްޑިވްސް އިން ބުނެފިއެވެ.

މި އަހަރުގެ އައިޓީބީ ބާލިން ފެއާގައި ލޯންޗުކުރި ޕިކްމޯލްޑިވްސް ފޮޓޯބުކް 2018ގައި ރިސޯޓް، ސިޓީ ހޮޓެލް، ލިވެބޯޑް އަދި ގެސްޓްހައުސް ހިމަނާފައިވެއެވެ. މި ފޮތަކީ ލަގްޒަރީ ސުވެނިޔާއެއްގެ ގޮތުގައި ތަފާތު ކޮންސެޕްޓެއްގައި ޑިޒައިން ކުރެވި ވަރަށް ހައި ކޮލިޓީގައި ޕްރިންކުރެވި، ބީޓުސީ ޕީއާރު ޕަބްލިކޭޝަނެއްގެ ގޮތިގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަހަމުން ގެންދާ ފޮތެކެވެ.

އެންމެ މުހިންމު ޑިސްޓްރިބިއުޝަންގެ ގޮތުގައި މިފޮތް ދަނީ ޑީއެޗްއެލް މެދުވެރިކޮށް ދުނިޔޭގެ މަޝްހޫރު އިންފުލުއެންސަރުންނަށާއި ބްލޮގަރުންނަށް އަދި ސެލެބްރިޓީންނަށް ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން ދުނިޔޭގެ ބޮޑެތި ފެއާތަކުގައިވެސް މި ފޮތް ވަނީ ބަހައިފައެވެ. އޭގެ ތެރޭގައި އައިޓީބީ، އޭޓީއެމް އަދި ޑަބްލިއުޓީއެމް ފެއާ ހިމެނެއެވެ. މީގެ އިތުރުން ޑުބާއީ، ޕެރިސް، މޮސްކޯ އަދި މިއުނިކް ފަދަ ބޮޑެތި ސިޓީތަކުގައި މިއަހަރު ކުރިއަށް ދިޔަ ޓްރެވަލް އެގްޒިބިޝަންތަކުގައިވެސް ޕިކް މޯލްޑިވްސް ފޮޓޯބުކް ވަނީ ބަހައިފައެވެ.

"އެގްޒިބިޝަނާއި ފެއާތަކުގެ އިތުރުން ޕިކް މޯލްޑިވްސްގެ އެމްބެސަޑަރުން މެދުވެރިކޮށް މެންޗެސްޓަރ، ރޯމް، ހޮންގްކޮންގް، ޝަންހާއީ، ސައުތް ކޮރެއާ، ކުއާލަ ލުމްޕޫރ، ކޮލަމްބޯ، މުމްބާއީ، ސިންގަޕޫރު، ބޭންކޮކް ފަދަ ރާއްޖެއަށް ފަތުރުވެރިން އައުން އިތުރުވަމުންދާ ސިޓީތަކުގައިވެސް މި ފޮޓޯބުކް ވަނީ ވަރަށް ކާމިޔާބު ކަމާއެކު ބަހާފައި. އެންމެންވެސް ވަރަށް ބަލައިގަނޭ" ޕިކް މޯލްޑިވްސްގެ ފައުންޑަރު ރިއާޔަތު އަބްދުލް މަޖީދު ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުގެ ލަންޑަނުގައި މިމަހުގެ ފަހަކުން ހަތަކަށް ކުރިއަށްދިޔަ ޑަބްލިއުޓީއެމް ފެއާއަށްފަހު އިނގިރޭސި ވިލާތުގެ އިތުރު ހަތަރު ސިޓީއެއްގައި މި ފޮތް ބެހުމަށް ނިންމާފައިވާކަމަށާއި އަދި މިމަހުގެ 15 އާ ހަމައަށް ބާރލިންއަށް ރިއާޔަތު ކުރައްވާ ދަތުރުގައި ވަކި ވަކި އިންފްލޫއެންސަރުންނާ ބައްދަލުކުރައްވާ އެފަރާތްތަކަށްވެސް ފޮތް ހަދިޔާ ކުރަން ނިންމާފައިވަކަމަށް ރިއާޔަތު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް އަހަރުވެސް ފިކްމޯލްޑިވްސް ފޮޓޯބުކްގެ އާ އެޑިޝަނެއް ނެރޭނެ ކަމަށެވެ.

ޑަބްލިއުޓީއެމްގެ ތެރޭން --- ފޮޓޯ: ޕިކް މޯލްޑިވްސް

"އަންނަ އަހަރު ނެރޭ ފޮތް ހާއްސަކޮށްފައިވާނީ ރިސޯޓު ތަކާއި ސިޓީ ހޮޓާ ތަކަށް. އެހެންކަމުން ފޮޓޯ ފޮތުގެ ފޮޓޯ ފީޗަރސް ހާއްސަ ކުރެވިފައި ހުންނާނީ ހަމައެކަނި ރިސޯޓުތަކާއި ސިޓީ ހޮޓާތަކަށް. ފޮތް އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި،"

ރިޔާއަތު ވިދާޅުވީ އަންނަ އަހަރު ނެރޭ ފޮތްވެސް ލޯންޗު ކުރާނީ މާޗު މަހު ކަމަށެވެ.

"ޕިކްމޯލްޑިވްސް ފޮޓޯ ފޮތުގެ މަސައްކަތަށް މިހާތަނަށް ރާއްޖެއާ ރާއްޖޭން ބޭރުންވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިއްޖެ. މިއަހަރުގެ އެޑިޝަން އެކޭ އެއްގޮތަށް އަންނަ އަހަރު ނެރޭ ފޮތުގައިވެސް ރާއްޖޭގެ އެންމެ ވަރުގަދަ ރިސޯޓު ގްރޫޕްތައް ފެނިގެންދާނެ."

comment ކޮމެންޓް