ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު އީރާންގެ ރައްޔިތުންގެ ދިރިއުޅުން ހުއްޓުމަކަށް

އީރާނުގެ ރައްޔިތުންތަކެއް---

މިދިޔަ ހޯމަ ދުވަހު އެެމެރިކާއިން އީރާނަށް އެޅި އާ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު އީރާންގެ ރައްޔިތުންނަށް މިހާރު ވަނީ ކުރިއަށްވުރެ ބޮޑަށް ދަތިވާންފަށައިފަ އެވެ. ދަރިކުރުމުގެ ފިޔަވަޅުތަކާ އެކު އޭގެ އަސަރު އެންމެ ބޮޑަށް ކުރަމުންގެންދަނީ އެގައުމުގެ ކުޑަކުދިންނާއި އަންހެނުންނެވެ.

އުމުރުން 27 އަހަރުގެ ފާތިމާ މިހާރު ވެސް ދަނީ ދެ ވަޒީފާ އަދާކުރަމުންނެވެ. ޕަބްލިކް ހެލްތު ޕޮލިސީ ސްޓާޓަޕްއެއްގެ އިތުރުން ހައި ސްކޫލްގެ ބައިލޮޖީ ޓީޗަރެއްގެ ވަޒީފާ އަދާކުރަމުންދާދާއިރު އުޅެވެނީ ހަމަ ކިރިޔަ ކިރިޔާ ކަަމަށެވެ.

އުމުރުން އެންމެ 13 އަހަރުގައި އެމެރިކާގެ ކެލެފޯނިއާއަށް ބަދަލުވުމަށް ފަހު ކިޔަވާނިމުމުން ފާތިމާ ގަސްދުކުރީ އެނބުރި އިރާނަށް ދާށެެވެ. ނަމަވެސް އެނބުރި އައުން ވީ އޭނާގެ ބަދުނަސީބަށެވެ.

"ފަސޭހައެއް ނޫން އިރާންގައި ދިރިއުޅޭކަށް. މީގެ ހަ މަސް ކުރިން ޑޮލަރުގެ އަގު މައްޗަށް ދިއުމުން އެއްޗެތީގެ އަގު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައި. ހިތަށް އަރާ ކިހާ ދުވަހަކު މިހެން އުޅެވޭނެ ބާއޭ މިގައުމުގައި." ފާތިމާ ވިދާޅުވި އެވެ.

"ކިތަންމެ ވަރަކަށް އަހަރެން މަސައްކަތް ކުރި ނަމަވެސް ޑޮލަރުން ބަލާ ނަމަ އަހަރެންނަށް ލިބޭ އެއްޗެއްގެ އަގެއް ނެތް." އޭނާ އިތުރަށް ބުންޏެވެ.

އީރާނުގެ ރައްޔިތުންތަކެއް---

މީގެ ކުރިން 800 ޑޮލަރާ އެއްވަރުގެ މުސާރައެއް ފާތިމާއަށް ދިޔައީ ލިބެމުންނެވެ. ނަަމަވެސް ފައިސާގެ އަގު ވެއްޓުމުން ފާތިމާގެ މުސާރައަށް މިހާރު ޖެހެނީ އެންމެ 160 ޑޮލަރަށް ޖެހޭވަރުގެ އަދަދެކެވެ.

ފައިސާގެ އަގު ދަށަށް ދިއުމުގެ ސަބަބުން ހާއްސަކޮށް އަންހެނުންނަށް ބޭނުންވާ ތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. ހާއްސަކޮށް މައްސަރުކަންތަކުގަ އާއި ބައެއް ބޭސްތަކުގެ އަގު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ.

"އަހަރެން ދިޔައިން ކޮޓެކްސް ބްރޭންޑްގެ ޕެޑެއް ލިބޭތޯ އެތަކެއް ފާމަސީއަކަށް. އެ ހޯދަން ވަރަށް އުނދަގޫ." ފާތިމާ ކިޔައިދިނެވެެ. ފާތިމާ ދެން ބެލީ އެގައުމުގް ބްރޭންޑްއެއް ލިބޭތޯ އެވެ. ނަމަވެސް އެ ގައުމުގައި އުފައްދާ ތަކެތި ވަނީ މަދުވެފަ އެވެ. ކުރިން އެއް ލައްކަ ރިޔާލް އަށް ލިބޭ އެއެތި މިހާރު ލިބެނީ 160،000،000 އަށެވެ. އެއީ ގާތް ގަނޑަކަށް 3.80 ޑޮލަރެވެ.

އީރާންގެ ޖެންޑާ ކޮންސަލްޓެންޓެއް ކަމަށްވާ އާޒާދޭ މުއާވެނީ ވިދާޅުވީ، ދިރިިއުޅުމުގައި ބޭނުންކުރާ ހުރިހާ ތަކެއްޗެއްހެން ހޯދަން މިހާރު ދަތިވެފައިވާ ކަމަށެެވެ.

"ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރަނީ މެދުފަންތީގެ އާއިލާތަކަށް." އާޒާދޭ ވިދާޅުވި އެވެ.

ގައުމުގައި ތަކެތި ލިބުން މަދުވުމުން އެއްޗެތި ގަންނަލެއް ވެސް ވަނީ އިތުރުވެފަ އެވެ. ބައެއް ވިޔަފާރިން އެެ އެއްޗެތި ގަތުމަށް ފަހު ފޮރުވަނީ އެވެ. އެއީ ފަހުން އަގު ބޮޑުކޮށް ވިއްކުމަށްޓަކަ އެވެ.

އުމުރުން 22 އަހަރުގެ ޔަސާމަން މަސައްކަތް ކުރަމުންގެންދަނީ އޭނާގެ އާއިލާއިން ހިންގަމުންދާ ރެސްޓޯރެންޓެއްގަ އެވެ.

"މިހާރު މީހުން ބަލަނީ ކޮންމެހެން ބޭނުންވާއެއްޗެއް ނޫނީ ނުގަނެވޭތޯ. ހުރިހާ އެއްޗެއް ވެސް މިހާރު އަގު ބޮޑު. އަހަރެން މިހާރު އެއްޗެއް ގަންނަން ނުދާތާވެސް ވަރަށް ދުވަސް ވެއްޖެ." ޔަސާމަން ބުންޏެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ ހުމައިނީ ވަނީ އެ ގައުމުގައި އުފެއްދުންތެރިކަން އިތުރުކުރުމަށް ގޮވާލައްވައިފަ އެވެ. އެކަމަށް ބޮޑު ތަރުހީބެއް ވެސް ދަނީ ލިބެމުންނެވެ. ނަމަވެސް މައްސަލައަކީ އެގައުމުގައި އުފައްދާ ތަކެތީގެ އަގު ބޮޑުވުމެެވެ.

އެެހެން އަންހެނަކު ބުނީ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެގައުމުގައި ދަރިން ހޯދުން ވެސް މަދުވެފައިވާ ކަމަށެވެ. ނެޕީއާއި އެހެނިހެން ތަކެތީގެ އަގު ބޮޑުވުމަކީ ދަރިންނަށް ކުރެންޖެހޭ އިތުރު ހަރަދެކެވެ.

ދަރިކުރުމުގެ ފިޔަވަޅުތަކާއެކު އީރާންއަށް ވަނީ މިއިން ޒަމާނަކު ވެސް ކުރިމަތި ނުވާ ވަރުގެ މުސީބާތެއް ކުރިމަތިވެފަ އެވެ. އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި އިރާގާ ދެކޮޅަށް ކުރި ހަނގުރާމައިގައި ވެސް އެގައުމުގެ އިގްތިސާދު އެހާ ބޮޑަށް ވެއްޓިފައެއް ނުވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް