ޓީސީއަށް އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް

ރޭގެ މެޗުގައި ޓީސީ މޮޅުކޮށްދިން ގޯލު ޖަހައިދިން ފޯވަޑް އަލީ އަޝްފާގު (ދަގަނޑޭ) -- ފޮޓޯ/ އެފްއޭއެމް

ރޭ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓު ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ލީގު ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ލީގުގައި މީގެ ކުރިން ގްރީން ސްޓްރީޓުން ވަނީ ޓީސީ ބަލިކޮށްފަ އެވެ. މިހާތަނަށް ޓީސީ ބަލިކުރެވުނު ހަމައެކަނި ޓީމަކީ ވެސް ގްރީން ސްޓްރީޓެވެ. ނަމަވެސް ޓީސީއިން ވަނީ ރޭގެ މެޗު 1-0ގެ ނަތީޖާއިން ކާމިޔާބު ކޮށްފަ އެވެ.

މެޗުގެ ކުރީ ކޮޅު ޓިސީއިން ވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. ނަމަވެސް ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓުގެ ކީޕަރު ލަބާން ޝަރީފު ވަނީ އެ ޝޮޓުތައް މަތަކޮށްފަ އެވެ. އެގޮތުން އަލީ އަޝްފާގު (ދަގަނޑޭ) ގެ ހަމަލާއެއް ވެސް އޭނާ މަތަ ކުރި އެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ޓީސީއިން ޖެހި ގޯލެއް އޮފްސައިޑު ކަމަށް ރެފްރީ ނިންމި އެވެ. ޓީސީގެ ދަނގަޑޭ ނެގި ހިލޭ ޖެހުމެއް ގްރީން ސްޓްރީޓުގެ ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ގޯލުގެ ތެރެއަށް ވަން ނަމަވެސް، ޓީސީގެ ޑިފެންޑަރު އަލާ ނަސީރު އޮފްސައިޑުކޮށް ހުރުމުން އެ ގޯލު ވަނީ ބަލައިނުގަނެފަ އެވެ.

ޓީސީގެ ހަމަ އެކަނި ގޯލު ކާމިޔާބު ކުރީ ދަނގަޑޭ އެވެ. މެޗުގެ 58 ވަނަ މިނެޓުގައ ދަގަނޑޭ އެ ގޯލު ކާމިޔާބު ކުރީ ޓީސީގެ އިޝާން އިބްރާހިމްގެ ބޯޅައެއް މުހައްމަދު ސާމިރުގެ ފައިގައި ޖެހިފައި އޭނާއަށް ލިބުމުން ބާރު ޝޮޓެއް ފޮނުވާލައިގެންނެވެ.

އިއްޔެ ކުޅުނު އަނެއް ލީގު މެޗަށް ބަލާ އިރު ނިއު ރޭޑިއަންޓުން ވަނީ ފ. ނިލަންދޫ ބަލިކޮށްފަ އެވެ. އެ މެޗު ނިއުއިން ކާމިޔާބު ކުރީ 5-2ގެ ނަތީޖާއިންނެވެ.

ރޭގެ ނަތީޖާއަށް ފަހު 13 މެޗުން 36 ޕޮއިންޓާ އެކު ޓީސީ އޮތީ ލީގުގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް މާޒިޔާއާ އެ ޓީމާ ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް މިހާރު އެބަ އޮތެވެ. އެހެން ނަމަވެސް، މާޒިޔާ އަދި ކުޅެފައި ވަނީ 12 މެޗު ކަމުން، މިއަދު ކުޅޭ މެޗުން އެ ޓިމު މޮޅުވެއްޖެ ނަމަ އެ ފަަރަގު ފަސް ޕޮއިންޓަށް ކުޑަ ކުރެވޭނެ އެވެ. ލީގުގެ ތިންވަނައިގައި ނިއު އޮތީ 27 ޕޮއިންޓާ އެކު އެވެ. އެއް މެޗު މަދުން ކުޅެފައިވާ އީގަލްސް ހަތަރު ވަނައިގައި އޮތީ 26 ޕޮއިންޓާ އެކު އެވެ.

މިއަދު ލީގުގައި ހަވީރު އީގަލްސް ބައްދަލުކުރާނީ ށ. ފޯކައިދޫއާ އެވެ. އަދި މާޒިޔާ ނުކުންނާނީ ވިކްޓްރީއާ ދެކޮޅަށެވެ.

comment ކޮމެންޓް