ފަސްޓް ލޭޑީ (ފުރަތަމަ ބައި)

بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ

ވައިލެޓް ނޫކުލައިގެ މަގުގައި ހުރި މައިލޯއިން ދުން އަރައަރާ ހުއްޓެވެ. އެ މަގުގެ ބޭރުގައި ހިތެއް ޑިޒައިންކޮށް ހިތް ކައިރީ ބިންވަޅު ނެގިފައިވަނީ "ހަޔާތީ" އެ ނަމެވެ. ޖެހިގެން ހުރި ތަށީގެ ބޭރުގައިވަނީ "މިކާލް"ގެ ނަމެވެ. ހަޔާތީ އޭނަގެ ނަން ޖަހާފައިވާ ކޮފީތަށި ނެގިއެވެ. ދެމަފިރިންގެ ކައިވެންޏަށް މައްސަރެއް ފުރުނު ދުވަހު އެކަކު އަނެކަކަށް ހަދިޔާކުރި ކޮފީ ބޯ މަގެވެ. ހަޔާތީ މައިލޯތަށި ތުންފަތުގައި ޖައްސައިލަމުން އަމިއްލަ ނަފުސަށް ހިނިތުންވެލިއެވެ. މައިލޯތަށީގައިވާ ޗޮކްލެޓް ރަހައިން ލިބުނު ލައްޒަތާއި އަރާމު ބުނެދޭކަށް ނޭނގެއެވެ. ކޮފީއަށްވުރެ އޭނައަށް ކަމުދަނީ މައިލޯއާއި ހޯލިކްސްއެވެ. ބޯކޮށް އޮއްސައިލި ވާރޭގެ އަޑުން އުނދަގޫވީކަން ނޭނގެއެވެ. ކުއްލިއަކަށް ހިނިތުންވުން ނެތިގެން ގޮސް ލޮލަށް ގޮތެއް ހަދައިލެވިއްޖެއެވެ. ހުއްޓުނީ ބޯ ވާރޭގެ ސަބަބުން ފުސްވެފައިވާ ބިއްލޫރި ކުޑަދޮރު ކައިރީގައެވެ. ވާރޭގެ ބޮޑެތި ތިކިތައް ކުޑަދޮރުގައި ކޭއްތިލާފައި ތިރިއަށް ދެމިގަންނަ މަންޒަރުން ކޮންމެވެސް ކަމެއް ހަނދާންވާން އުޅުނެވެ. އޭނަ ލައިގެން ހުރި ސްކިނީއާއި އަތްދިގު ވައިލެޓާއި ހުދުގެ ސްވެޓާ ފާޑު ޓޮޕް ގުޅެނީ އޭނަގެ ރޫފަ އެޅިފައިވާ ހަށިގަނޑާއި އެކަންޏެއް ނޫނެވެ. މޫސުމާއި ގުޅެއެވެ.

"ވާރޭ ވެހެން އެފެށީ. އެންމެން ގަޔާވާއިރު އަހަންނަށް ވާރޭދެކެ މިހާ ނަފްރަތުކުރެވޭ. ސަބަބެއްނެތި އެއްނޫން. ވާރޭ ވެހުނީމަ.......އެ ފޮނި ފިރިހެނާ. ކީއްވެ އަބަދާ އަބަދު އަހަންނަށް އުދަގޫކުރަން ހުވަފެނުގައިވެސް އަންނަނީ..........." ޚިޔާލުތަކުގެ ތެރެއިން ނުކުމެވުނީ މީހަކު ބެލްޖެހި އަޑަށެވެ. ހަޔާތީ ކޮފީމަގު ބަހައްޓާފައި ދުއްވައިގަތީ އިންތިޒާރުކުރާ އޭނަގެ ފިރިމީހާކަން ޔަގީންވެފައެވެ. ހުޅުވުމުގެ ކުރިން ސިކުއިރިޓީ ސިސްޓަމް އޮންކޮށްލާފައި ބޭރަށް ބަލައިލިއެވެ. ދޮރުމަތީގައި ޖަންގަލް ފެހިކުލައިގެ ވާރޭ ކޯޓެއްލައިގެން ހުރީ މިކާލްއެވެ. އޭނަގެ މިކާލްއެވެ. އެންމެ ކައިރީގައެވެ. އެހެނަސް އެންމެ ދުރުގައެވެ.

"ހައި މިކާ......ކޯނޗެއް ކޯޓުތެރޭ" ހަޔާތީ ކުޑަކޮށް ބޯ އަރިކޮށްލައިފިއެވެ.

"ކުޑަ ބުޅަލެއްނު. ޒެއިންއަށް ގިފްޓަކަށް ލިބުނީޔޯ. ޒެއިން ނޭވާއަށް އުނދަގޫވާ ކުއްޖަކަށްވާތީ ދޮންތަ ބޭނުމެއްނުވި. މީތި އެއްލާލަން އުޅުނީމަ ގެނައީ. ޑޯންޓް ވޮރީ. ހީޒް ޕޮޓީ ޓްރެއިންޑް.........." މިކާލް އިސްތަށިގަނޑުން ފެންފޮޅައިލުމުން ތިކިތައް ހަޔާތީގެ މޫނުގައި ޖެހިލިއެވެ.

މިކާލް ހަޔާތީއަށް ފެންނަގޮތަށް ކޯޓު ހުޅުވައިލުމުން ބޮނދައިގެން އޮތް ބުޅާ މައުސޫމްކަމުގެ އިންތިހާއެވެ. ދެލޮލުގައި ދެކުލަ ހުރިތަން ފެނިފާ ހައިރާންވެ ހަޔާތީގެ މޫނަށް އެތައް ކުލައެއް އަރާ ފޭބިއެވެ. ބުޅަލެއްގެ ދެލޮލުގައި ދެކުލަ ހުންނަ ވާހަކައެއް އިވިފައެއް ނުވެއެވެ. އިންސާނުންގެ ތެރޭ މަދުމީހުންނަކަށް ނޫނީ މި ސިފަ ލިބިފައެއް ނުވެއެވެ.

"ކޮން ނަމެއް މިސޮރަށް ކިޔަނީ."

"ނަމެއް ނެތް. ހަޔާ ބޭނުން ނަމެއް ދީ....." މިކާލް ވަރިހަމަ ބޮޑެވެ.

"ބުޅަލަކަށްވުރެ ތީތި ވައްތަރީ ކޮޓްން ކެންޑީއަކާއި. މީތިގަނޑު އެހާ ކަފަކޮށް އޮތީމަ އެކަހަލަ ނަމެއްކަން ނޭނގޭ ގުޅޭނީ. އެހެންވީމަ ކަފަ ލޮލީ ކިޔަމާ........." ހަޔާތީ ސީރިޔަސްވެފައި ބުނި އެއްޗަކުން މިކާލް ހޭންފެށިއެވެ. އެވަގުތުވެސް ހަޔާތީ ވިސްނީ އެ ބުޅާގަނޑު ބޭރުކޮށްލާނެ ގޮތެއްނޭނގިފައެވެ. ކިތަންމެ ލޯތްބަސް ކަފަކޮށް އޮތަސް ބުޅަލެއްވާނީ ބުޅަލަށް ނޫންހެއްޔެވެ؟ އޭނަ ބުޅަލަށް އަނިޔާކުރަން ނޭދުނަސް ގެންގުޅޭހިތެއް ނުވެއެވެ. ބުޅަލެއް ފެނުނަސް ފަކުރުގަންނަގޮތްވެއެވެ. ކެހެރިތަކާއި އެއްޗެހި އުދުހޭއިރު ކުޑަ ތަންކޮޅުގައި އެސޮރުމެން ގެންގުޅޭނީ ކިހިނެއްހެއްޔެވެ؟ އެކަމަކު މިކާލް ދިރޭ އެއްޗިއްސާއިގެން އުޅޭވަރުން އެކަމާއި ދެކޮޅު ހަދާނެ ހިތްވަރެއްވެސް ނުހުރެއެވެ. މިކާލް މާ ހިތްހެވީއެވެ. ޖަނަވާރުންނަށްވެސް އެހާ ރަހުމް ކުރާނެއެވެ. ހަޔާތީ ދޮރު ލައްޕައިލާފަ މިކާލްގެ ކޯޓު ހިއްކަން ހެންގަރެއްގައި އަޅުވައިލިއެވެ. މިކާލް ދެތިންކިބިހި އެއްފަހަރާއެޅިއެވެ. ނޭފަތަށް މަޑު ފިޔާތޮށިކުލައެއް ވެރިވެފާހުއްޓެވެ. ތުނިކޮށް ފަޅާފައި ހުރި ތުނބުޅީގެ ސަބަބުން މިކާލްގެ ޒުވާން ފާޑު ހުއްޓެވެ.

"މިކާ. މައި ލަވް. މި ބޯ ވާރޭތެރޭ އުޅުނީމަ އަރިދަފުސް ތިއެޅީ........" ހަޔާތީ މިކާލްގެ އިސްތަށިގަނޑާއި ކުޅެލިއެވެ. ނަމަވެސް މިކާލްގެ ފަރާތުން ގާތްކަމެއް ނުފެނުނެވެ. އަނގައިން ބަހެއް ނުބުނިތާ އަމަލުންވެސް ރައްދުދޭކަށް ނޫޅުނެވެ. ޚިޔާލެއްގެ ތެރޭ އިންފަދައެވެ. އެކަމާއި އުދަގޫ ވިނަމަވެސް ހަޔާތީ ކެތްކުރިއެވެ. އޭނަ މިކާލްގެ ނަން ޖަހާފައިވާ މަގު ފަރުވާތެރިކަމާއިއެކު ނަގައިގެންގޮސް އިނގުރު ސައިތަށްޓެއްހެދިއެވެ. އިނގުރުގެ ގަދަވަސް މުޅިތަނުގައި ހިފާލައިފިއެވެ. އެނބުރި ބަލައިލިއިރު މިކާލް ގެނައި ކުޑަ ޕެކެޓެއް ކަނޑާލާފައި ތަށިމުށި މައްޗަށް އެތިކޮޅެއް އަޅާލުމުން ބުޅާ އަވަސްއަވަހަށް ކާންފެށިއެވެ. މިކާލް ސޯފާގައި ޖައްސާލަމުން ދެތިންފަހަރު އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. ބޮލުގައި ރިއްސައިގެން އުޅޭ ފަދައަކުންނެވެ. ތެދުވެގެންގޮސް ކުޑަދޮރު ކައިރީ ހުރެ ބޭރަށް ބަލަންފެށިއެވެ. ބެލްކަންޏަށް ނުކުމެ ފޯނެއްގައި ހުރެފައި އައިއިރު މޫނުމަތިން ދަލުގެ އަސަރުފެނެއެވެ. މިކާލް ކޮންކަމަކާ މާ ހާސްވެފައޭ އަހާލަން ހިތަށް އެރިއެވެ. އަބަދުވެސް މިކާލް ސިއްރުވެރިގޮތެއް ހުންނަކަން އެނގޭއިރު އެހާ ސިއްރުން ކުރާ ކަންތައްތައް ކޮނުން ރަގަޅު ނޫންކަމުގައި ހަޔާތީ އަމިއްލަ ނަފުސަށް ވިސްނައިދެއެވެ. މިކާލްގެ އެޕާޓްމެންޓްގައި ތިންކޮޓަރި ހުންނައިރު އެތަނުން އެއްކޮޓަރި އަބަދު ހުންނަނީ ތަޅުލާގައެވެ. އޭނަ ބުނަނީ އޮފީސް ބައިކަމަށެވެ. މަސައްކަތްކުރަން ފަސޭހައީ އެކަނި އިނދެކަމުގައެވެ. މިކާލް ރޭގަނޑު ނުނިދާ އެތާ އިނދެ ކުރާ މަސައްކަތެއް ބަލާކަށްވެސް ހަޔާތީ ނޫޅެއެވެ. އެހާ ވަރުން އެކޮޓަރީގައި ފޮރުވާފައި އެހުންނަނީ ކިހާވަރެއްގެ ކޯންޗެއް ކަމެއްނޭގެއެވެ. ދެވަނަފަހަރަށް ލޯބިވެވުނު މިކާލްފަދަ ޖަވާހިރެއް ކާއިނާތުގައި އަތް ފުނާއެޅިޔަސް ނުފެންނާނެއެވެ. އެހާވެސް ލޯބިވާ ބައިވެރިޔެކެވެ. ހަޔާތީ ސައި ގިރަން ހުރިއިރުވެސް ރާގެއްލާފައި ލަވައެއް ކިޔަމުން ދިޔައެވެ.

"ހިއަޒް ޔޯ ޓީ...."

"ތެންކިއު......" މިކާލް ސައިތަށިން އެތިފޮދެއް ބޯލީ އަނގަޔަށް ގޮތެއް ހަދާލާފައެވެ. މޭޒުމަތީ އޮތް ރިމޯޓުން ޓީވީ ހުޅުވާލައިފިއެވެ. ކުއްލި ޚަބަރުގޮތުގައި ގެނެސްދެނީ ޕާކެއްގައި އެއްޗެއް ގޮއްވާލައިގެން އުޅޭ މަންޒަރެވެ. ހަޔާތީވެސް "ވަޓް ދަ......." އޭ ކިޔާފައި ގޮސް މިކާލްގެ ކައިރީ ހުއްޓިލައިގެން ހުރެފާ ވައިސޫރިއެއްހެން ދުއްވައިގަތީ ކޮޓަރިއާއި ދިމާލަށެވެ. މިފަދަ ޚަބަރެއް މިއިން ޒަމާނެއްގައި ލިބޭނެކަމެއް ނޭގެއެވެ. ރާއްޖޭފަދަ ކުޑަ ގައުމެއްގައި އަނިޔާވެރިކަން ހައްދު ފަހަނަޅައިގޮސް ބޮމް ގޮއްވަން ފެށުމުން އެމީހުންގެ ހާލަކީ ކޮބާހެއްޔެވެ؟ ހިތާމަވެރި ޚަބަރެއް ނަމަވެސް އެޑްރިނޭލިން ރަޝެއް އައިސް އޭނަގެ މުޅިހަށިގަނޑުގައި އާދަޔާ ޚިލާފު ފޯރިއެއް ހިފުވާލައިފިއެވެ. އަލަމާރި ހުޅުވާލާފައި ބޭރުން ލާ ދިގު ކޮޓްން ޖެކެޓާއެކު އެންމެކުރިން އަތު ޖެހުނު އަޅިކުލައިގެ ބުރުގާ އޮޅާލުމަށްފަހު ދަބަސް ހިފައިގެން ނުކުތެވެ.

މިކާލް ވައިލެޓްކުލައިގެ ޕޮލްކާޑޮޓް ޖެހި ކޯޓެއް ދިއްކޮށްލުމުން ހަޔާތީ އޭގައި ހިފަން އުޅުނެވެ. މިކާލް ކޯޓު ލައްވާދޭން ފެށުމުން ހަޔާތީގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. މިކާލް ހާދަ ރަގަޅެވެ. ހާދަ އަޅާލައެވެ.

"ވަރަށް ލޯބިވޭ...." ހަޔާތީ ތުންކޮޅު އޫކޮށްލަމުން މިކާލް މޫނާއި ކައިރިވެލިއެވެ. އެޕާޓްމެންޓުގެ ބޭރުގައި އެހާ ގައިގޯޅިކޮށް އުޅުނު މަންޒަރު އެހެންމީހެއްގެ ލޮލުގައި އަޅައިގަތުމުން މިކާލް ފަހަތަށް ޖެހުނެވެ.

"މިކާ. އަހަރެމެންގެ ރާއްޖެއަށް މިވަނީ ކިހިނެއް؟ ކޮންބަޔެއް މިހާ ވިޔާނުދާ ކަންތައް ކުރަނީ؟ އައި ހޯޕް ނޯ ވަން ގޮޓް ހާޓް. އޯލްރެޑީ އަޅުގަނޑަށް މިނި ހާޓް އެޓޭކެއް ޖެހިއްޖެ............" ހަޔާތީ ބުނެލިއެވެ.

"ލެޓްސް ގޯ ކޮންމެހެންވެސް އެ ސީންއަށް އެޓެންޑް ކުރަން ޖެހޭނެ. މިވަރުގެ ބްރޭކިން ނިއުސް އެއް އަދި ނުލިބޭ ދޯ ހެހެ......................"

"ހޫމް ދެން އަދި ނޭގޭ ބަޔަކު މަރުނުވާކަމެއް. ނުހީ ބަލަ މިކާ ގަނޑާ........" ހަޔާތީ މިކާލްއާއި ދިމާލަށް ލޯ އަޅައިލިއެވެ. ލޯބިންނެވެ. ހަޔާތީ އުޅެގަތީ އޭނަގެ ޓީމަށް ފޯނުން ގުޅައިގެން އެ ޚަބަރު އެންމެ ތާޒާކޮށް ކިޔުންތެރިންނަށް ފޯރުކޮށްދިނުމަށެވެ.

"ތިގޮތަށް ކަޅި އެޅީމަވެސް ހާދަ ރީއްޗޭ މައި ބިއުޓިފުލް ވައިފް. އަބަދަށް ބަލަން ހުރެވިދާނެ. އަބަދަށް ތިހާ އުފާވެރިކޮށް ހުންނަތަން ފެންނާނެނަމަ......" މިކާލް މާނަވީ ހިނިތުންވުމެއް ދިނަސް ތައުރީފުކޮށްލި ލޯބީގެ ލަފުޒުތައްވީ ހިތުގައެވެ. އޭނަވެސް ވެސް ވާރޭ ކޯޓު ލަމުން ހަޔާތީއާއިއެކު ގޮސް ލިފްޓަށް އެރިއެވެ. ކަޅު އަވި އައިނަކުން ލޯ ފޮރުވައިލިއެވެ. ބޭރަށް ނިކުންނަންޏާ މިކާލް އައިނު ނާޅައެއް ނުދާނެއެވެ. ވެވެންޏާ ދިޔައީ މޫނުބުރުގާވެސް އަޅައިގެން ކަން ޔަގީނެވެ. އެކުޑަ ވަގުތުކޮޅުވެސް ހަޔާތީއަށް މިކާލްގެ ގައިގާ ބައްދާނުލާ ނުހުރެވުނެވެ. މިކާލް ޖަހާފައިވާ ސެންޓުގެ މީރުވަހުން ހިތާއި ފުރާނައަށް ދިރުމެއް ލިބުނެވެ. މިކާލް ސައިކަލް ޕާކުކޮށްފައި ހުރިތަނުން ނެރުމުން ހަޔާތީ ސައިކަލްގެ ފަހަތަށް އެރިއެވެ. ބޯ ވާރޭ ތެރޭ ސައިކަލް ފެންގަނޑުތެރޭ ފެންތައް ދެފަރާތަށް ބުރުއްސަމުންދާއިރު ހަޔާތީގެ ބޮލުގައި އަޅާފައިވާ ކޯޓުގައި ބޮޑެތި ފެންތިކިތައް ތަޅާއަޑު މިއުޒިކެއްފަދައިން ކަންފަތުގައި ހަރުލާފައިވިއެވެ. ވާރޭދެކެ ފޫހިވިޔަސް ވާރޭ ތެރެއަށް ނިކުންނަން އުދަގޫވިޔަސް ކޯޓުގައި ފެންތިކިތައް ބޮސްދިނުމުން ކުރެވެނީ އެހެން ކަހަލަ އިހުސާސެކެވެ.

ހަޔާތީ ފޯނު ހުޅުވާލާފައި އެޗް އެމް ނިއުސް ސައިޓަށް ވަދެ ބަލައިލިއިރު އެ ޚަބަރެވެ. ތަފްސީލު އަންނަނީ ކަމުގައެވެ. އެޗްއެމް އަދި ހުޅުވިތާ މިވަނީ ހަފްތާއެއްހާ ދުވަހެވެ. ޖާނަލިޒަމް ކިޔަވަމުން އޭނަ ވަނީ އެޗްއެމް އޮންލައިން ނޫހުގެ ސީއީއޯގެ މަގާމުގައި މަސައްކަތް ފަށާފައެވެ. ނޫސްވެރިކަމަށް ޝައުގުވެރިކަން ހުންނާތީ ކައިވެންޏަށްފަހު މިކާލްވަނީ އޭނަގެ ހުވަފެންތައް ސީދާކުރެވޭނެ މަގު ކޮށާލަދީފައެވެ. އެޗްއެމްގެ ނަމުގައި އޮންލައިން އޮފީހެއް ހުޅުވާލަދީ އެތަނުގެ އިސްވެރިޔަކަށް ހަޔާތީ ހަމަޖައްސައިދިނުމުން ދެކެމުން އައިހާ ހުވަފެންތަކެއް ސީދާވިފަދައެވެ. ނަމަވެސް އެޗްއެމް މަޝްހޫރު ނޫސްތަކާއި ފައި ހަމަ ކުރަން ފުދޭވަރަކަށް ވަގުތު ނަގާނެކަމަށް ހަޔާތީވެސް ގަބޫލުކުރެއެވެ. އުމުރުން އެންމެ ބާވީސް އަހަރުގައި ސީއީއޯއަކަށް ވެވުނީ މިކާލްގެ ވަރަށް ބޮޑު އެހީއަކާއެކުގައެވެ. އޭނަގެ ސްކޫލް ދައުރުގެ ލޯބިވެރިޔާގެ ފަރާތުން ކުރިމަތިކުރުވި ގަނާތަކާއި އަނިޔާތައް ކުރިމަގު ބައްޓަން ކުރަން ލިބުނު ހިތްވަރަކަށް ވިއެވެ.

ޕާކާއި ކައިރިވީއިރު ބޯކޮށް ވެހެމުންދިޔަ ވާރޭ ހުއްޓާލައިފިއެވެ. ފުލުހުންގެ ރީނދޫ ޓޭޕް ދަމާފައިވާއިރު އެތަންވަނީ ކުރައިމް ސީންއަކަށް ބަދަލުވެފައެވެ. ގިނަ ފުލުހުންތަކެއް ހަރަކާތްތެރިވާއިރު ކެމެރާމަނުންނާއި ނޫސްވެރިން ޚަބަރު އޮޅުން ފިލުވާހިތުން ކެތްމަދުވެފައެވެ. އެންމެންގެ މޫނުމަތިން އެކަން ފާޅުވާން ހުއްޓެވެ. މިފަދަ ސީރިޔަސް ހާދިސާއެއް ހިނގައިގެން އުޅޭއިރު އާއްމުންގެ ހިތުގައިވަނީ އިންތިހާ ދަރަޖައިގެ ބިރުވެރިކަން ފެތުރިފައެވެ.

ހަޔާތީ ކުދި ކޯރުތައްހެން ހީވާފެންގަނޑުތައް ހުރަސްކޮށްލާފައި މަގުގެ އަނެއް ފަޅިއަށް އަރަނިކޮށް ސައިކަލެއް އަރާ ހަމަވިއެވެ. އެމީހުން މަޑުކޮށްނުލާ ދިޔުމުން ހަޔާތީ ހިތްހަމަނުޖެހިފައިހުރެ ތަންކޮޅެއް ބާރަށް އެކުދިންނާއި ދިމާލަށް އަޑުލިއެވެ. މަގުން ދުއްވާއިރު ހިތަކަށް ދުއްވައިގެން ނުވާނެނޫން ހެއްޔޭ ކިޔާފައެވެ. މިކާލް ހަޔާތީގެ އަތުގައި ހިފާ އަވަހަށް އެތަނުން ދުރަށް ގެންދާން އުޅުނެވެ. އެގޮތަށް މީހުންނާއި ދިމާލަށް ހަޅޭއްލަވަން ނުވާނެކަމުގައި ބުނެލީ މަޑުމައިތިރިކޮށެވެ. ހަޔާތީ އެކަހަލަ މީހުންދެކެ ބިރުގަތަސް އޭނަ އެކަން ފާޅެއްނުކުރެއެވެ. ދައްކަނީ އެހެން ސިފައެކެވެ. ޖެހިލުންކުޑަކަމާއި ބިރު ނުގަންނަކަމެވެ. ރުޅިވެރިކަމެވެ. އެބަޔަކު ލަދުގަންނަވާލަންވެސް އޭނަ ފަހެއްނުޖެހޭނެއެވެ. މިކާލް ހިތްހަމަނުޖެހޭ ކަމެއް މީހަކު ކުރިޔަސް އަނގައިން ނުބުނެ މައިތިރިވެގެން ހުރުމުން މިކާލް ހަމަ ނުކެރޭ ފިނޑިމީހަކީހެއްޔޭވެސް ހަޔާތީ ހިތަށް އަރައެވެ. މިކާލްއާއި އެޗްއެމް ނިއުސް ޓީމްގެ ބައެއް ސްޓާފުން އެތަނުން ދާން ހިނގައިގަތީ އެކީގައެވެ.

"އެންމެ ޓޫރިސްޓަކަށް އަނިޔާވީ..." ހަޔާތީ ބުނެލިއެވެ.

"އޯހް ސޭޑް..." މިކާލް އިސްތަށިގަނޑު ތެރެއަށް އަތް މަހައިލިއެވެ.

"ހުމް ވަރަށް ދެރަ. ކުއްޖަކަށް އަނިޔާވިނަމަ. މުސްކުޅިއަކަށް ކަމެއްވިނަމަ. ޓެރަރިސްޓުން ނުބަލާ ދޯ އެކަހަލަ ކަންތައްތަކަށް. މިކަންތައް ހުއްޓުވަން އެބަޖެހޭ ހަރުކަށި ފިޔަވަޅު އަޅާ ގާނޫނީގޮތުން ދެވެން އޮތް އެންމެ ބޮޑު އަދަބެއްދިނުން. ސީރިޔަސްކޮށް އަހަންނަށް ކެތެއްނުވޭ އެކަހަލަ ޓެރަރިސްޓް އަމަލުތައް ހިންގީމައެއް. ޓެރަރިސްޓުން ޓްވިން ޓަވަރު ގޮއްވާލީ. އެތަން މިތާ ކިތައް ޓެރަރިސްޓް ހަމަލާދީ ފްލައިޓްތައް ވައްޓާލަނީ. ޕަބްލިކްގައި ކިތައް ބޮން ގޮއްވައިލަނީ. ކިތައް އިނޮސެންޓް ސޯލްއަކަށް އަނިޔާ އެދެނީ. ވިކްޓިމްއިންނަށް ވަނީ ކުށެއްނެތް މައުސޫމް މީހުންތަކެއް. އެކަމާއި ވަރަށް ދެރަވޭ............" ހަޔާތީ އާއި މިކާލް އެހެން މީހުންގެ ފަހަތުން ހިނގާފައި ދިޔައިރު ދެމީހުންވެސް ތިބީ ވާރޭ ކޯޓުލައިގެންނެވެ. ހަޔާތީގެ މޫނުގައި މުތީތައްފަދައިން ވާރޭތިކިތައް ބަބުޅައެވެ. މީކާލްގެ ފަން އިސްތަށިގަނޑުގައި ވާރޭ ތިކިތައް ހަރުލާފައިވާ މަންޒަރު އެހާ ހިތްގައިމެވެ. ހަޔާތީ މިކާލްގެ އަތުގައި ހިފާލަންވެގެން އަތް ޖައްސާލިއިރަށް އަތް ޖީބަށް ޖަހާލިއެވެ.

"އަހަރެމެން ސިމްޕަތީވިޔަސް އެ ފިކުރެއް ނުހުއްޓޭނެ ދޯ. އެހެން ވާހަކައެއް ދައްކަމާ...... "

"މިކާ. ބުނެބަލަ ކޮން ވާހަކައެއް ދައްކަންވީ؟ މޫސުމާއި ބެހޭގޮތުންތަ؟ ނޫނީ ސިޔާސީ ވާހަކައެއްތަ؟ " ސިޔާސީ އޭ ބުނެވުނީތީ ދުލުގައި ދައިގަނެވުނެވެ. އެ މީހުންދެކެ އޭނަ ފޫހިވާ އެންމެ ބޮޑު ސަބަބަކީ އެންމެ މީހެކެވެ. އެމީހަކު ރާއްޖެއިން ބޭރުގައި އެމެރިކާގައި ކިޔަވަން ހުންނައިރުވެސް އެއޮތް ވާ ސިޔާސީއެކެވެ. ރާއްޖޭގައި މިހާރު އޮތް ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔާ އެ ސަރުކާރު ވައްޓާލާނެކަމުގެ އިންޒާރުވެސް ދެނީ މަދެއްކޮށް ނޫނެވެ. ސޯޝަލް މީޑިއާގައި އެންމެ ހޫނުކޮށް ދެކެވެނީ އޭނަގެ ވާހަކައެވެ. މައްސަލައެއް ނެތްތާއެވެ. އެއީ އޭނަގެ އެންމެ ފުރަތަމަ ލޯތްބެވެ. އެންމެ ލޯބިވި އިންސާނާއެވެ. އެކަމަކު އޭނަ ދެރަކޮށްލާފައި ނިކަމެތިކޮށްލީއެވެ. އެންމެންގެ ތެރޭ ބޭޒާރުކޮށްލީއެވެ. ދުވަހެއްގެ ކޮޅުންވެސް އޭނަ މާފެއް ނުކުރާނެއެވެ. ކިތަންމެ ވަރަށް އެދުނަސް އޭނަ ބަލާވެސް ނުލާނެއެވެ. އެބޮޑާ ފޮނި ފިރިހެނާ ހީކުރާނީ އަދިވެސް ހަޔާތީ އޭނައާއިހެދި އުޅޭނެކަމުގައެވެ. އޭނަ މީހަކާއި އިންކަން އެނގުމުން އެއީ ކުށްހީއެއްކަން ޔަގީންވާނެއެވެ.

ސައިކަލަށް އަރާފައި މިކާލް އެދުނީ އޭނައާއިއެކު މަންމަމެންނަށް ޒިޔާރަތްކޮށްލުމަށެވެ. މިކާލްގެ މަންމަގެ މިކާލް ފިޔަވައި އެހެން ފިރިހެންކުއްޖަކު ނުހުރެއެވެ. މިކާލްގެ ދޮންތައާއި ތުއްތަ، ހަގު އަންހެންކޮއްކޮ އަދި މައިންބަފައިންގެ ލޮލުގެ ނޫރަކީ މިކާލްއެވެ. އެއީ ގުޅިގެން އުޅޭ ފުދުންތެރި އާއިލާއެކެވެ. މާލެއިން ބިމެއް ލިބިފައި އޮއްވާ އެމީހުންވަނީ ގެއަޅަން ބަޔަކާ ހަވާލުކޮށްފައެވެ. މިހާރުވަނީ އެތަން ނިމުމަކާއި ހަމައަށް އައިސްފައެވެ. އެހެން އެންމެން އެޕާޓްމެންޓެއް ގަނެގެން އެއްތަނެއްގައި އުޅޭއިރު މިކާލްގެ ބައްޕަވަނީ އޭނަ އުޅެން ވަކި އެޕާޓްމެންޓެއް ހިފާފައެވެ. ތިންކޮޓަރީގެ ތަނެކެވެ. އެހެންމީހުން ދަތިކޮށް އުޅެމުންވެސް މިކާލް އުފަލުން ގެންގުޅެން އެމީހުން ބޭނުންވަނީކަން ނޭނގެއެވެ. އެމީހުންގެ ގެ ހަދައި ނިމުމުން ކޮންމެ ކުއްޖަކަށް އެ ގެއިން އެއް ފްލޯ ލިބޭނެއެވެ. މިކާލްގެ މަންމަ މުފްތިހާގެ އުމުރުން ވާނީ ފަންސާހަކަށް އަހަރެވެ. ދޮންކޮށް ބިޔަކޮށް ހުންނައިރު ކޯޓްގޮތަށް ދޫކޮށް ހެދުން އަޅާ ބުރުގާ އަޅާފައެވެ. އަންހެންކުދިން ތިބެނީ ކަޅުހެދުން ލާފައެވެ. އެއާއިލާގައި އުޅެނީ ދީނަށް ލޯބިކުރާ މީހުންނެވެ. ދޮންތަ މީޝާގެ ވަޒީފާއަކީ ހިޖާމާ ޖެހުމެވެ. ތުއްތަ ހިނާއަކީ އިސްލާމިކް ސްޓަޑީޒްއިން ޑިގްރީއެއް ހަދައިގެން ޓީޗަރެކެވެ. ހަގު އަންހެންކޮއްކޮ ސަނާ އަދި ކިޔަވަނީއެވެ. އެޕާޓްމެންޓަށް ވަންނަ މީހަކު ހައިރާންވާނެއެވެ. ޕާކިސްތާނު ހިސާބުގެ އިހުގެ ގެއަކަށް ވަދެވޭފަދައެވެ. އިސްލާމީ ކުލަ ހުރިހާ ދިމާލަކުން ފެނެއެވެ. ވަށައިގެން ރަތްކުލައިގެ ގޮދަޑިތައް ޖަހާ މެދުގައި އީރާނުގެ ބޮޑެތި ކުރެހުން އެޅި ރަތްދޫލަތަކެވެ. ދޮރުމަތީގައި ގެއަށް ވަންނައިރު ކިޔާ ދުޢާ ލިޔެފައެވެ. ސިޓިންރޫމްގެ ފާރުތައް ފަޅުފިލުވާލާފައިވަނީ ދީނީ ފްރޭމްތަކުންނެވެ. ކާންވެގެން ސުފުރާ ހަދަނީވެސް މިތާގައެވެ.

މިކާލްގެ މަންމަ މުފުތިހާއަށް މިކާލް ފެނުމާއެކު އަރަބިން ސަލާމްކުރާގޮތަށް ގެނެސް މޭގައި ޒުވާން ދަރިފުޅު ޖައްސާފައި ސަލާމްކުރިއެވެ.

"އައްސަލާމް އަލައިކުމް ދަރިފުޅާ. ދެކުދިން ކިހިނެއް؟ " އަމިއްލަ ދަރިއެއްފަދައިން ހަޔާތީވެސް ގެނެސް ގައިގާ ޖައްސައިލަމުން ކޮންމެ ކޮލެއްގައި ވަކިން ބޮސްދިނެވެ. މަންމަމެން މިހާ އަރަބި ފާޑަށް އުޅެނީ ކީއްވެތޯ ދުވަހަކުވެސް ހަޔާތީ ސުވާލު ކޮށްފައެއް ނުވެއެވެ.

"ޝީޒް ލައިކް އެ ސްޕޮންޖް. ސޮފްޓް އެންޑް ވޯމް. ހަގްކޮށްލީމަ މަދަރލީ ފީލިންއެއް.....ބާލީހެއްގައި ބައްދާލެވޭހެން ހީވަނީ. އެނީވޭސް ހީފިލައިފި........" ހަޔާތީ ހިތަށް އެރި އެއްޗަކުން އަމިއްލައަށްވެސް ހިނި އައެވެ.

"ވިއްސާރަ ދުވަހެއްނު. މަންމަ ހުންނާނެ ހޫނުކޮށް ބަޖިޔާ ހަދާލާފައި. ހުރިހާ ކުދިން ޖައްސާލާ. މަންމަގެ މިކާ ވެސް ތަންކޮޅެއް ރަގަޅަށް ކައި. މާ ބޮޑަށް ދަރިފުޅު ތި ހިކެނީ.........." މުފުތިހާ މިކާލްގެ ތަށްޓަށް ހަޔެއްކަ ހޫނު ބަޖިޔާ ލާދިނެވެ. އެކަތި އަތުން ލަވާފައި ކާންދިނެވެ. މިކާ އެނަމަކީ މުފުތިހާ ބުނިގޮތުން އޭނައަށް އެހާ ކަމުގޮސްގެން ކިޔާ ނަމެއްނޫނެވެ. މިކާ އެނަމަކީ މިކާ ކުޑައިރު އޭނަގެ ނަން ކިޔަން އެނގުނުގޮތެވެ. އެންމެންގެ "މިކާ" އަކަށްވީ އެހިސާބުންނެވެ. ކުޑައިރު އަމިއްލައަށް މިކާއޭ ކިޔާ މުޚާތަބު ކުރިޔަސް ފުރާވަރަށް އެޅިފަހުން އެނަން އަމިއްލައަށް ކިޔުން ދޫކޮށްލިއެވެ.

މުފުތިހާގެ ބުރަހެލިކަމުން ހިނގާއިރު އުދަގޫވާނެވަރު ހަޔާތީއަށް އެނގެއެވެ. މިކާލްގެ ކައިރީ އޭނަވަނީ ކިތަންމެ ފަހަރު މަންމައަށް ކަސްރަތުކުރުވާ ތެޔޮއެއްޗެހި ނުކާން ބުނެދީފައެވެ. ހަޔާތީ އަމިއްލައަށް ބުނެފިއްޔާ މަންމަ އޭނަދެކެ ނުރުހުންވެދާނެއެވެ. މިކާލް މަންމައާއި ސަމާސާކޮށް ލޯބިން އުޅޭނެއެވެ. ނަމަވެސް މަންމަ ކުރާހިތުން އުޅޭކަމެއް ހުއްޓުވާކަށް ނޫޅޭނެއެވެ. މިގޭ މީހުންގެ ވިސްނުން ހަޔާތީއަކަށް ކަމަކުނުދެއެވެ. ކުޑަކޮށް ހައްދުފަހަނަޅާފައެވެ. އޭނަ ހެދުން އަޅާގޮތަށް މަންމަ ފާޑުނުކިޔާނެ އިރެއްނުދާނެއެވެ. ނިޔަފަތި ޕެއިންޓްކޮށްލުންވެސް މަނަލެވެ. ބުރުގާ އަޅާލެއް ކުރީއެވެ. ޖެކެޓެއް ކަހަލަ އެއްޗެއް ލިޔަސް ހެދުން ގަޔަށް ބާރީއެވެ. މަންމަ ފާޑުނުކިޔާކަށް ކަމެއް ނޯންނާނެއެވެ. މިކާލްގެ އަތުގައި ހިފާލިޔަސް މަންމަގެ ނުރުހުމުގެ ނަޒަރު ބައްދަލުވާނެއެވެ.

އިރުކޮޅެއްނުވަނީސް ހިނާ ސުފުރާ ފަތުރައިލުމުން އެންމެން އޭގެ ވަށައިގެން ފައި ވަށްކޮށްލައިގެން އިށީނދެއްޖެއެވެ. ކުޑަދޮރުތަކުގެ ބިއްލޫރިގަނޑުތަކުން ބޯކޮށްވާރޭ ވެހޭތަން ފެނެއެވެ. ވިއްސާރަކަމުން ފަނޑު އައްޔެއް ދީފައި އޮތުމުން މޫސުމްގެ ހިތްގައިމުކަން އެގޭތެރޭވެސް ހިފާލައިފާ ވިއެވެ. ދޮންތަގެ ދަރިފުޅު ޒެއިންއާއި ޒުހަލްއާއި ދެކުދިން ބްލޮކްތަކާއި ކުޅެން ބަސްއަހައިގެން ތިބެފައިވެސް މިކާލް ފެނުމުން ގައިގާ ހިފައިގަތެވެ. މިކާލްވެސް އެކުދިން އުރާލާ ލޯބިން އުޅޭއިރު ހަޔާތީވެސް ހުރީ މިކާލް ފަހަތު ޖައްސާލާފައެވެ. ދޮންތަމެން ދާދިއަވަހަށް ސަޔާއި ހެދިކާ ގެނެސް ސުފުރާ ފަޅުފިލުވާލައިފިއެވެ. ކާންފެށިއިރު އެދެކުދިންވެސް އެއްފަރާތުގައި އިށީނދެ ތަށިތަކަށް ހެދިކާ އަޅައިގެން ބިސްމި ކިޔާފައި ކާންފެށިއެވެ. އެންމެނަށް ދެއްކުނީ ހަމަ އެއްވާހަކައެކެވެ. މިއަދު ޕާކުގައި ހިނގާދިޔަ ހާދިސާއެވެ.

"އިސްލާމިކް ސްޓޭޓްކަހަލަ ގްރޫޕަކުން ކުރިކަމެއް ކަމާއިމެދު ޝައްކެއް ނެތް. މާ ދީނީ ބަޔަކަށް ހެދިގެން ތިބެ ދީނުގެ ނަމުގައި ޖަރީމާތައް ހިންގަނީ...." ހަޔާތީ އަވަސްއަވަހަށް ބުނެލުމުން މިކާލް ކުޑަކޮށް ހިނި އަންނަގޮތްވިއެވެ. މިކާލް ހީލިގޮތުން އެއްޗެއް ވިސްނިގެން ހަޔާތީ އެކަން ރަގަޅުކޮށްލަން އެއްޗެކޭ ބުނެލިއެވެ.

"މިހެން ބުނާއިރުވެސް އެނގޭ ކޮންމެ މީހެއްގެވެސް ދައްކަން އުޅޭ ބަޔެއްނޫންކަން މުހިއްމީ. ފަސްޓް އިމްޕްރެޝަންއެއްވެސް ނޫންކަން. އޮންލީ ގޯޑް ނޯސް ވަޓްސް އިން އަވާ ހާޓްސް. ކޮންމެ ބަޔެއްގެ ތެރޭވެސް ނިޔަތް ރަނގަޅު މީހުންނެއް ނޫޅެއެކޭ ނޫން. އެކަމަކު އައި ފީލް ދޭ އާ މިސްގައިޑެޑް......" ހަޔާތީގެ ޚިޔާލު ފައުޅުކުރިއެވެ.

"ކޮންމެ މީހަކުވެސް ހެއްދެވިފަރާތަށް އިޚުލާސްތެރިވީމަ އެނިމުނީ. ހަޔާތީ ވެސް ކަޅު ހެދުން ލާންވީނު ދޮންތަމެން ގޮތަށް..............." މުފުތިހާ ކުއްލިއަކަށް ފަށައިގަތް ވާހަކައަކުން ހަޔާތީ ނުތަނަވަސްވިއެވެ. ނަމަވެސް އޭނަގެ ދިފާއުގައި ކޮންމެވެސް އެއްޗެކޭ ބުނެލަންވާނެއެވެ.

"ކަޅުހެދުން ލުން ހަމަ ވާޖިބެއްތަ މަންމާ. އަޅުގަނޑުވެސް ޑްރެސްކުރަނީ ޑީސެންޓްކޮށް. ދޫ ހެދުން. ވަރަށް ލޯބިވޭ ދީންދެކެ........." ހަޔާތީ އޭނަ ދެކޭގޮތް ހާމަކުރިއެވެ. މިހާރު ކަޅު ހެދުން ލާން ކިޔަންފެށީއެވެ. ހަޔާތީ ދެކޭގޮތުން މާ ހަރުކަށިވެގެން ކަމަކުނުދާނެއެވެ. ދީނަކީ ލުއި ފަސޭހަ ދީނެކެވެ. ކޮންމެ ކަމެއް ހައްދުފަހަނަޅާ ގޮސްގެން "އެކްޓްރީމިސްޓުން"ނަށް ވެއްޖެއްޔާވާނީ ތާލިބާނުންނަށް ނޫންހެއްޔެވެ؟ އަފްޣާނިސްތާނުގައި އެއް އިރެއްގައި ތާލިބާނުން ގެންގުޅުނު އުސޫލުތަކަށް އޭނަ ތާއީދެއްނުކުރެއެވެ. އަންހެނުންނަށް ތައުލީމު އުނގެނުނަނުދީ ޖާހިލް ކަންމަތީ ބައިތިއްބަން ހެޔޮނުވާނެއެވެ. އެފަދަ ހުރިހާ ކަމަކާއި ހަޔާތީ ދެކޮޅެވެ. ހަޔާތީ މުރަނަ ބަޖިޔާކޮޅެއް ރަހަބަލައިލިއެވެ. މީރުކަމުން ބަނޑުފުރާ ކާލެވިދާނެއެވެ.

"މީހުން ލޮލުގައި އަޅައިގަންނަގޮތް ގޮތަށް ހެދުން އަޅާކަށް ނުވާނެ..." މުފުތިހާ އޭނަގެ ޅީ ދަރިފުޅަށް ނަޒަރު ހުއްޓައިލިއެވެ. ލުއި މޭކަޕެއް ކޮށްލާފައި ވާއިރު ފިރިހެނުން އަޅައިގަންނާނެފަދަ ސިފަތަކެއް ހަޔާތީއަށްވެސް ލިބިފައިވޭ ނޫންހެއްޔެވެ؟ ފިތުނަވެރިވާވަރުގެ އަންހެންކުދިން މޫނުވެސް އަޅަންވީއެވެ. ހަޔާތީފަދަ ކުދިން ފޮރުވިފައިވާ ރަންމުތްތަކެއްފަދަ ވާންޖެހޭނެއެވެ. ނަމަވެސް އޭނަގެ މީކާލްގެ އަންހެނުން ތަންކޮޅެއް ކެރޭ ކުއްޖަކީއެވެ. އޭނަ ބުނާ އެއްޗަކަށް ޖަދަލުކުރާކަށްވެސް މިކުއްޖާ ފަހެއް ނުޖެހެއެވެ. ދެރަތަންކޮޅަކީ އެއީއެވެ.

"މަންމާ ބަޖިޔާ ހާދަ މީރޭ. މަންމަތަ ހެދީ؟ " ހަޔާތީ ވާހަކަ އޮޅުވައިލިއެވެ.

"މަންމަ މަސްގަނޑު މޮޑުނީ. ސަނާ ތެލުލީ.." މުފުތިހާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލިއެވެ.

އެގޭގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު މަޣުރިބު ނަމާދަށް ބަންގިގޮވުމުން ބައްޕައާއި މީކާލް ނުކުތީ މިސްކިތަށް ދާށެވެ. ހަޔާތީއަށް ޖެހުނީ މަންމަމެންނާއިއެކު ނަމާދުކުރަން ވަންނާށެވެ. އެތަނަށް ވަނުމުން އެހެން ދުނިޔެއަކަށް ދެވުނުފަދައެވެ. ރޫހާނީ ފިނިކަމެއް ލިބުނެވެ. އެހާ ހިމޭނެވެ. އިމާމުވެ ނަމާދުކުރީ މަންމަ މުފުތިހާއެވެ. ދީނީ އާއިލާއަކަށް ވަދެވުމުން ހަޔާތީގެ ހިތުގައި ކޮންމެވެސް ވަރަކަށް ދީނީ ލޯބި އަށަގެންފިއެވެ. ހުރިހާކަމެއް ފެށުމުގެ އަސްލަކީ އޭނައާއި މިކާލްގެ ކައިވެންޏެވެ. އެކައިވެންޏަށްފަހު އެގެއަށް އަންނާން ފެށުމުން އެއާއިލާ ދަސްވެ ދީނާއިމެދު އެމީހުން ގެންގުޅޭ އުސޫލުތައް އެނގުނެވެ. ގަވާއިދުން ނަމާދުކޮށް ގުރުއާން ކިޔެވުމާއި ދީނީ އެހެނިހެން ކަންތައްތަކުގައި އެ އާއިލާ ގުރުބާންވާވަރު ހަޔާތީއަށް ފެންނަން ފެށިއެވެ. ނަމަވެސް އެހާ އަވަހަށް ކުއްލިއަކަށް ބަދަލުވާނެގޮތެއް ހަޔާތީއަކަށް ނުވިސްނުނެވެ.

ހަޔާތީ އެރޭ ހޮސްޕިޓަލަށް ދާން ނުކުތީ މިކާލް ގޮވައިގެންނެވެ. އަތުގައި ބިހިތަކެއް ނަގައިގެން ހަމުގެ ޑޮކްޓަރަށް އެޕޮއިންޓްމެންޓެއް ހަދާލާފައި އޮތުމުން ދައްކާލާށެވެ. ކިއޫ ނަމްބަރު ޖެހުނުއިރު ހަޔާތީ ފޯނެއްގައި އިންތަން ފެނިފައި މިކާލް އަވަހަށް ހަޔާތީގެ އަތުގައި ކޮށްޓާލިއެވެ. ނަމްބަރު ޖެހުނުކަމަށް ބުނުމުން ހަޔާތީ ހިނި އަންނަގޮތްވިއެވެ. މިކާލް ކިތަންމެ ރީތި ފިރިހެނަކަސް މިއޮތް ގަންނަލަދެކެވެ. އަންހެންކުއްޖެކޭ ތަފާތެއްނެތެވެ. މިކާލް ހަދާގޮތެއް ބަލަން އޭނަ އަދި ފޯނުން ގުޅީމަވެސް ނުދިޔައީއެވެ. އަވި އައިނު އަޅައިގެން މިއޮތް ރޭގަނޑުވެސް އުޅެނީ އަންހެންކުދިން ބަލާތީއެވެ.

"މިކާ.. މިކާ.......ކިހިނެއް ތިހަދަނީ؟" ބޭސް ކޮތަޅު ހިފައިގެން ދެމީހުން އެއްކޮށް ގޮސް ސައިކަލަށް އަރާފައި ހަޔާތީ ހެމުން ކިޔާލައިފިއެވެ.

"ކޮންކަމެއްތަ؟ " މިކާލް ދެނެހުރިކަމަކަށް ނެހެދިއެވެ.

"މިކާ ގޮއްސަ މެމޯ ނެގިޔަސް އެކުދިންނެއް މިކާ ކާލާކަށް ނޫޅޭ. ޔޫ އާ މައިން އޭ. އޮންލީ މައިން. ޔޫ ނޯ ދެޓް ބޭބީ................." ހަޔާތީ ދިމާކޮށްލިއެވެ.

"ހެހެ....." މިކާލް އޭނަގެ ޓްރޭޑް މާކް ހުނުންގަނޑު ޖަހައިލުމުން ހަޔާތީ ބައްދާލާހިތްވިއެވެ. މިކާލްގެ އެހުންނަ ލަދުރަކިކަމާއިއެކުވެސް ފިރިހެންވަންތަކަމެއް ހުރެއެވެ. އޭނައާއި އެއް އުމުރެއްވީމަ ދެން ޅަގޮތެއްވެސް ހުންނަނީކަން ނޭގެއެވެ. ސަޖަލް ބުނާގޮތުން މިކާލްގެ މޫނު އެހާ "ޕްރިޓީ"ވެފައި އެހާ ފިރިހެންވަންތައެވެ. އެންމެ ފިރިހެން ފިރިހެނުންނަށްވުރެ ސަޖަލްއަށްވެސް ރީތީ އެ ޓައިޕް ކުދިންނެވެ. މިކާލްގެ އިސްކޮޅާއި ލިބިފައިވާ ހަށިގަނޑަކީވެސް އޭނަ ރީތިކުރުވާނެ ސިފަތަކެވެ.

ރޭގަނޑުވެސް ހުއްޓާ ނުލާ ބޯކޮށް ވާރޭވެހޭ ހިތްގައިމު އަޑުން މާހައުލުގެ ހިމޭންކަން މުގުރާލާފައިވިއެވެ. ފަޒާގައިވަނީ ފިނި އާތްވެކެވެ. ހަޔާތީ ކުޑަދޮރުތައް ތަންޑު އަޅުވާލާފައި އެންމެ ކުރިން ހެދުން ބަދަލުކޮށްލައިފިއެވެ. ބުރުގާވެސް ނެގިއެވެ. އިލްކެޓްރިކް އުދުން ހުރީމަ ހޫނުނުވާތީ ކިތަންމެހާވެސް އަރާމެވެ. އެވެސް މީކާލް އަޅާލާވަރެވެ. އޭނައަށް ފަސޭހަވާނީ އިލެކްޓްރިކް އުދުނެއް ހުރީމައޭ ކިޔާފައި ގަނެގެން ގެނެސްދިނުމުން ހަޔާތީގެ ހިތަށް އަސަރުކުރިއެވެ. މިކާލްއަށް އެންމެ މީރުވާނީ ޕާސްތާއެވެ. އޭނައަށްވެސް އެންމެ ފަސޭހައިން ތައްޔާރުކޮށްލެވެނީ ނޫޑުލިސް ޕާސްތާ ނޫނީ ސްޕެގެޓީ ކަހަލަ އެއްޗެކެވެ. ޗައިނީޒް ކެއުން އެހާ މީރެވެ. ބައެއްފަހަރު އޯޑަރުކޮށްގެން ޕިއްޒާ ނޫނީ ސަބްމެރިންއެއްކަހަލަ އެއްޗެއް ގެނެސްގެން ކާލިޔަސް އެއީ ވަރަށް އަވަދިނެތި އުޅޭ ދުވަހެއްނޫންނަމަ ހަޔާތީވެސް ކުރާކަމެއް ނުނެވެ. ތަފާތު ވައްތަރުގެ ރެސިޕީތައް ބަލައިގެން އޭނަ ކައްކަން ދަސްކުރަން ބޭނުމެވެ. މިކާލްއަށް ލިބޭ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ބައިވަރެވެ. ގޭގެ ކަރަންޓު ބިލާއި ފެން ބިލް އަދި ވައިފައިއަށް ފައިސާ ދައްކަނީ މިކާލްއެވެ. ވަޒީފާއަކަށް ނުދިޔަސް ކޮޓަރީގައި އިނދެގެން އެކުރާ ކަމަކުން ލިބޭ ފައިސާ މަދުހެނެއް ހިޔެއްނުވެއެވެ. ގޭގެ ހުރިހާ ޚަރަދުތައް މިކާލް ބަލަހައްޓައެވެ. ހަޔާތީ މޭޒު ތައްޔާރުކޮށްފައި މިކާލްއަށް ގޮވައިލުމުން މިކާލް ނިކުމެގެން އައެވެ. އޭނަވެސް ހުރި ނިދަންލާ ހަރުވާޅަކާއިއެކު އަތްދިގު ޓީޝާޓެއްގައެވެ. ކާމޭޒާއި ދިމާލަށް ބޯ މަތީގައި އިން އޮރެންޖް އަލި ދެޒުވާނުންގެ މޫނަށް އެޅިފައިވާއިރު ހިތްގައިމުގޮތަކަށް ވިދަ ވިދާހުއްޓެވެ. ހަޔާތީއަށް އިރުކޮޅެއްވާންދެން މިކާލްގެ މޫނަށް ބަލަން އިނދެވުނެވެ. މިކާލް ރަކިކުރަންވެގެން އަދި ގަދަޔަށް ބެލިއެވެ. އަލަށް ކައިވެނިކޮށްގެން އުޅޭ ޅަ ދެ ލޯބިވެރިންނަށްވުމުން އަދިވެސް އުޅެވެނީ ލަދުންނެވެ.

އާދައިގެ މަތިން ހަޔާތީ ކޮޓަރިއަށް ވަދެ ލެޕް ހިފައިގެން އެނދުމަތީ އާޓިކަލްއެއް ލިޔަން އިށީދެއްޖެއެވެ. ކަޅާއި ހުދުންވާ ފަރުނީޗަރު ސެޓާއިއެކު ދޮރު ފޮތިތަކަށް ދާންދެން ވަނި އެކުލައިގައެވެ. ހަޔާތީ މިކާލްއާއި ކައިވެނިކޮށްގެން އެޕާޓްމެންޓަށް ބަދަލުވުމަށްފަހު އޭނަގެ ފެވެރިޓްކުލަ ކަމަށްވާ ވައިލެޓް ބްލޫ ކުލައިގެ އެއްޗެހި ގެންނަން ބޭނުންވިޔަސް އެހާ އަގު ބޮޑު ފަރުނީޗަރު ސެޓަކަށް ބުނާކަށް ނުކެރުނެވެ. އެހާ ބޮޑު ހޭދައެއްކުރެވޭނީ އެވަރަށް ފައިސާ ލިބުނީމައެވެ. ކަޅާއި ހުދަކީ މާ ފިރިހެން ކުލައެކެވެ. އޭނައަށް އެހާ ހިތްގައިމެއްނޫނެވެ. ނަމަވެސް މިކޮޓަރި ދެކޭ މީހުން ތައުރީފު އޮއްސާލާނެކަން ގައިމެވެ. ހަރުގައި މިކާލްގެ ފޮތްތަކާއިއެކު އޭނަ ގެނައި ވާހަކަ ފޮތްތަކާއި އާޗީ ކޮމިކްތަކެއް އަދި އެހެން ކަހަލަ ފޮތްތަކެއްވެސް ޖަހާފައި ހުއްޓެވެ. މިކާލް ފާޚާނާއިން ނިކުތެވެ. އިސްތަށިގަނޑު ކުޑަކޮށް ތެތްކޮށް އޮތްއިރު މޫނުގައި ފެން ތިކިތައް ހަރުލާފައެވެ. މިއޮތް ފިނީގައިވެސް ފެންވަރައިލީއެވެ.

"އަންނާނަން ކުޑަކޮށް މަސައްކަތެއް ކޮށްލާފައި. ގުޑްނައިޓް ސްވީޓްހާޓް.." މިކާލް ހަޔާތީގެ މޫނުގައި ލުއިކޮށް ބޮސްދީފައި ހިނގައިގަތެވެ.

"ކީއްވެ؟ " ހަޔާތީ އަމިއްލަ ނަފުސާއި ސުވާލުކޮށްލިއެވެ.

އެތައް އިރެއްވީފަހުން ނިދި ލޮލަށް ސަވާރުވިއެވެ. އެއާއިއެކު ޖެހި ބާރު ގުގުރަކާއިއެކު ކުޑަކޮށް ހަޅޭއްލަވައިގަނެފާ ނުކުމެގެން ދުއްވައިގަނެވުނީ މިކާލް ހުރިތަނަކަށް ދާންވެގެންނެވެ. އެދޮރާއި އަރާ ހަމަވެފައި ކުއްލިއަކަށް ޒުވާން ފިރިހެނެއްގެ ހުނުމުގެ އަޑު އިވުމުން ފިޔަވަޅުތައް ހުއްޓުނެވެ. ކުޑަކޮށް ހުޅުވިފައިވާ ދޮރުން އެތެރެއަށް ބަލައިލާހިތުން ކައިރިވެލިއެވެ. އޭރު މޭގަނޑު ތެޅޭވަރުން ބޭރަށް ނުކުމެދާނެފަދައެވެ. ދެވަނަ ގުގުރީގެ އަޑާއިއެކު ދޮރު ފޮތިތަކަށް ތޫނު އައްޔެއް އެޅިގެން ދިޔައެވެ. ވިދުވަރުގެ އައްޔާއެކު ކަންފަތުގައި އަތް އަޅައިލެވިއްޖެއެވެ.

ނުނިމޭ...

comment ކޮމެންޓް
ގުޅޭ ޚަބަރު