އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް މަގާމުން ދުރުކޮށްފި

އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް ވަނީ މަގާމުން ދުރުކޮށްފަ -- ފޮޓޯ: އޭޕީ

ވޮޝިންޓަން (ނޮވެމްބަރު 8): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެގައުމުގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް މަގާމުން ދުރު ކުރައްވައިފި އެވެ.

ސެޝަންސްގެ އިސްތިއުފާގެ ސިޓީގައިވާ ގޮތުން އޭނާ އިސްތިއުފާ ދެއްވަނީ 'ރައީސް ޓްރަމްޕްގެ އެދިލެއްވުމުގެ މަތިން'ނެވެ.

ރައީސް ޓްރަމްޕް ވަނީ ޓުވިޓާ މެދުވެރިކޮށް ސެޝަންސްގެ ހިދުމަތްތަކަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި ވަގުތީ ގޮތުން އެޓާނީ ޖެނެރަލްގެ މަގާމަށް ވަޑައިގަންނަވާނީ ސެޝަންސްގެ ޗީފް އޮފް ސްޓާފް، މެތިއު ވިޓޭކާ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ރަޝިއާއިން ނުފޫޒު ފޯރުވިތޯ ބެލުމަށް ކުރިއަށްގެންދާ ތަހުގީގުން ދުރަށް ޖެހިވަޑައިގަތުމަށް މިދިޔަ އަހަރު ސެޝަންސް ނިންމެވި އެވެ. އޭގެ ސަބަބުން ޓްރަމްޕް ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ސެޝަންސް އެތަހުގީގުން ދުރަށް ޖެހި ވަޑައިގަތުމުން، ތަހުގީގު ކުރިއަށްދާ ގޮތް ބައްލަވާ އެންމެ އިސް ފަރާތަކީ އެޓާނީ ޖެނެރަލްގެ ނައިބު ރޮޑް ރޯޒެންސްޓެއިންއެވެ. ޓްރަމްޕަށް ތަކުރާރުކޮށް ފާޑު ވިދާޅުވެފައިވާ ރޯޒެންސްޓެއިންވެސް މަގާމުން ދުރުކުރާނެ ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް، ރައީސް ޓްރަމްޕް ވަނީ އެފަދައިން އަމަލު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް މުއެލާގެ ތަހުގީގު ކުރިއަށްދާ ގޮތް ދެން ބައްލަވާނީ ވިޓޭކާ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެ އެވެ. ޓްރަމްޕްގެ ސަޕޯޓަރެއް ކަމަށްވާ ވިޓޭކާ ވަނީ މީގެ ކުރިން މުއެލާގެ ތަހުގީގަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެތަހުގީގުން މުއެލާ ދުރުކުރަން ނުވަތަ ތަހުގީގު ހުއްޓުވުމުގެ ބާރުވެސް ވިޓޭކާއަށް މިހާރު ލިބިގެންދާނެ އެވެ.

comment ކޮމެންޓް