ސިޓީ އާއި ރެއާލް މޮޅުވީ ތަފާތު ބޮޑު ނަތީޖާތަކުން

ރޭ ސިޓިއަށް ހެޓްރިކް ހަދައިދިން ގެބްރިއެލް ޖެސޫސް--

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑު ކުޅުނު މެޗުތަކުން ތަފާތު ބޮޑު ނަތީޖާތަކުން މޮޅުވެއްޖެ އެވެ.

ގްރޫޕް އެފްގައި ރޭ ސިޓީ އަމިއްލަ ދަނޑުގައި ނުކުތީ ޔުކްރެއިންގެ ޝަކްތާ ޑޯނެސްކްއާ ދެކޮޅަށެވެ. އެ މެޗު ސިޓީ ކާމިޔާބު ކުރީ 6-0ގެ ނަތީޖާއިންނެވެ. ގްރޫޕް ޖީގައި ރެއާލް މެޑްރިޑް ނުކުތީ ވިކްޓީރިއާ ޕްލަޒެންއާ ދެކޮޅަށެވެ. ރެއާލްއިން ވަނީ ވިކްޓޯރިއާ ޕްލަޒެން ކޮޅަށް ފަސް ގޯލު ޖަހާފަ އެވެ.

ރޭގެ މެޗުގައި ސިޓީގެ ގޯލުތަކުގެ ތެރެއިން ދެ ގޯލު ކާމިޔާބު ކުރީ ފަުރަތަމަ ހާފުގަ އެވެ. ފުރަތަމަ ގޯލު ޑޭވިޑް ސިލްވާ ކާމިޔާބު ކޮށްދިން އިރު ދެވަނަ ގޯލު ލިބުނު ޕެނަލްޓިއަކުން ކާމިޔާބުކޮށްދިނީ ގެބްރިއެލް ޖެސޫސް އެވެ.

ދެވަނަ ހާފުގައި ސިޓީން ޝަކްތާ ކޮޅަށް އިތުރު ހަތަރު ގޯލު ވައްދާލި އިރު އެ ޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ވިންގަރު ރަހީމް ސްޓާލިންނެވެ. ހަތަރު ވަނަ ގޯލަކީ ވެސް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރި ގޯލެކެވެ. އެ ޕެނަލްޓީ ވެސް ކާމިޔާބު ކޮށްދިނީ ޖެސޫސް އެވެ. މެޗު ނިމެން ދަނިކޮށް ރިޔާދް މަހްރޭޒް ވަނީ ގޯލެއް ޖަހައި ސިޓީގެ ލީޑު ފަސް ގޯލަށް ފުޅާ ކޮށްފަ އެވެ. އަދި 90 މިނެޓު ކުޅެ ނިމި ލިބުނު އިތުރު ވަގުތުގެ ތެރޭގައި ޖެސޫސް ވަނީ އޭނާގެ ތިންވަނަ ގޯލު ޖަގައި ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.

މި ނަތީޖާއާ އެކު ސިޓީ އޮތީ ގްރޫޕް އެފްގެ އެއްވަނައިގައި ނުވަ ޕޮއިންޓާ އެކު އެވެ. ރޭ ހޮފަންހައިމްއާ ދެކޮޅަށް ހޯދި މޮޅާ އެކު ދެނަވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ލިޔޯން އެވެ. ތިންވަނައިގައި ތިން ޕޮއިންޓާ އެކު ހޮފެންހައިމް އޮތް އިރު ޝަކްތާ ގްރޫޕުގެ ފުލުގައި އޮތީ ދެ ޕޮއިންޓާ އެކު އެވެ.

ގްރޫޕް ޖީގައި ރެއާލް މެޑްރިޑުން ޕްލަޒެން ކޮޅަށް ގިނަ ގޯލުތައް ވައްދާލީ ފުރަތަމަ ހާފުގަ އެވެ. އެގޮތުން އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ފަސް ގޯލު ޖަހާފަ އެވެ. ފުރަތަމަ ގޯލު 20 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ ކާމިޔާބުކޮށްދިން އިރު އޭގެ ތިން މިނެޓު ފަހުން ކަސިމީރޯ ވަނީ ރޭއާލްގެ ލީޑު ފުޅާކޮށްދީފަ އެވެ. ފުލުފުލުގައި ރެއާލްގެ ގޯލުތައް އަންނަން ފެށި އިރު 37 ވަނަ މިނެޓުގައި ބެންޒެމާ ވަނީ އޭނާގެ ދެވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން ގެރެތް ބޭލް ވަނީ ރެއާލްގެ ހަތަރު ވަނަ ގޯލު ކާމިޔާބު ކޮށްދީފަ އެވެ. ދެވަނަ ހާފުގައި ރެއާލްގެ ފަސް ވަނަ ގޯލު ކާމިޔާބު ކޮށްދިނީ އިތުބާރު މިޑްފީލްޑަރު ޓޯނީ ކްރޫސް އެވެ.

މި ނަތީޖާއާ އެކު ރެއާލް ވަނީ ގްރޫޕުގެ އެއްވަނަ އަށް ޖެހިލާފަ އެވެ. ދެވަނައިގައި އޮތް ރޯމާ ވެސް ރޭ މޮޅުވި އިރު އެ ޓީމަށް ވެސް ލިބިފައި ވަނީ ރެއާލް އާ އެއްވަރަށް ނުވަ ޕޮއިންޓެވެ. ނަމަވެސް ރެއާލް ކުރީގައި އޮތީ ގޯލް ޑިފަރެންސުންނެވެ.

ރޭ ޗެމްޕިއަންސް ލީގުގައި ކުޅުނު އިތުރު މެޗުތަކަށް ބާލާއިރު ބަޔާން މިއުނިކް ވަނީ 2-0ގެ ނަތީޖާއިން އެތެންސް ބަލިކޮށްފަ އެވެ. އެއާއެކު ގްރޫޕް އީގެ އެއްވަނައިގައި އެ ޓީމު އޮތީ 10 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އަށް ޕޮއިންޓާ އެކު އަޔަކްސް އޮތް އިރު ތިންވަނައިގައި ބެންފީކާ އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. އެތެންސް ފުލުގައި އޮތީ އެންމެ ޕޮއިންޓެއް ވެސް ނުލިބި އެވެ.

comment ކޮމެންޓް