އެންމެ އަގުބޮޑު ފިލްމުގެ ޝޫޓިން ނިންމާލައިފި

"މާމުއި"ގެ ޕޯސްޓަރެއް---

ޑާކްރެއިން އެންޓަޓެއިންމެންޓުގެ ފަރާތުން، އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ކޮމެޑީ ފިލްމު "މާމުއި"ގެ ޝޫޓިން ނިންމާލައިފި އެވެ.

"ސަން" އާ ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ(މޮގާ) ބުނީ ފިލްމުގެ ޝޫޓިން ކުރިއަށްދިޔަ ގޮތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ހުރިހާ ތަރިންގެ މަސައްކަތާ މެދު ވެސް ހިތްހަމަޖެހޭ ކަމަށެވެ.

"މި ފިލްމުވާނެ ތަފާތު ފިލްމަކަށް. އެއްފަހަރު ބަލައިފި ނަމަ އަނެއް ފަހަރު ވެސް ބަލާ ހިތްވާނެ. ހެއްވާ މަޖާ ގިނަ ކަންތައްތަކެއް އެކުލެވިގެންވާނެ،"

މޮގާ ބުނީ މި ފިލްމަކީ ހުރިހާ ރަހަތަކެއް އެކުލެވިގެންވާ ތަފާތު މޮޅު ފިލްމެއް ކަމަށެވެ.

"ޝޫޓިން މިހާރު މި ނިންމާލީ. ދެން ބާކީ އޮތީ ދެ ލަވައެއްގެ ޝޫޓިން އެކަނި،"

ފިލްމުގެ އެޑިޓިންގެ މަސައްކަތް ވެސް ނިމި ޑަބިންގެ މަސައްކަތަށް މިސްރާބުޖަހާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން މޮގާ ބުނީ، ފިލްމުގެ ޝޫޓިންގައި ކްރޫއާއި ކާސްޓުންގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބުނު ކަމަށެވެ.

"ވަރަށް ފާގަހަކޮށްލަން ކާސްޓުންގެ ފަރާތުން ލިބޭ އެއްބާރުލުން، ހެޔޮ އެދޭ ފަރާތްތަކުން ލިބޭ އެއްބާރުލުމަށް ހަމަ ޝުކުރިއްޔާ،" މޮގާ ކުރިން ސަން އަށް ބުންޏެވެ.

މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، ސަމާހަތު ރާޒީ، ޝާޔާ، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރު އެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ފިލްމު މާމުއި އިން މި ދާއިރާއަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް ހިމެނޭނެ އެވެ.

"މާމުއި"ގެ ހުރިހާ މަސައްކަތެއް ނިމި ބެލުންތެރިންނާ ހަމަޔަށް އަންނާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ އެއް ވަނަ ދުވަހު އެވެ.

comment ކޮމެންޓް