"ޒީރޯ"ގައި އަނުޝްކާ ކުޅުން ރޯލު ކުޅޭ ހިތުން ރުއިން: ކެޓްރީނާ

"ޒީރޯ"ގެ ލީޑު ތިން ތަރިން....

ބޮލީވުޑްގެ ޑައިރެކްޓަރު އާނަންދު އެލް ރާއީ ޑައިރެކްޓްކޮށް އަންނަ ޑިސެމްބަރު 21 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމު "ޒީރޯ"ގައި އަނުޝްކާ ޝަރްމާ ކުޅުނު ރޯލު ކުޅެން ބޭނުން ވެގެން ރޮއެ އާދޭސް ކުރި ކަމަށް އެ ފިލްމުގައި ދެން ފެނިގެންދާނެ ބަތަލާ ކެޓްރީނާ ކައިފް ބުނެފި އެވެ.

ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކައި، ރިލީޒް ކުރި ވީޑިއޯ އެއްގައި ކެޓްރީނާ ބުނެފައި ވަނީ އެ ފިލްމުގައި އެންމެ ކުޅެން ބޭނުންވީ އަނުޝްކާ ކުޅުނު ރޯލު ކަމަށެވެ. އަދި އެ ރޯލު އޭނާ އަށް ވަކާލާތު ކުރެވޭތޯ ޑައިރެކްޓަރުގެ ގާތު އާދޭސް ކުރެވިފައި ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

"ޒީރޯ"ގެ ޓްރެއިލާ މިހާރު ރިލީޒް ކޮށްފައިވާއިރު އެ ފިލްމުގައި ބަތަލްގެ ރޯލުން ފެންނާނީ ޝާހްރުކް ހާން އެވެ. ޝާހް ކުރު މީހެއްގެ ރޯލު އެ ފިލްމުގައި ކުޅެފައިވާ އިރު އަނުޝްކާ ކުޅެފައި ވަނީ ވީލް ގޮނޑީގައި އިނދެ ތަކްލީފްތައް އުފުލަމުން އަންނަ ސައިންޓިސްޓެއްގެ ރޯލެވެ. އަދި ކެޓްރީނާ "ޒީރޯ"ގައި ފެންނާނީ މަޝްހޫރު ފިލްމީ އެކްޓްރެސް އެއްގެ ރޯލުންނެވެ.

"ޒީރޯ"ގެ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު އެ ފިލްމު ރިލީޒްކުރުމާ ދޭތެރޭ ޕްރޮމޯޝަނަލް އިވެންޓްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ހަބަރުތައް ލިބެ އެވެ.

އެ ފިލްމު ވާނީ ޝާހް އާއި ކެޓްރީނާ އަދި އަނުޝްކާ އެކުގައި ފެންނާނެ ދެވަނަ ފިލްމަށެވެ. މީގެން ކުރިން އެ ތިން ތަރިން ވަނީ ޔަޝް ޗޯޕުރާގެ "ޖަބްތަކްހެ ޖާން" އިން އެކުގައި ފެނިފަ އެވެ.

comment ކޮމެންޓް