ބަޖެޓު ހުށަހެޅުން އަންނަ ހަފްތާގައި

ރައްޔިތުން މަޖިލީހުގެ 2018 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 1 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ / ރައްޔިތުން މަޖިލީސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އަންނަ ހަފްތާ މަޖިލީހަށް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދުގެ ސޯލިހުގެ ފަރާތްޕުޅުން އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވަނީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އެނގިފައިވާގޮތުގައި އަންނަ ހަފްތާގެ އަންގާރަދުވަހު ބަޖެޓު މަޖިލީހަށް ފޮނުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ބަޖެޓުގެ ބަހުސް މަރުހަލާގައި ކޮންމެ މެންބަރަކަށް 15 މިނެޓު އަދި ކޮމެޓީ ރިޕޯޓަށްފަހު ރިޕޯޓަށް ބަހުސްކުރުމަށް ކޮންމެ މެންބަރަކަށް ހަތް މިނެޓު ދިނުމަށްމަޖިލީހުގެ އާންމު ކޮމެޓީ އިން މިއަދު ވަނީ ނިންމައިފައެވެ. މި ނިންމުން މިންމާފައިވަނީ އާންމު ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެލެއްވި 10 މެންބަރުންގެ އިއްތިފާގުންނެވެ.

މާލިއްޔަތު ގާނޫނު ބުނާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހެ އެވެ. އަލަށް އިންތިހާބުވި ސަރުކާރުގެ ފަރާތުން ފިނޭންސް އަށް ބަޖެޓު ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 31 ގައެވެ.

ބަޖެޓު މަޖިލީހުގެ ޖަލްސާ އަށް ހުށަހެޅުން ލަސްވެފައިވާއިރު މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ އާންމު ކޮމެޓީގެ މުގައްރިރު، ކެލާ ދާއިރާގެ މެންބަރު އަލީ އާރިފަށް ސިޓީ ފުޅެއް ފޮނުއްވައިފައެވެ. އެ ސިޓީގައި ވިދާޅުވެފައިވަނީ ބަޖެޓުގެ ބަހުސް މަރުހަލާގައި ކޮންމެ މެންބަރަކަށް 10 މިނެޓު އަދި ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ހަތް މިނެޓު ދިނުމަށް ފެންނަ ކަމަށެވެ.

އެ ގޮތަށް ހުށަހެޅުއްވީ ބަޖެޓު ފޮތްތައް މަޖިލީހުގެ އިދާރާއަށް ލިބުން ލަސްވެ ބަޖެޓު މަޖިލީހުގެ ޖަލްސާ އަށް ތާވަލުކުރުން ލަސްވެފައިވާތިއްޔާއި، މަޖިލީހުގެ ތިންވަނަ ދައުރު ނިމުމަކާ ގާތްވެފައިވާތީ ކަމަށް އެ ސިޓީގައި ބަޔާން ކޮށްފައިވެއެވެ.

comment ކޮމެންޓް