އިންޑިއާގައި އެޕަލް އަށް ޑިމާންޑެއް ނެތް

އެންމެ ކުރިއަރަމުން އަންނަ އިގްތިސޯދުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާގައި ސްމާޓް ފޯނުގެ ބާޒާރުގެ އެއް ވަނަ އެޕަލް އަށް ޑިމާންޑު ނެތްކަމަށް ސާވޭ އަކުން ދައްކައިފި އެވެ.

އިންޑިއާގެ ސްމާޓް ފޯނުގެ ބާޒާރަށް ބަލާއިރު ހައި އެންޑް ޕްރޮޑަކްސްޓަށް ވުރެ ތާއީދު އޮތީ މެދުފަންތީގެ ފޯނުތަކަށެވެ. އެޕަލް އިން އެންމެ ފަހުން ބާޒާރަށް ނެރުނު އައިފޯނު އެކްސް އާރުގެ އަގު އުޅެނީ އިންޑިއާގެ ސްމާޓު ފޯނު ގަންނަ މީހުން ދެ ފޯނު ގަތުމަށް ހޭދަކުރާ އަގުގަ އެވެ.

މިދިޔަ އަހަރު އެލަޕްގެ ތިން މިލިއަން ފޯނު އިންޑިއާގައި ވިއްކި ނަމަވެސް މި އަހަރު އެ އަދަދު ދެ މިލިޔަން ނޫނީ އެއަށް ވުރެ ދަށް ވާނެ ކަމަށް އެ ސާވޭގެ ނަތީޖާ ދައްކަ އެވެ.

"ފޯނު ގަންނަ އިރު ބަލަނީ ކެމެރާ ކޮލެޓީ އަށާއި ސްޓޯރޭޖަށް. ސެމްސަންގު ވަންޕްލަސް ކަހަލަ ބްރޭންޑުތަކުގައި އެބަހުރި އެޕަލް އަށް ވުރެ އަގުހެޔޮކޮށް ކޮލެޓީ އުފެއްދުންތައް. އަބަދު ވެސް އައިފޯނެއް ބޭނުންވޭ، އެކަމަކު އެހާބޮޑު ހަރަދެއް ކުރުމުގެ ބޭނުމެއް ވެސް ނެތް،" ސާވޭ އަށް މައުލޫމާތު ދިން އިންޑިއާގެ ޒުވާނަކު ބުނެފައިވެ އެވެ.

އެޕަލްގެ އުފެއްދުންތައް އިންޑިއާގައި އަގުބޮޑު ވަނީ އިމްޕޯޓު ޑިއުޓީގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އިންޑިއާ އިން އިލެކްޓްރޯނިކް އުފެއްދުންތަކުން ނަގައި ޑިއުޓީ ބޮޑުކުރުމާ އެކު ސެމްސަންގު، ޝޯމީ، އޮއްޕޮ ފަދަ ކުންފުނިތަކުން ވަނީ އިންޑިއާގައި އެމީހުންގެ ފެކްޓްރީތަައް ގާއިމު ކޮށްފަ އެވެ.

comment ކޮމެންޓް