ސެމްސަންގުގެ ފަތްޖަހާލެވޭ ފޯނުގެ ވާހަކަތައް މި ހަފްތާގައި!

---

ސެމްސަންގުން މިހާރު އަމާޒުހިފާފައިވާ އެންމެ ބޮޑު ޕްރޮޑަކްޓަކީ އެކުންފުނީގެ ފޯލްޑަބްލް ފޯނު ނުވަތަ ފަތްޖަހާލެވޭ ފޯނެވެ. މީގެ ކުރިން ސެމްސަންގުގެ އުފެއްދުންތައް ލޯންޗު ކުރުމުގެ ކުރިން ބައެއް ވާހަކަތައް ތޯތޯކޮށް ދެކެވުނު ނަމަވެސް ސީދާ ޕްރޮޑަކްޓާ ގުޅޭ ވަހަކަތައް ކުންފުނިން އިސްނަގައިގެން ހާމައެއް ނުކުރެއެވެ.

އެކަމަކު ފަތްޖަހާލެވޭ ފޯނާ ގުޅުންހުރި މުހިއްމު ވާހަކަތަކެއް ސެމްސަންގުގެ ޑިވެލޮޕާށް ކޮންފަރެންސްގައި ހިއްސާ ކުރާނެއެވެ.

މި ނިންމުމަކީ އެ ކުންފުނީގެ މި ބޮޑު ޕްރޮޖެކްޓަށް ކޮންމެހެން ބެނުންވާނެ ފީޑްބެކް ހޯދައި މި ފޯނަކީ ބާޒާރަށް ނެރޭއިރު ހުރިހާގޮތަކުން އެއްވަނައިގެ ފޯނަކަށް ހެދުމެވެ.

"އަހަރެމެންގެ ޕްލެގްޝިޕް ފޯނުތަކާ ހިލާފަށް ފޯލްޑަބަލް ފޯނަކީ ޔޫޒަރުންނަށްވެސް އަހަރެމެންނަށްވެސް އާ އެއްޗެއް. މީގެ ޑިޒައިން އަދި ޔޫޒާ އެކްސްޕީރިއަންސް ވެސް ތަފާތު. މި ފޯނަށް ކުރަންޖެހޭ މަސައްކަތް ވެސް ތަފާތު،" ސެމްސަންގުގެ އޮފިޝަލަކާ ހަވަލާދީ ރޮއިޓާސްގައި ރިޕޯޓުކޮށްފައިވެއެވެ.

އޭނާ ބުނެފައިވަނީ ފޯނު މާކެޓަށް ނެރުމުގެ ކުރިން ފީޑްބެކް ބޭނުންވާކަމަށެވެ.

"ޑިވެލޮޕަރުންނާ ހިއްސާކޮށް އެ ފޯނު އެންމެ ރަނގަޅު އެއްޗަކަށް ހަދާފައި ނޫނީ ބާޒާރަށް ނުނެރޭނަން،"

ސެމްސަންގުގެ ފޯލްޑަބަލް ފޯނަކީ ފޯނެއްގެ އިތުރުން ޓެބްލެޓެއް ނޫނީ ލެޕްޓޮޕެއްގެ ގޮތުގައިވެސް ބޭނުން ކުރެވޭނެ އުފެއްދުމެކެވެ.

މި ފޯނު ބާޒާރަށް ނެރޭނެ ސީދާ ދުވަހެއް އަދި ނޭނގެއެވެ. ސެމްސަންގުން ލަފާކޮށްފައިވަނީ އަންނަ އަހަރުގެ މެދުތެރޭ އެ އުފެއްދުން ބާޒާރަށް ނެރޭނެ ކަމަށެވެ.

މި ފޯނުގެ އަގު އުޅޭނެކަމަށް ބެލެވެނީ 2000 ޑޮލަރުގައެވެ.

ސެމްސަންގުން ފަތްޖަހާލެވޭ ފޯނެއް ނެރެން ތައްޔާރުވާއިރު ޗައިނާގެ ޓެކް ޖަޔަންޓް ވާވޭއިން ވެސް ދަނީ އަންނަ އަހަރުގެ މެދުތެރޭ 5ޖީ ސަޕޯޓުކުރާ ފޯލްޑެބަލް ފޯނެއް ނެރެން މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް