މިއަހަރު އެންމެ ގިނައިން ބޭނުންކުރި ބަހަކީ ތިމާވެއްޓަ ރައްޓެހި "ސިންގަލް ޔޫސް"

މޫސުމަށް އަންނަ ބަދަލުތަކާ ތިމާވެއްޓާ ގުޅުންހުރި ވާހަކަތަކަކީ މީގެ ކުރިން އެއްވެސް ޒަމާނެއްގައި ނުދައްކާ ވަރަށް މިހާރު ދައްކާ ވާހަކައެކެވެ. ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކުގެ ވާހަކައާއި ތިމާވެއްޓަށް ގެއްލުން ހުރި ކަންތައްތަކުގެ ވާހަކައެވެ.

އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކައާއި އެކަން ބަދަލުކުރަން ކުރަންވީ ކަންތަކުގެ ވާހަކައެވެ.

ކޮލިންސް އިންގްލިޝް ޑިކްޝަނަރީ އިން ހޮވާ 2018 ވަނަ އަހަރުގެ "ވޯޑް އޮފް ދަ އިޔާ" އަށް ހޮވިފައިވަނީ ތިމާވެއްޓާ މިހާރު އެންމެ ރައްޓެހި އެއްބަސް ކަމަށްވާ "ސިންގަލް ޔޫސް" އެވެ. ޕްލާސްޓިކުން ތިމާވެއްޓަށް ކުރާ ނުރަނގަޅު އަސަރުގެ ވާހަކަ ދެއްކުމަށް މިހާރު އެންމެ ގިނައިން ބޭނުންކުރާ ބަހަކީވެސް މިއެވެ.

އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތަކާމެދު ހޭލުންތެރިކޮށް އެފަދަ އުފެއްދުންތައް ބޭނުން ކުރުން ހުއްޓުވުމަށް ސިންގަލް ޔޫސް ޕްލާސްޓިކް އުފެއްދުންތައް ބޭނުންކުރުން މަދުކޮށް ހުއްޓާލުމަށް ދަނީ އެކި ފެންވަރުގައި މަސައްކަތް ކުރަމުންނެވެ.

ބައެއް ގައުމުތަކުގައި ގާނޫނުތަކުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން މަނާކުރަމުންދާއިރު އަނެއް ގައުމުތަކުގައި ފަރުދީ ހައިސިއްޔަތުން މިކަމާމެދު މީހުން ހޭލުންތެރިކުރުމަށް މަސައްކަތްކުރާ މީހުންވެސް އެބަތިއްބެވެ.

ކޮލިންސް އިން މީގެ ކުރިން ހޮވި އަހަރުގެ އެންމެ ފާހަގަ ކުރެވޭ ބަސްތަކަށް ބަލާއިރު 2013 ވަނަ އަހަރު ވޯޑް އޮފް ދަ އިޔާ އަށް ހޮވުނީ "ގީކް" މިބަހެވެ. އޭގެ ޖެހިގެން އައި އަހަރު ވޯޑް އޮފްދަ އިޔާ އަކީ "ފޮޓޯ ބޮމްބް" އެވެ. 2015 ވަނަ އަހަރުގެ ބަހެއްގެ ގޮތުގައި ހޮވާފައިވަނީ "ބިންގް ވޮޗް" އެވެ. 2016 ވަނަ އަހަރުގެ ބަހެއްގެ ގޮތުގައި ބްރެކްސިޓް ހޮވި އިރު މިދިޔަ އަހަރުގެ ބަހަކީ "ފޭކް ނިއުސް" އެވެ.

މިއަހަރުގެ ވޯޑް އޮފް ދަ އިޔާ އަކީ މޫސުމީ ބަދަލުތަކާމެދު މީހުން ހޭލުންތެރި ކުރުމަށް ކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއްކަމަށް ކޮލިންސްގެ ކޮންޓެންޓް ހެޑް ހެލެން ނިއުސްޓެޑް ބުނެފައިވެއެވެ.

comment ކޮމެންޓް