އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ހައުސް އޮފް ރެޕްރެޒެންޓެޓިވް ގެ އަޣްލަބިއްޔަތު ހޯދަނީ

އެމެރިކާގައި ވޯޓުލަނީ

ވޮޝިންޓަން (ނޮވެމްބަރު 8) : އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި ވޯޓުލުން ވަރަށް މަދު ސްޓޭޓެއްގައި ނޫނީ މިހާރު ނިންމާލާފައިވާއިރު މިހާތަނަށް އިއްލާންކޮށްފައިވާ ނަތީޖާތަކަށް ބެލުމުން އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ހައުސް އޮފް ރެޕްރެޒެންޓެޓިވް ގެ އަޣްލަބިއްޔަތު ނަގާނެކަމަށް ރިޕޯޓްތަކުން ހާމަވެއްޖެއެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްގައި ހިމެނޭ 435 ގޮނޑީގެ ތެރެއިން މިހާތަނަށް ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ކަމަށް އެންބީސީ އާއި އޭބީސީ ނެޓްވާކްތައް ބުނެއެވެ. ނަމަވެސް ސެނެޓްގެ އަޣްލަބިއްޔަތު ކުރިއެކޭވެސް އެއްގޮތަށް މިފަހަރުވެސް ހޯދާނީ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީންކަމަށްވަނީ ބެލެވިފައެވެ.

އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި ވޯޓުލަނީ ކޮންގްރެސްގެ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްގައި ހިމެނޭ 435 ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށާއި ސެނެޓްގެ ތިން ކުޅަ އެއްބައި ގޮޑިކަމަށްވާ 34 ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށެވެ. މީގެއިތުރުން އެމެރިކާގެ 50 ސްޓޭޓްގެ ތެރެއިން 36 ސްޓޭޓަށް ގަވަރުނަރުން އިންތިޚާބު ކުރުންވެސް މި އިންތިޚާބުގައި ހިމެނެއެވެ.

މިއީ އެމެރިކާގެ ހަރުކަށި ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ވެރިކަމުގައި ބާއްވާ ފުރަތަމަ އިންތިޚާބު ކަމަށްވުމުން މިއީ ޓްރަމްޕް ގެންގުޅުއްވާ ޕޮޕިއުލިސްޓް ފިކުރުގެ ހަރުކަށި ސިޔާސަތުތަކާމެދު ރައްޔިތުން ގޮތެއްނިންމައި ޓްރަމްޕްގެ ސިޔާސީ މުސްތަގްބަލް ކަނޑައަޅާނެ އިންތިޚާބެއްކަމަށް ވަނީ ބެލެވިފައެވެ. ޓްރަމްޕް ގެ ހަރުކަށި ސިޔާސަތު ބިނާވެފައިވަނީ ހަމައެކަނި އެމެރިކާގެ ދޮންނަސްލުގެ މީހުންނަށް އިސްކަން ދިނުމަށެވެ. މީގެއިތުރުން އަންހެނުން ނިކަމެތި ކުރުމާއި އެމެރިކާގެ ދޮން ނަސްލު ފިޔަވައި ކަޅުނަސްލާއި އަރަބި، އޭޝިޔާ އަދި ލެޓިން ނަސްލާއި އެނޫންވެސް ނަސްލުތުގެ މީހުންނަށް ދަތިކުރުމާއި ހިޖްރައިގެ ކަންތައްތަކުގައާއި މުސްލިމުންނާމެދު އާދަޔާޚިލާފު ހަރުކަށި ސިޔާސަތެއް ގެންގުޅުމުން އެމެރިކާގެ ގިނަބަޔަކުވަނީ އެމީހުންގެ މުސްތަގްބަލާމެދު ސަހަރޯވެ ކަންބޮޑުވެފައެވެ.

އަދި ޓްރަމްޕްގެ ވެރިކަމުގައި ހިންގަވާ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކާ އިދިކޮޅު އަމަލުތަކުގެ ސަބަބުން އެމެރިކާ ދުނިޔޭގައިވަނީ ވަރަށްބޮޑަށް ބޭޒާރުވެ އަގުވެއްޓިފައެވެ. އެހެންކަމުން ޓްރަމްޕްގެ ސިޔާސަތާ ދެކޮޅުހަދާކަން ހާމަކޮށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ކޮންގްރެސްގެ އަޣްލަބިއްޔަތު ހޯދައިދިނުމަށް ޓްރަމްޕްގެ ހަރުކަށި ސިޔާސަތުތަކާ އިދިކޮޅު މީހުން ބޭނުންވެއެވެ. މިކަމަށްޓަކައި ކުރިން ވޯޓާމެދު އަލާނުލާމީހުންވެސް މިފަހަރުގެ އިންތިޚާބުގައި ވޯޓުލާން ނުކުތެވެ. ޓްރަމްޕަށް ތާއީދުކުރަނީ ޕޮޕިއުލިސްޓް ފިކުރުމުގެ މީހުންނާއި ޔަހޫދީ ޒަޔަނިސްޓް ގްރޫޕްތަކާ އެވެންޖެލިކަލްސް ނުވަތަ ނަސާރާ އިންޖީލީ ފިކުރުގެ ހަރުކަށި ދީނީ މީހުންނެވެ.

މި އިންތިޚާބުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ އައްލަބިއްޔަތު ހޯދާނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ ކަމަށް ޚިޔާލު ހޯދުމުގެ ހުރިހާ ސާވޭތަކުންވެސް ވަނީ ހާމަވެފާ. ނަމަވެސް ސެނެޓްގެ އަޣްލަބިއްޔަތު މިހާރުވެސް އޮތީ ރިޕަބްލިކަން ޕާޓީއަށް ކަމަށްވެފައި ސެނެޓްގެ 100 ގޮނޑީގެ ތެރެއިން އިންތިޚާބުކުރަނީ އެންމެ 34 ގޮނޑި ކަމަށްވާތީ ސެނެޓްގެ އަޣްލަބިއްޔަތު އަދިވެސް އޮންނާނީ ރިޕަބްލިކަން ޕާޓީއަށްކަމަށް ސާވޭތަކުންނާއި މިހާތަނަށް އިޢްލާންކުރި ނަތީޖާތަކުންވަނީ ހާމަވެފައެވެ.

ޓްރަމްޕަށް އޭނާގެ ހަރުކަށި ސިޔާސަތުތައް ތަންފީޒުކުރަން ފަސޭހަވެގެން ދިޔައީ ކޮންގްރެސްގެ ދެގެކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވް އާއި ސެނެޓްގައިވެސް އޭނާގެ ރިޕަބްލިކަން ޕާޓީ އަށް އަޣްލަބިއްޔަތު އޮތުމުންނެވެ. ހައުސް އޮފް ރެޕްރެޒެންޓެޓިވް ގެ އަޣްލަބިއްޔަތު ގެއްލުމުން ޓްރަމްޕަށް ވަރަށްބޮޑު ދަތިތަކެއް ކުރިމަތިވެގެންދާނެއެވެ. ސަބަބަކީ ގިނަކަންތައްތަކުގައި ބާރު އޮންނަނީ ސެނެޓަށްވުރެ ހައުސް އޮފް ރެޕްރެޒެންޓެޓިވް ގައި ކަމަށްވާތީއެވެ. މިއާއެކު އެމެރިކާގެ އާންމުންގެ މެދުގައި ޓްރަމްޕްގެ ތާއީދު ކުޑަކަންވެސް މި އިންތިޚާބުގެ ނަތީޖާއިން ހާމަވެގެންދާނެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު