ރަންވީރަށް ރޯހިތުގެ ހިފެހެއްޓުމެއް ނެތް ތައުރީފު!

ރޯހިތު ޝެޓީއާއި ރަންވީރު ސިންގ--

ރޯހިތު ޝެޓީގެ ކުރިއަށް އޮތް ފިލްމު ސިމްބާގެ ޝޫޓިންގ ރަންވީރު ސިންގ އިއްޔެ ވަނީ ނިންމާލައިފައެވެ.

މީގެ ފަސް މަސް ކުރިން ޝޫޓިން ފެށި ރަންވީރު ފިލްމުގެ ސެޓު ދޫކޮށް ދާތީ އެންމެ ބޮޑު އަސަރެއް ކުރީ ހަމަގައިމުވެސް ޑައިރެކްޓަރު ރޯހިތަށެވެ.

ރަންވީރުގެ ހުރިހާ މަމްޒަރުތަކެއް ޝޫޓުކޮށް ނިމުމުން ރޯހިތު ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ރަންވީރަށް ވަރަށް އަސަރުން ފުރިގެންވާ މެސެޖެއް ދީފައެވެ.

ރަންވީރާ ދެމީހުންގެ ފޮޓޮއަކާ އެކު ރޯހިތު ކުރި އެ ޕޯސްޓުގައި ވަނީ އެއީ އެ ދެމީހުން އެކުގައި މަސައްކަތް ކުރި ފުރަތަމަ ފިލްމުކަން ފާހަގަކޮށްފައެވެ. އަދި ފާއިތުވި ފަސް މަސް ދުވަހަކީ ވަރަށް އުފާވެރި މަޖާ ދުވަސްތަކެއް ކަމަށާއި، ކުޅަދާނަ އެކްޓަރެއްގެ އިތުރުން ރަންވީރަކީ ވަރަށް ތެދުވެރި އަދި މަސައްކަތަށް ކަމޭހިތާ މީހެއް ކަމަށް ބުނެ ރޯހިތު ވަނީ ރަންވީރަށް ތައުރީފު ކޮށްފައެވެ.

"އިތުރު މީހަކަށް އެހާ ފުރިހަމައަށް ސިމްބާ އެއް ނުކުޅެވުނީސް"، ރޯހިތު ބުންޏެވެ.

އަދި ސިމްބާއަކީ މިހާތަނަށް ރޯހިތުގެ އެންމެ މޮޅު ފިލްމު ކަމަށް އޭނާގެ ޓީމުވެސް ގަބޫލުކުރާ ކަމަށް ބުނެފައިވެއެވެ.

ރަންވީރު އާއެކު ފިލްމުގެ މަސައްކަތް ފެށި އިރު ރޯހިތުގެ ނަޒަރުގައި އެއީ ހަމައެކަނި ޒުވާން ހުނަރުވެރި އެކްޓަރެއް ކަމަށާއި، ނަމަވެސް މިހާރު ރަންވީރަކީ ކޮއްކޮއެއް ކަހަލަ މީހެއް ކަމަށެވެ.

ޑިސެމްބަރު 28 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ސިމްބާގައި ރަންވީރު އާއެކު ދެން ފެނިގެން ދާނީ ސާރާ އަލީ ޚާން، ސޯނޫ ސޫދް، އަޝުތޯޝް ރާނާ އަދި ސިދާރްތު ޖާދަވް އެވެ. އަދި ރޯހިތުގެ ކާމިޔާބު ފިލްމު ސީރީޒް ގޯލްމާލްގެ ތަރިންގެ ޚާއްސަ ފެނިލުމެއް ވެސް ފިލްމުގައި ހިމެނޭނެއެވެ.

comment ކޮމެންޓް