ބާސާއާ އިންޓަ އެއްވަރު، ޓޮޓެންހަމްއަށް މޮޅެއް

ރޭގެ މެޗުގައި ބާސާގެ ގޯލު ޖަހައިދިން މެލްކޮމް-- ފޮޓޯ: ގެޓީ އިމޭޖަސް

ޗެމްޕިއަންސް ލީގުގެ ގްރޫޕުގެ ބީގައި ރޭ ބާސެލޯނާއާ އިންޓަ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނު އިރު، ޓޮޓެންހަމް ޕީއެސްވީގެ މައްޗަށް ކުރި ހޯދައިފި އެވެ.

ރޭގެ މެޗުން ބާސާއަށް މޮޅެއް ނުލިބުނު ނަމަވެސް އެ ޓީމު ވަނީ ދެވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. އިންޓަ މޮޅުވި ނަމަ އެ ޓީމަށް ގްރޫޕުގެ އެއްވަނަ ނެގުމުގެ ފުރުސަތު ފަހިވެގެން ދިޔައީހެވެ. ނަމަވެސް، ދެ ޓީމު ބައްދަލު ކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ޓޮޓެންހަމް ރޭ ނުކުތީ މޮޅެއް ހޯދަން މަޖުބޫރުވެގެންނެވެ. އެ ޓީމު ޕީއެސްވީގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ.

އިންޓައާ ބާސެލޯނާ ބައްދަލު ކުރި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފެއްދީ ބާސާއިންނެވެ. އެހެން ނަމަވެސް އިންޓަގެ ފަރާތުން ވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ދިޔަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ.

ދެވަނަ ހާފުގައި ނަތީޖާ ނެރެން ބާސާއިން ބަދަލު ކުޅުންތެރިންގެ ގޮތުގައި އާޓޫރޯ ވިޑާލް އާއި މެލްކޮމް ކުޅެން އެރުވި އެވެ. އަދި ނިއަންގޮލަންގެ ބަދަލުގައި އިންޓަ އިން ބޯހާ ވެލޭރޯ އެރުވި އެވެ.

މެޗުގެ ދެ ގޯލު ވެސް ފެނިގެން ދިޔައީ މެޗު ނިމެން ކައިރިވެފައި ވަނިކޮށެވެ. ބާސާއިން ގޯލު ޖެހީ 83 ވަނަ މިނެޓުގަ އެވެ. އެ ގޯލު، ކޯޓީނިއޯ ދިން ބޯޅައަކުން ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުވި މެލްކޮމް އެވެ. އެހެން ނަމަވެސް މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، އިންޓަގެ ކެޕްޓަން މައުރޯ އިކާޑީ ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ޓޮޓެންހަމްއާ ޕީއެސްވީ ބައްދަލު ކުރި މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ޕީއެސްވީ އިންނެވެ. އެ ޓީމުުގެ ގޯލު މެޗު ފަށައިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ލޫކް ޑި ޖޮންގެވެ. ޓޮޓެންހަމްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓިމުގެ ތަރި ހެރީ ކޭން އެވެ. ކޭން ގޯލު ޖެހީ 78 ވަނަ މިނެޓުގަ އެވެ. ޓޮޓެންހަމްއަށް ތިން ޕޮއިންޓު ހޯދައިދިން ގޯލު ވެސް ކާމިޔާބުކޮށްދިނީ ކޭން އެވެ. ބޮލުން ޖެހި އެ ގޯލު އޭނާ ކާމިޔާބުކޮށްދިނީ މެޗު ނިމެން މިނެޓަކަށް ވެފައި އޮއްވަ އެވެ.

މި ނަތީޖާއާ އެކު ގްރޫޕުގެ ބީގެ އެއްވަނައިގައި ހަތަރު މެޗުން 10 ޕޮއިންޓާ އެކު އޮތީ ބާސާ އެވެ. ދެވަނައިގައި އިންޓަ އޮތީ ހަތް ޕޮއިންޓާ އެކު އެވެ. ތިންވަނައިގައި ހަތަރު ޕޮއިންޓާ އެކު ޓޮޓެންހަމް އޮތް އިރު ފުލުގައި އެންމެ ޕޮއިންޓަކާ އެކު އޮތީ ޕީއެސްވީ އެވެ.

comment ކޮމެންޓް