އަރްޖުންއާއި މަލައިކާގެ ކައިވެނި އަންނަ އަހަރުގެ އޭޕްރިލްގައި

ބޮލީވުޑްގެ ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ދޮށީ ފިރިހެން ދަރިފުޅު އަރްޖުން ކަޕޫރުގެ ކައިވެނި އަންނަ އަހަރުގެ އޭޕްރިލް މަހު ކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ލޯބިވެރިޔާ ނެށުންތެރިޔާ، މޮޑެލް އަދި ޕްރެޒެންޓަރު މަލައިކާ އަރޯރާ 45، އާއި އަރްޖުން 33، ކައިވެނިކުރަން ނިންމާފައި މިވަނީ އެކުގައި ގިނަ ދުވަސްތަކެއް އުޅުމަށްފަހުއެވެ.

މި ދެމީހުންގެ ކައިވެނީގެ ވާހަކަތައް ބާރަށް ދެކެވެމުން އައި ނަމަވެސް ރައްޓެހިވެގެން އުޅޭ ކަމަކަށް އެދެތަރިން މިހާތަނަށްވެސް އެއްބަސްވެފައެއް ނުވެއެވެ. ނަމަވެސް ދެމީހުން އެއްކޮށް އިވެންޓްތަކުންނާ ހަފްލާތަކުން ފެނިގެން ގޮސްފައިވެއެވެ.

މަލައިކާގެ 45 ވަނަ އުފަންދުވަސްވެސް ފާހަގަކޮށްފައިވަނީ އަރްޖުންއާ އެކު އިޓަލީގައެވެ.

މަލައިކާ އަކީ ސަލްމާން ހާންގެ ކޮއްކޮ އަރްބާޒް ހާންގެ ކުރީގެ އަންހެނުންނެވެ. އެދެމީހުންގެ ކައިވެންޏަށް ވަނީ ދަރިއެއް ވެސް ލިބިފައެވެ. އަރްބާޒްއާއި އަރޯރާގެ ކައިވެނި ރޫޅުނީ 2015 ވަނަ އަހަރުގައެވެ.

ބޮލީވުޑްގެ ގިނަ ތަރިންތަކެއް މިއަހަރު ކައިވެނިކުރި އިރު ބަތަލާ ދީޕިކާ އާއި ރަންވީރު ސިންހްގެ ކައިވެނި ވެސް އަންނަ މަހުގެ 15 ވަނަ ދުވަހު އޮންނާނެއެވެ. ބަތަލާ ޕްރިޔަންކާ ޗޯޕްރާއާއި ނިކް ޖޯނަސްގެ ކައިވެނި ވެސް އަންނަ މަހު ފަހުކޮޅުގައި ކުރާނެ ކަމަށްވެސް ބޭރުގެ ޚަބަރުތައް ބުނެއެވެ.

comment ކޮމެންޓް