ރިޔާޟު (ނޮވެމްބަރު 6): ސައުދީ އަރަބިއާގައި ފުރަތަމަ ފަހަރަށް އަޅާ ނިއުކްލިއާ ރިސާޗް ރިއެކްޓަރުގެ ބިންގާ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަޅުއްވާދެއްވައިފި އެވެ.
ރޮއިޓާސްގައިވާ ގޮތުން އެރިއެކްޓަރު އެޅުމުގެ މަގުސަދަކީ ސައުދީގައި ހަކަތަ އުފެއްދުމަށް ތެޔޮ އަންދާ މިންވަރު މަދު ކުރުމަށްޓަކައި، ހަކަތަ އުފެއްދުމަށް ނިއުކްލިއާ ޕަވާ ޕްލާންޓެއް ބޭނުން ކުރަން ފެށުމެވެ. އަދި އެގައުމުގެ އަމާޒަކީ 2032 އަންނަންވާ އިރަށް 17 ނިއުކްލިއާ ރިއެކްޓަރު އެޅުން ކަމަށް އެނޫހުގައިވެ އެވެ.
މީގެ އިތުރުން، މިދިޔަ މާޗް މަހު ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާ ނަމަ އެގައުމުން ވެސް އޮތީ ނިއުކްލިއާ ހަތިޔާރު އުފައްދަން ތައްޔާރަށް ކަމަށް ވިދާޅުވެފަ އެވެ.
ސައުދީގެ ކިންގް އަބްދުލްއަޒީޒު ސިޓީ ފޯ ސައިންސް އެންޑް ޓެކްނޮލޮޖީއަށް އިއްޔެ ވަލީއަހުދު ކުރެއްވި ޒިޔާރަތުގައި ވަނީ ހަތް ޕްރޮޖެކްޓެއް ފައްޓަވާ ދެއްވާފަ އެވެ. އޭގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ، އެޓޮމިކް އެނާޖީ، ޑީސެލިނޭޝަން، ޖެނެޓިކް މެޑިސިން އަދި ވައިގެ ދަތުރުފަތުރާ ގުޅުން ހުރި ޕްރޮޖެކްޓުތައް ހިމެނެ އެވެ.
ސައުދީ އަރަބިއާގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ވެސް ދަނީ ހަތަރު ނިއުކްލިއާ ރިއެކްޓަރު އަޅަމުންނެވެ.