ޝާހުއާ ބައްދަލުނުވުމުން ކަރުގައި ވަޅި އަޅައިފި!

ބޮލީވުޑް ރަސްގެފާނު ޝާހްރުކް ޚާން--

އެކްޓަރުންނަކީ ވަރަށް ގިނަ ބައެއްގެ ލޯބި ލިބޭ ބައެކެވެ. އެންމެ ކަމުދާ އެކްޓަރާ ބައްދަލުކޮށްލުމަށް ނުވަތަ އެކްޓަރު އެންމެ ފަހަރަކު ދެކިލުމުގެ މަގުސަދުގައި ބޮޑެތި ގުރުބާނީތައްވާ ސަޕޯޓަރުން އުޅެއެވެ.

އަގު ބޮޑު ޓެޓޫ ޖެހުމާއި އެކްޓަރުންނާ ބައްދަލު ކުރުމަށް ގެއިން ފިލައިގެން ދިއުމުގެ އިތުރުން އެކްޓަރުންގެ ގެއަށް ވަންނަން މަސައްކަތް ކުރުމަކީ ވެސް ބައެއް މީހުން ކުރާ ކަންކަމެވެ. ނަމަވެސް އެންމެ ފަހުން ނޫސްތަކުގެ ސުރުޚީތަކަށް އަރައިފައި ވަނީ އަދި މުޅިން ތަފާތު ވާހަކަ އެކެވެ.

ބޮލީވުޑް ރަސްގެފާނު ޝާހްރުކް ޚާނަށް ސަޕޯޓުކުރާ މީހަކު ދާދި ފަހުން ވަނީ ޝާހު އާއި ބައްދަލުނުވުމުން އަމިއްލަ ކަރުގައި ވަޅި އަޅައި ޒަޚަމްކޮށްލައިފައެވެ. އެ ހާދިސާ ހިނގައިފައި ވަނީ ޝާހު ދިރިއުޅޭ މަންނަތުގެ ބޭރުގައި، މިދިޔަ ހުކުރު ދުވަހުއެވެ.

އަމިއްލަ ކަރުގައި ވަޅިއަޅައިފައި ވަނީ 26 އަހަރުގެ މުހައްމަދު ސަލީމް ކިޔާ މީހެއް ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.

މިދިޔަ ހުކުރު ދުވަހަކީ ޝާހުގެ އުފަންދުވަސް ކަމުން، ޝާހުއަށް ތަހުނިޔާ ކިޔުމަށާއި، ޝާހު ދެކިލުމަށް ގިނަ އަދަދެއްގެ ބަޔަކު މަންނަތު ކުރިމައްޗަށް ޖަމާވިއެވެ. ނަމަވެސް އެއްވެސް މީހަކަށް އެ ގެއާއި ކައިރިނުވެވޭ ގޮތަށް ފުލުހުން އޮތީ މުޅި ސަރަހައްދު ބަންދުކޮށްފައެވެ.

ސަލީމް އަމިއްލަ ކަރުގައި ވަޅި އަޅައިފައި ވަނީ އެހާ ގިނަ އިރު އެތަނުގައި މަޑުކޮށްގެން ވެސް ޝާހު ނުފެނުމުންނެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ސަލީމަށް އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށެވެ.

ޝާހުގެ އުފަންދުވަހު، އޭނާގެ ކުރިއަށް އޮތް ފިލްމު "ޒީރޯ"ގެ ޓްރެއިލާ ވަނީ ރިލީޒްކޮށްފައެވެ. 24 ގަޑިއިރުގެ ތެރޭގައި ޓްރެއިލާއަށް 54 މިލިއަން ވިއުސް ވަނީ ލިބިފައެވެ.

ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ފިލްމު ރިލީޒް ކުރާނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

comment ކޮމެންޓް