ރާޖަޕަކްސަ ބަލައިގަންނާނީ މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުން: މަޖިލިސް ރައީސް

ރައީސް މައިތިރިޕާލާ ސިރިސޭނާ، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަދި މަޖިލީހުގެ ރައީސް ކަރޫ ޖަޔާސޫރިޔާ -- ފޮޓޯ: އައިލަންކާނިއުސް

ކޮލަމްބޯ (ނޮވެމްބަރު 6): ސްރީ ލަންކާގެ ބޮޑުވަޒީރަކީ މަހިންދަ ރާޖަޕަކްސަ ކަމަށް ބަލައިގަންނާނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޮތްކަން ސާބިތުކޮށްދިނުމުން ކަމަށް މަޖިލީހުގެ ރައީސް ކަރޫ ޖަޔާސޫރިޔާ ވިދާޅުވެއްޖެ އެވެ.

ޖަޔާސޫރިޔާ އެފަދައިން ވިދާޅުވެފައި ވަނީ މިދިޔަ މަހުގެ 27ގައި ލަންކާގެ މަޖިލިސް ސަސްޕެންޑުކޮށްފައި ވަނިކޮށެވެ. އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ މަޖިލިސް ބައްދަލުވުމެއް ދެން ބާއްވާނީ އަންނަ ހަފްތާގެ ބުދަ ދުވަހު ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ސިރިސޭނާ މަޖިލިސް ސަސްޕެންޑު ކުރެއްވީ، ރަނިލް ވިކްރަމަސިންހަ ބޮޑުވަޒީރު ކަމުން ދުރުކޮށް އެމަގާމަށް ރާޖަޕަކްސަ އައްޔަން ކުރެއްވުމަށް ފަހުގަ އެވެ.

"މަޖިލީހުގެ ގިނަ މެމްބަރުން ގަބޫލު ކުރަނީ އެބަދަލުތައް ގެނެސްފައި ވަނީ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަމަށް. އެހެންކަމުން (ރާޖަޕަކްސައަށް) އަޣުލަބިއްޔަތު އޮތްކަން ސާބިތު ކުރެވެންދެން އަޅުގަނޑަށް ބަލައިގަނެވޭނީ މީގެ ކުރިން ކަންތައްތައް އޮތް ގޮތް،" ޖަޔާސޫރިޔާ ވިދާޅުވި އެވެ.

ރައީސް ސިރިސޭނާ ވަނީ ރާޖަޕްކްސަ ވެރިކަމަށް އައްޔަން ކުރެއްވީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި މިހާރު މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ ރާޖަޕަކްސައަށް ކަމަށް ވެސް ވިދާޅުވެފަ އެވެ.

ސިރިސޭނާ ވިދާޅުވި ގޮތުގައި އެގައުމުގެ މަޖިލިސް ސަސްޕެންޑު ކުރީ ރާޖަޕަކްސައަށް ތާއިދު ކުރާ މެމްބަރުން ހޯދުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

އަދި މިހާތަނަށް ވިކްރަމަސިންހަގެ ޔުނައިޓެޑް ނެޝަނަލް ޕާޓީއަށް ނިސްބަތްވާ ނުވަ މެމްބަރަކު ވަނީ ސިރިސޭނާ އާއި ރާޖަޕަކްސަގެ ކޯލިޝަނާ ގުޅިވަޑައިގެންފަ އެވެ. އޭގެ ތެރެއިން ފަސް މެމްބަރަކަށް ވަނީ ކެބިނެޓުން މަގާމުތައް ދީފަ އެވެ.

comment ކޮމެންޓް