އިންސާނީ ހައްގުތަކާބެހޭ އދ.ގެ ކައުންސިލްގެ ޖަލްސާގައި ސައޫދީ "ހޫނުފެނަށް"

ޖެނީވާ (ނޮވެމްބަރު 6): އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި ޖަމާލް ޚާޝުގްޖީ ވަރަށް އަނިޔާވެރިކޮށް މަރާލި ސަބަބާއި އެޖަރީމާގެ ފަހަތުގައިވާ ފަރާތްތަކާ އަދި އެކަން ހިނގައިދިޔަ ގޮތް ބައިނަލްއަގްވާމީ މުޖްތަމައަށް ސާފުކޮށް ދިނުމަށް އދ.ގައި ހިމެނޭ 40 ގައުމަކުން ސައޫދީ ސަރުކާރަށް ގޮވާލައިފިއެވެ.

ޖެނީވާގައި ބޭއްވި އިންސާނީ ހައްގުތަކާބެހޭ އދ.ގެ ކައުންސިލްގެ ބައްދަލުވުމުގައި މެންބަރު ގައުމުތަކުން ސައޫދީއަށް ގޮވާލީ އެގައުމުގެ ކޮންސުލޭޓްގައި ޖަމާލް ޚާޝުގްޖީ މަރާލިގޮތް ދުނިޔެއަށް ސާފުކޮށްދިނުމަށެވެ. އަދި އެޖަރީމާ ހިންގަން ޖެހުނު ސަބަބާއި އެޖަރީމާގެ ފަހަތުގައިވާ ފަރާތްތައް ހާމަކޮށްދީ އެފަރާތްތައް ޝަރީއަތުގެ މައްޗަށް ޙާޒިރު ކުރުމަށެވެ. މީގެއިތުރުން ސައޫދީ އިސްކޮށް އޮވެގެން ޔަމަނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ އާންމުންނަށް ހަމަލާދީ އާންމުން މެރުމާއި އެހަނގުރާމައިގެ ސަބަބުން ޔަމަންގެ އެތަށް މިލިޔަން ބަޔަކު ހައިހޫނުކަމާއި ބަލިމަޑުކަން ތަހައްމަލްކުރާތީ އިންސާނީ ހައްގުތަކާބެހޭ އދ.ގެ ކައުންސިލްގެ މެންބަރު ގައުމުތަކުގެ މަންދޫބުން ސައޫދީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރެއްވިއެވެ.

މި ގޮވާލުންތަކާއި ފާޑުކިޔުންތަކަށް އެކަށީގެންވާ ގޮތެއްގައި ރައްދު ދިނުމަށް ސައޫދީ މަންދޫބު ވަނީ ނުކުޅެދިވަޑައިގެންފައެވެ. ސައޫދީ މަންދޫބު ބަންދަރު ބިން މުހައްމަދު ވަނީ ޚާޝުގްޖީގެ މަރުގެ މައްސަލާގައި ހިތާމަކުރައްވާ ކަމަށް ވިދާޅުވެ އެކަން ތަހްގީގު ކުރަމުން ގެންދާކަން ފާހަގަ ކުރައްވައިފައެވެ.

ޔަމަނާ ދެކޮޅަށް ސައޫދީން ކުރަމުން ގެންދާ ހަނގުރާމައިގެ ސަބަބުން އެގައުމުގެ އާންމުން މަރުވެ އެތަށް މިލިޔަން ބަޔަކު ހައިހޫނުކަމާއި ބަލިމަޑުކަން ތަހައްމަލް ކުރަމުން ގެންދާ މައްސަލައަށް އަޅާނުލައްވައި ސައޫދީ މަންދޫބު ދެއްކެވީ ސައޫދީން ޔަމަނަށް ދޭ ހަމަލާތަކުގެ ރައްދުގައި ޔަމަންގެ ޙޫޘީ ޖަމާއަތުން ސައޫދީއަށް ދޭ ރޮކެޓް ހަމަލާތަކުގެ ވާހަކަތަކެވެ. މިގޮތުން ޙޫޘީން ސައޫދީއަށް އަމާޒުކޮށް 200 އަށްވުރެ ގިނަ ރޮކެޓާއި މިސައިލް ފޮނުވާލިކަން ސައޫދީ މަންދޫބު ފާހަގަ ކުރެއްވިއެވެ.

އދ.ގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގްޓެރަސް ވެސް ވަނީ އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި ޖަމާލް ޚާޝުގްޖީ ވަރަށް އަނިޔާވެރިކޮށް މަރާލި މައްސަލައިގެ ހަގީގަތް ހާމަކޮށް އެކަމުގެ ފަހަތުގައިވާ ފަރާތްތައް ހާމަކުރުމަށް ސައޫދީ ސަރުކާރަށް ގޮވާލައްވާފައެވެ.

އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި ޖަމާލް އަލްޚާޝުގްޖީ މަރާލީ އެކަމަށްޓަކައި ޚާއްސަ ޖެޓެއްގައި ސައޫދީ ސަރުކާރުން އިންސަންބޫލަށް ފޮނުވި ބަޔަކު ކަމަށާއި ޚާޝުގްޖީ މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ބުރިކޮށް ހަށިގަނޑުގެ މަސްތައް ވިރުވާލީ ބާރުގަދަ އެސިޑަކަށް ލައިގެން ކަމަށް ތުރުކީންވަނީ ބުނެފައެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ އެޖަރީމާ ހިންގަން އަމުރުކުރީ ސައޫދީގެ އިސް މަގާމުތަކެއްގައި ތިބި ބައެއް ކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް އެކަމުގައި ސަލްމާން ރަސްގެފާނުގެ ބައިވެރިވުން ނެތްކަމަށް އުރުދުޣާން ވިދާޅުވިއެވެ. (އަނަތޯލިޔާ)

comment ކޮމެންޓް