"ފޭކް ނިއުސް"އާ ދެކޮޅަށް ބްރެޒިލްގެ އާ ރައީސް ހަނގުރާމަ އިއުލާން ކުރައްވައިފި

ބްރެޒިލްގެ އިންތިހާބީ ރައީސް ޖައިރު ބޮލްސޮނާރޯ -- ފޮޓޯ: އޭއެފްޕީ

ސައޮ ޕައޮލޯ (ނޮވެމްބަރު 5): ބްރެޒިލްގެ އިންތިހާބީ ރައީސް ޖައިރު ބޮލްސޮނާރޯ "ފޭކް ނިއުސް"އާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރައްވައިފި އެވެ.

ބްރެޒިލްގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ބޮލްސޮނާރޯ ވަނީ "ފޭކް ނިއުސް" ފަތުރާ ނޫސްތަކަށް ސަރުކާރުން ދޭ ފައިސާ ހުއްޓާލާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ވަނީ އެގައުމުގައި އެންމެ ގިނަ އަދަދެއްގެ މީހުން ކިޔާ ފޮލާ ދި ސައޮ ޕައޮލޯ ބޯއިކޮޓް ކުރާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.

"ސަރުކާރުގެ އިޝްތިހާރުތަކާ އެކު، އެއްވެސް ލަދަކާ ނުލައި އެގޮތަށް އަމަލު ކުރާ ނޫސްތަކަށް ދެން ސަރުކާރުގެ އެއްބާރުލުމެއް ނުލިބޭނެ،" ބޮލްސޮނާރޯ ވިދާޅުވި އެވެ.

ފޮލާ ނޫހަކީ ކަނާތު ފިޔައިގެ ސިޔާސަތުތަކަށް އާއްމު ގޮތެއްގައި ފާޑު ކިޔާ ނޫހެކެވެ. އަދި ބޮލްސޮނާރޯގެ ސަޕޯޓަރުން ބުނަނީ އެފަދަ ނޫސްތަކަކީ ވަކި ފަރާތަކަށް ޖެހިފައިވާ ނޫސްތަކެއް ކަމަށާއި އެމީހުން މިހާރު މައުލޫމާތު ހޯދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށެވެ.

ބްރެޒިލްގެ ނޫސްވެރިކަމާ ބެހޭ ޖަމްއިއްޔާތަކުން ވަނީ ފާއިތުވި ދުވަސްތަކުގައި ނޫސްވެރިންނަށްދޭ އިންޒާރުތަކާއި ހަމަލާތައް އިތުރުވެފައިވާ ކަމަށް ބުނެފަ އެވެ. އަދި އޭގެ ތެރެއިން ގިނަ ހަމަލާތައް ދީފައި ވަނީ ބޮލްސޮނާރޯއަށް ތާއިދު ކުރާ ފަރާތްތަކުން ކަމަށް އިންވެސްޓިގޭޓިވް ޖާނަލިޒަމް ގުރޫޕު އަބްރާޖީން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް