އޮލިމްޕިކް ކޮލިފަޔާސް އަށް ގައުމީ އަންހެން ޓީމު ފަލަސްތީނަށް

ރާއްޖެއާ ސިންގަޕޫރު ބައްދަލު ކުރި އެކުވެރިކަމުގެ މެޗެއްގެ ތެރެއިން --- ފޮޓޯ/ ސިންގަޕޫރު އެފްއޭ

އޭއެފްސީ ވިމެންސް އޮލިމްޕިކް ކޮލިފައިން ޓޯނަމަންޓުގެ ފުރަތަމަ ބުރުގެ މެޗުތަކަށް ރާއްޖޭގެ ގައުމީ ސީނިއާ އަންހެން ޓީމު ފަލަސްތީނަށް ފުރައިފި އެވެ.

އޭއެފްސީ ވިމެންސް އޮލިމްޕިކް ކޮލިފައިންް މުބާރާތަކީ 2020 ވަނަ އަހަރު ޖަޕާނުގައި އޮންނަ އޮލިމްޕިކްސް އަށް އޭޝިއާ ސަރަހައްދުން ކޮލިފައިވާ ދެ ޓީމު ހޮވަން ބާއްވާ މުބާރާތަކެެވެ.

އެ މުބާރާތުގެ މެޗުތައް ކުޅެން ގައުމީ އަންހެން ޓީމު ފުރާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

އެ މުބާރާތުގެ ފުރަތަމަ ބުރުގައި ރާއްޖެ ކުޅޭ ތިން މެޗު ކުޅޭނީ ފަލަސްތީނުގަ އެވެ. ރާއްޖެ ހިމެނޭ ޑީ ގްރޫޕުގައި ރާއްޖެ ފިޔަވައި ހިމެނެނީ ފަލަސްތީނު، ޖޯޑަން އަދި އިންޑޮނޭޝިއާ އެވެ.

ރާއްޖެ މުބާރާތުގައި އެންމެ ފުރަތަމަ ކުޅޭނީ ބުރާސްފަތި ދުވަހު ޖޯޑަންއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު އިންޑޮނޭޝިއާއާ ދެކޮޅަށް އަދި ތިން ވަނަ މެޗުގައި ހޯމަ ދުވަހު ފަލަސްތީނާ ދެކޮޅަށް ނުކުންނާނެ އެވެ.

އޭއެފްސީ އޮލިމްޕިކް ކޮލިފައިން މުބާރާތް ކުޅެނީ ހަތަރު ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގައި ހަތަރު ގްރޫޕު ހިމެނޭ އިރު ކޮންމެ ގްރޫޕަކުން އެއްވަނަ ޓީމު އަދި ދެވަނަ ޓީމު ދެވަނަ ބުރަށް ދަތުރު ކުރާނެ އެވެ. އަދި ދެވަނަ ބުރުގައި 12 ގައުމު ތިން ގްރޫޕަކަށް ބަހާލައިގެން ކުޅޭނެ އެވެ. އެ ބުރުގެ ގްރޫޕުތަކުން އެއްވަނަ ލިބޭ ޓީމުތައް ތިންވަނަ ބުރަށް ދަތުރު ކުރާނެ އެވެ. ތިންވަނަ ބުރުގައި އަށް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުޅެން ހަމަޖެހިފައިވާ އިރު އޭގެ ތެރެއިން ދެ ގްރޫޕުގެ އެއްވަނަ އަދި ދެވަނަ ޓީމު ފައިނަލް ބުރަށް ދަތުރު ކުރާނެ އެވެ. ފައިނަލް ބުރަކީ އެ ހަތަރު ޓީމުގެ މެދުގައި ކުޅޭ ޕްލޭ އޮފް ރައުންޑެކެވެ. އޮލިމްޕިކްސްއަށް ކޮލިފައި ވާނީ އެ ބުރުގައި މޮޅުވާ ދެ ޓީމެވެ.

ފީފާ ރޭންކިން އަށް ބަލައި، އޮސްޓްރޭލިއާ، އުތުރު ކޮރެއާ، ޗައިނާ، ދެކުނު ކޮރެއާ އަދި ތައިލެންޑު ވަނީ އޮޓޮމެޓިކުން ތިން ވަނަ ބުރަށް ކޮލިފައި ކޮށްފަ އެވެ. އަދި ވިއެޓްނާމްއާ އުޒްބެކިސްތާން ވަނީ ދެވަނަ ބުރަށް ކޮލިފައި ކޮށްފަ އެވެ. އަދި 2020 ވަނަ އަހަރު އޮލިމްޕިކްސް ބާއްވާ ގައުމު ކަމަށްވާ ޖަޕާނު ވަނީ މުބާރާތަށް އޮޓަމެޓިކުން ކޮފައިވެފަ އެވެ.

comment ކޮމެންޓް