ރާއްޖެ އިޝްތިހާރުކުރަން މިފަހަރުވެސް ޑަބްލިއުޓީއެމް އަށް

ޑަބްލިއުޓީއެމްގައި ހުރި ރާއްޖޭގެ ސްޓޭންޑް --- ފޮޓޯ: ވިސިޓް މޯލްޑިވްސް/ޓްވިޓާ

އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި މިއަހަރުވެސް ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިއަހަރުގެ މި ފެއާގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 65 ކުންފުންޏަކުން 169 މަންދޫބުން ބައިވެރިވެއެވެ. މީގެތެރޭގައި ރާއްޖޭގެ ރިސޯޓްތަކާއި، ހޮޓަލް، ގެސްޓް ހައުސް، ޓްރެވަލް އޭޖެންސީތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކާއި އެއާރލައިން އޮޕަރޭޓަރުން ހިމެނެއެވެ.

މިފެއާރގައި ރާއްޖެ ތަމްސީލުކުރައްވާނީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރުއޮނަރަބަލް މުހައްމަދު ޝިއާން އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ އެކްޓިންގް މެނޭޖިން ޑިރެކްޓަރ އަލްފާޟިލް ހާރިސް މުޙައްމަދެވެ.

އެމްއެމްޕީއާރުސީ އިން ބުނީ ޑަބްލިއުޓީއެމްގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ ގިނަ އަދަދެއްގެ ބަޔަކާ ބައްދަލުވެ، ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ހުރި ފުރުސަތުތަކާމެދު މަޝްވަރާކުރާނެ ކަމަށެވެ. މިއީ މި ސިނާޢަތުގެ ގިނަ ބަޔަކަށް އިޤްތިސާދީ ގުޅުންތައް ރަނގަޅު ކުރުމަށްޓަކައި އޮތް މުހިއްމު ފުރުސަތެއްކަމުގައިވެސް އެމްއެމްޕީއާރުސީ އިން ބުނެއެވެ.

މި ފެއާއަށް ޒިޔާރަތްކުރާ މީހުންނާ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ މަޢުލާމާތު ހިއްސާކޮށް ރާއްޖޭގެ ޤުދުރަތީ
ރީތިކަމާ ހިތްގައިމުކަން ވާރޗުއަލް ރިއަލިޓީ މެދުވެރިކޮށް ތަޖުރިބާކުރުމުގެ ފުރުސަތު ދޭނެއެވެ.

ބައިވެރިންގެ ޝަޢުގުވެރިކަން އިތުރުކުރުމަށްޓަކައި މުބާރާތެއް އިންތިޒާމުކޮށް އެ މުބާރާތުން ހޮވޭ ފަރާތަކަށް، މޯ ހޮޓެލްސް އެންޑް ރިސޯޓުސްގެ ފަރާތުން ރާއްޖެއަށް ޗުއްޓީ ދަތުރެއް ދޭންވެސް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން ރާއްޖޭގެ ސްޓޭންޑްގައި ދިވެހި ސަޤާފަތް އިޝްތިހާރު ކުރުމުގެ ގޮތުން ސަޤާފީ ހެދުން އަދި ދިވެހި ރަހަތައް ވެސް ފެއާގައި ދައްކާލާނެއެވެ.

comment ކޮމެންޓް