ނޮވެންބަރު 14 ގައި ލަންކާގެ މަޖިލިސް ބައްދަލުވުމެއް ބާއްވަން ސިރިސޭނާ އަމުރު ކުރައްވައިފި

ރައީސް ސިރިސޭނާ ވަނީ އަންނަ ހަފްތާގެ ބުދަ ދުވަހު މަޖިލިސް ބައްދަލުވުން ބާއްވަން އަމުރު ކުރައްވާފަ -- ފޮޓޯ: އޭޕީ

ކޮލަމްބޯ (ނޮވެމްބަރު 5): ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމެއް އަންނަ ހަފްތާގެ ބުދަ ދުވަހު ބާއްވަން ރައީސް މައިތިރިޕާލާ ސިރިސޭނާ އަމުރު ކުރައްވައިފި އެވެ.

ލަންކާގެ ރަސްމީ ގެޒެޓުގައިވާ ގޮތުން މަޖިލީހުގެ ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ މިމަހުގެ 14އިގެ ހެނދުނު 10:00ގައި އެވެ. މީގެ ކުރިން ސިރިސޭނާ ނިންމަވާފައި އޮތީ މިމަހުގެ 16އިގައި މަޖިލިސް ހުޅުވުމަށެވެ.

އިއްޔެ ސަންޑޭ ޓައިމްސްއާ ވާހަކަ ދައްކަވަމުން ސިރިސޭނާ ވަނީ ރާޖަޕަކްސައާ ގުޅިގެން އުފައްދާފައިވާ ކޯލިޝަނަށް މަޖިލީހުގެ ގިނަ މެމްބަރުންގެ ތާއިދު ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި އާބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވެސް ވަނީ އޭނާއަށް މިހާރު މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

މިމަހުގެ 26ގައި ބޮޑުވަޒީރުގެ މަގާމުން ދުރުކޮށްފައިވާ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރު ރަނިލް ވިކްރަމަސިންހަ ގެންދަވަނީ މަޖިލިސް ވަގުތުން ހުޅުވުމަށް ގޮވާލައްވަމުންނެވެ.

ނަމަވެސް ޔޫއެންޕީގެ ނުވަ މެމްބަރަކު ވަނީ މިހާތަނަށް ސިރިސޭނާ އިސްކޮށް ހުންނަވާ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ)އާ ގުޅިވަޑައިގެންފަ އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ މެމްބަރުންނަށް ވަނީ ކެބިނެޓުގެ މަގާމުތައް ދީފަ އެވެ.

އެހެންކަމުން ޔޫޕީއެފްއޭގެ މެމްބަރުން ދަނީ ފައިސާ ދީގެން މެމްބަރުން ގަންނަން މަސައްކަތް ކުރަމުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

comment ކޮމެންޓް