ސައުތެމްޓަން ލަދުގަންނަވާލައި ސިޓީ އެއްވަނައަށް، ޗެލްސީ ދެވަނައަށް

ރޭ މެންޗެސްޓާ ސިޓީއާ ސައުތެމްޓަން ބައްދަލު ކުރި މެޗުގެ ތެރެއިން--

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓާ ސިޓީއިން 6-1ގެ ނަތީޖާއިން ސައުތެމްޓަންގެ މައްޗަށް ކުރި ހޯދައި، ލީގު ތާވަލުގެ އެއްވަނައަށް ޖެހިލި އިރު، ޗެލްސީއިން ވެސް ކްރިސްޓަލް ޕެލަސް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

މެޗު ފަށައިގެން މާ ގިނަ އިރުތަކެއް ނުވަނީސް ސައުތެމްޓަންގެ ޑިފެންޑަރު ވެސްލީ ހޫޓް އަށް ހެދުނު ގޯހަކުން އޭނާ އަތުން ބައިކޮޅަށް ލަނޑެއް ވަނެވެ. އެއީ މެޗުގެ ހަ ވަނަ މިނެޓުގައެވެ. ސިޓީއިން ދެވަނަ ގޯލު ކާމިޔާބު ކުރީ 12 ވަނަ މިނެޓުގައެވެ. އެ ގޯލު ސާޖިއޯ އަގުއޭރޯ ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން ދިން ބޯޅައަކުންނެވެ. އަދި އޭގެ ކުޑަ އިރުކޮޅެއް ފަހުން މެޗުގެ 18 ވަނަ މިނެޓުގައި ސިޓީން ވަނީ ލީޑު ތިނަކަށް ފުޅާ ކޮށްފައެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިޑިފީލްޑަރު ޑޭވިޑް ސިލްވާ އެވެ.

ސައުތެމްޓަމްގެ ހަމަ އެކަނި ގޯލަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ޑެނީ އިންގްސް އެވެ. އެ ގޯލު ޖެހިތާ މާ ގިނަ އިރެއް ނަވަނީސް ސިޓީއިން ވަނީ އަނެއްކާ ވެސް ލީޑު ތިން ގޯލަށް ފުޅާކޮށްފައެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ސްޓާލިން އެވެ.

ދެވަނަ ހާފު ފެށިގެން ސިޓީގެ ލިރޯއީ ސާނޭ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއާ އަމާޒުވެފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ސްޓާލިން ވަނީ ސިޓީގެ ފަސް ވަނަ ލަނޑު ޖަހާފައެވެ. ސިޓީގެ ހަ ވަނަ ގޯލަކީ ސްޓާލިން ދިން ބޯޅައަކުން ލިރޯއީ ސާނޭ ކާމިޔާބުކޮށްދިން ގޯލެކެވެ.

ޗެލްސީއާ ކްރިސްޓަލް ޕެލެސް ބައްދަލު ކުރި މެޗު ނިމުނީ 3-1ގެ ނަތީޖާއިން ޗެލްސީ މޮޅުވެގެންނެވެ. މުޅި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބޮޑަށް ގޯލަށް ނުރައްކާ ކުރީ ޗެލްސީންނެވެ.

ޗެލްސީގެ ފުރަތަމަ ގޯލަކީ ޕެޑްރޯގެ އެސިސްޓަކުން އަލްވަރޯ މޮރާޓާ ކާމިޔާބުކޮށްދިން ގޯލެކެވެ. އެއަށް ފަހު ދެވަނަ ހާފު ފެށިގެން ޕެލެސްގެ ޓައުންސެންޑް ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެހެން ނަމަވެސް މެޗުގެ 65 ވަނަ މިނެޓުގައި މޮރާޓާގެ ގޯލަކާ އެކު އަނެއްކާ ވެސް ޗެލްސީން ލީޑު ނެގިއެވެ. އަދި 70 ވަނަ މިނެޓުގައި ޕެޑްރޯގެ ގޯލަކުން ލީޑު ފުޅާ ކުރިއެވެ.

ރޭގެ ނަތީޖާތަކާ އެކު 11 މެޗުން 29 ޕޮއިންޓާ އެކު ސިޓީ އޮތީ ތާވަލުގެ އެއްވަނައިގައެވެ. ޗެލްސީ އަށާއި ލިވަޕޫލްއަށް 11 މެޗުން 27 ޕޮއިންޓު ލިބުނު ނަމަވެސް، ގޯލް ޑިފަަރެންސުން ކުރި ހޯދައި ޗެލްސީ މިވަނީ ތާވަލުގެ ދެވަނަ ހޯދާފައެވެ. ތާވަލުގެ ހަތަރުވަނައިގައި 24 ޕޮއިންޓާ އެކު ޓޮޓެންހަމް އޮތް އިރު އާސެނަލް އޮތީ 23 ޕޮއިންޓާ އެކު ފަސް ވަނައިގައެވެ.

comment ކޮމެންޓް