އާއިލާއިން އެދެނީ ވަސިއްޔަތާ އެއްގޮތަށް ޚާޝުގްޖީގެ ހަށިގަނޑު މަދީނާގެ ބަގީއުގައި ވަޅުލަން

ޚާޝުގްޖީގެ ދެ ދަރިން

ވޮޝިންޓަން (ނޮވެމްބަރު 5) : ޖަމާލް ޚާޝުގްޖީގެ އާއިލާއިން އެދެނީ އޭނާ ކޮށްފައިވާ ވަސިއްޔަތާ އެއްގޮތަށް އޭނާގެ ހަށިގަނޑު މަދީނާގެ ޖަންނަތުލް ބަގީއު ގަބުރުސްތާނުގައި ވަޅުލުމަށް ކަމަށް ޚާޝުގްޖީ ގެ ދެ ފިރިހެން ދަރިކަލުން ވިދާޅުވެއްޖެއެވެ.

މިހާރު އެމެރިކާއަށް ވަޑައިގެން އުޅުއްވާ އެދެ ބޭފުޅުން "ސީއެންއެން"އަށް ދެއްވި ވަރަށް ޚާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ އެއާއިލާއަށް މިހާރު އެންމެ މުހިއްމުވަނީ ބައްޕަ ގެ ހަށިގަނޑު އިސްލާމީ ޝަރީއަތާ އެއްގޮތަށް ވަޅުލުމަށް ކަމުގައެވެ. މަދީނަތުލްމުނައްވަރާ ގައި ވަރަށް ގިނަ ސަޙާބީން ވެސް ފަސްދާނުލާފައިވާ މަޝްހޫރު އަލްބަޤީޢު ގަބުރުސްތާނުގައި ބައްޕަގެ ހަށިގަނޑު ވަޅުލުމަކީ ބައްޕަގެ ވަސިއްޔަތެއްކަމަށް ޚާޝުގްޖީގެ ދެ ދަރިން ކަމަށްވާ ސަލާހް އާއި އަބްދުﷲ ވިދާޅުވިއެވެ.

ޖަމާލް އަލްޚާޝުގްޖީގެ މަރާބެހޭގޮތުން އެދެބެއިން ވިދާޅުވީ ބައްޕަގެ މަރުގެ ޖަރީމާއާ ގުޅުންހުރި ކޮންމެ މީހަކަށް ދޭންޖެހޭ ހައްގު އަދަބު ދޭނެކަމުގެ ޔަގީންކަން ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވި ކަމަށާއި އެގޮތަށް ސައޫދީ ސަރުކާރުން އަމަލުކުރާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައެވެ. އަދި ބައްޕަގެ ހަގީގީ ގާތިލުން އެނގޭނެކަމަށާއި އެމީހުންނަށްވެސް ހައްގު އަދަބު ލިބޭނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. ޚާޝުގްޖީގެ ޝަޚްސިއްޔަތާބެހޭގޮތުން އޭނާގެ ދެ ދަރިން ކަމަށްވާ ސަލާހް އާއި އަބްދުﷲ ވިދާޅުވީ އެއީ ހެޔޮލަފާ އަދި ދަރިންނަށާއި ކާފަދަރިންނަށް އަދި މުޅި އާއިލާއަށް އޯގާތެރި އަޅާލާ ބައްޕައެއް ކަމުގައެވެ.

އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި ޖަމާލް ޚާޝުގްޖީ އަވަހާރަކޮށްލިއިރު ސަލާހް އާއި އަބްދުﷲ ތިއްބެވީ ސައޫދީ އަރަބިއްޔާގައެވެ. ސަލާހް އާއި އަބްދުﷲ އެމެރިކާއަށް ވަޑައިގަތީ އެމެރިކާގައި އުޅޭ އެ އާއިލާގެ މެންބަރުންނާ ބައްދަލު ކުރެއްވުމަށެވެ.

އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި ޖަމާލް އަލްޚާޝުގްޖީ އަވަހާރަކޮށްލީ އެކަމަށްޓަކައި ޚާއްސަ ޖެޓެއްގައި އިންސަންބޫލްއަށް ދިޔަ ބަޔަކު ކަމަށާއި ޚާޝުގްޖީ އަވަހާރަކޮށްލުމަށްފަހު އޭނާގެ ހަށިގަނޑު ބުރިކޮށް ހަށިގަނޑުގެ މަސްތައް ވިރުވާލީ ބާރުގަދަ އެސިޑަކަށް ލައިގެން ކަމަށް ތުރުކީންވަނީ ބުނެފަ އެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ އެޖަރީމާ ހިންގަން އަމުރުކުރީ ސައޫދީގެ އިސް މަގާމުތަކެއްގައި ތިބި ބައެއް ކަމަށާއި ނަމަވެސް އެކަމުގައި ސަލްމާން ރަސްގެފާނުގެ ބައިވެރިވުން ނެތްކަމަށެވެ.

(ސީއެންއެން+އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު