"ބަދާއީ ހޯ" އާއެކު އާޔޫޝްމަން 100 ކުރޯޑް ކުލަބަށް!

ބޮލީވުޑް އެކްޓަރު އާޔޫޝްމަން ޚުރާނާގެ އެންމެ ފަހުން ރިލީޒްކުރި ފިލްމު "ބަދާއީ ހޯ" އަށް 100 ކުރޯޑް ރުޕީޒްގެ ބޮޑު އާމްދަނީއެއް ލިބިއްޖެއެވެ. މިއީ އާޔޫޝްމަންގެ ފިލްމަކަށް 100 ކުރޯރު ލިބުނު ފުރަތަމަ ފަހަރެވެ.

ފިލްމަށް 100 ކުރޯޑް ލިބުނީ ހޮނިހިރު ދުވަހު ފިލްމުގެ ވިޔަފާރި ރަނގަޅުވެ، އެދުވަހު ލިބުނު 3.50 ކުރޯޑާ އެކުއެވެ. އެއީ ކުޑަ ބަޖެޓަކުން، ބޮޑެތި އެކްޓަރުން ތަކެއް ނެތި އުފެއްދި ފިލްމެއް ނަމަވެސް، ފިލްމަށް 100 ކުރޯރު ލިބޭނެކަން ޓްރޭޑް އެނަލިސްޓުން ވަނީ ވަރަށް ކުރިން ވެސް ޔަގީންކޮށްދީފައެވެ.

އެއީ ފިލްމުގެ ވާހަކަ ތަފާތުވެފައި، ގެނެސްދީފައިވާ ފުރިހަމަކަމުންނެވެ. ފިލްމުގެ ޓްރެއިލާ ރިލީޒްކުރި ހިސާބުންވެސް ފިލްމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

އާޔޫޝްމަން، ސަނާޔާ މަލޯތުރާ، ނީނާ ގުޕްތާ އަދި ގަޖްރާޖް ރާއޯ މުހިންމު ރޯލުތައް ކުޅެފައިވާ އެ ފިލްމުގައި ފެނިގެންދަނީ އާޔޫޝްމަންގެ ދުވަސްވީ މައިންބަފައިންނަށް ކުއްޖަކު ލިބެން އުޅޭ ޚަބަރާއެކު އާޔޫޝްމަންގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތެވެ.

އެ ފިލްމަށް ބެލުންތެރިންނާއި ކްރިޓީކުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު އެއީ އާޔޫޝްމަންގެ ކެރިއަރުގެ 10 ވަނަ ފިލްމެވެ.

މިއަހަރަކީ އާޔޫޝްމަންއަށް ވަރަށް ކާމިޔާބު އަހަރެކެވެ. މިދިޔަ މަހު އޭނާގެ ފިލްމު “އަންދާދުން” ރިލީޒްކޮށްފައި ވާއިރު، އެ ފިލްމަށް ވެސް ބޮޑު ކާމިޔާބެއް ވަނީ ލިބިގެން ގޮސްފައެވެ.

comment ކޮމެންޓް