އެމެރިކާ އީރާނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް ބޮޑެތި ބާރުތަކުގެ އެއްބާުރުލުމެއް ނެތް

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް މާދަމާ އިޢްލާން ކުރާނެއެވެ. މިފިޔަވަޅުތައް އިޢްލާންކުރުމުގެ ކުރިން ދުނިޔޭގެ ބޮޑެތި ބާރުތަކުންވަނީ އެފިޔަވަޅުތަކަށް އެއްބާރުލުން ނުދޭނެ ކަމަށް ފާޅުގައި ބުނެފައެވެ.

ރަޝިޔާއަށް ބަލާއިރު އެގައުމުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެއްބާރުލުން ނުދޭނެ ކަމަށާ އެތައް ގައުމެއް ބައިވެރިވާ އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމުން އެކަހެރި ގޮތެއްގައި އެމެރިކާވަކިވެ އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ ރަޝިޔާ ބަލައިގަންނާނެ ކަމެއް ނޫންކަމުގައެވެ. އަދި އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމުގައި ރަޝިޔާ ދެމިއޮތުމުގެ އިތުރުން އީރާނާއެކު އިގްތިސާދީ އަދި ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި ރަޝިޔާ ދެމިއޮންނާނެ ކަމަށްވެސް ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާން ބުނެއެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކާމެދު ކަންބޮޑުވާކަން ޔޫރަޕްގެ އިއްތިޙާދުންވެސް ވަނީ ހާމަކޮށްފައެވެ. 27 ގައުމު ހިމެނޭ ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރު ފްރެޑްރިކާ މޮގިރީނީ ވިދާޅުވީ އީރާނުގެ ނިއުކްލިޔަރ އެއްބަސްވުން ދެމެހެއްޓުމަށާއި އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރިޔަށްގެންދިޔުމަށް ޔޫރަޕުން މަސައްކަތްކުރާނެ ކަމުގައެވެ. އަދި އެމެރިކާގެ ފިޔަވަޅުތައް ބަލިކަށިކޮށް އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރިޔަށްގެންދިޔުމަށް ޔޫރަޕުން ގާއިމްކުރާ ޕޭމަންޓް ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް އަވަސްކުރާނެ ކަމަށްވެސް މޮގިރީނީ ވިދާޅުވިއެވެ.

ޗައިނާއިންވެސްވަނީ އެމެރިކާގެ ފިޔަވަޅުތަކަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނެފައެވެ. ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތަކީވެސް އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމުގެ ބައިވެރިން ކަމަށްވާތީ އެދެގައުމުންވެސް ވަނީ އެމެރިކާގެ ފިޔަވަޅުތަކާ ދެކޮޅަށް ވާހަކަ ދައްކާފައެވެ.

އެމެރިކާއިން އީރާނާދެކޮޅަށް އަޅާ ފިޔަވަޅުތައް މިމަހުގެ 5 ވަނަ ދުވަހު ތަންފީޒުކުރަން ފަށާއިރު އެ ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ އީރާނުގެ ތެލުގެ ވިޔަފާރި އެއްކޮށް ހުއްޓުވައިގެން އީރާންގެ އިގްތިސާދު އިނދަޖައްސާލުމަށެވެ. އީރާނުގެ އިތުރުން އެގައުމުގެ ތެޔޮ ގަންނަ ގައުމުތަކާ ދެކޮޅަށްވެސް ފިޔަވަޅުއެޅުން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޕެކެޖްގައި ހިމެނެއެވެ. ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އީރާން އިނދަޖައްސާލުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫންކަމާ ދުނިޔޭގެ ގައުމުތަކުގެ މަސްލަހަތު އޮތްގޮތުން އީރާނުގެ ތެލުގެ ވިޔަފާރި އެމެރިކާއަށް ނުހުއްޓުވޭނެ ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.

އެމެރިކާ ވަނީ އެމެރިކާ އެދޭގޮތަށް ނިއުކްލިޔަރ އެއްބަސްވުމެއް އަލުން އެކުލަވާލުމަށްޓަކައި މަޝްވަރާ ކުރުމަށް އީރާނަށް ތަކުރާރުކޮށް ގޮވާލާފައެވެ. މިކަމަށްޓަކައި އީރާނުގެ ރައީސް ހަސަން ރޫހާނީއާ ބައްދަލުކުރުމަށް އެތައް ފަހަރަކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވެއެވެ. ނަމަވެސް އީރާނުންވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

އީރާނާ ދެކޮޅަށް އެމެރިކާ އަޅާ ފިޔަވަޅުތަކުން އިސްތިސްނާ ވުމުގެ ފުރްސަތު އެމެރިކާއިން ދިނީ 8 ގައުމަކަށެވެ. އެއީ ކޮންގައުމުތަކެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ. އެމެރިކާގެ ފިޔަވަޅުތަކުން އިސްތިސްނާ ވުމުގެ ފުރްސަތު ލިބޭ ގައުމުތަކުގެ ތެރޭގައި އިންޑިޔާ ހިމެނޭކަމަށް އެގައުމުގެ ތެލާބެހޭ ވަޒީރު ދަރްމެންދްރާ ޕަރަދާން ވަނީ ވިދާޅުވެފައެވެ. ނިއުދިއްލީގައި ހޮނިހިރު ދުވަހު ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ދަރްމެންދްރާ ވިދާޅުވީ އިންޑިޔާއިން އީރާނުގެ ތެޔޮގަތް ނަމަވެސް އިންޑިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ނާޅާނެކަމުގެ ޔަގީންކަން އެމެރިކާގެ ފަރާތުން ލިބިފައިވާ ކަމުގައެވެ. މިއީ ދުނިޔޭގައި ހިނގާ ޖިއޮޕޮލިޓިކަލް ސެނާރިއޯ ތަކާއެކު އީރާނުގެ ތެޔޮ އިންޑިޔާއަށް މުހިއްމުވާ ސަބަބާއި އޭގެ މިންވަރު އެމެރިކާގެ މަސްއޫލުވެރިންނަށް ވިސްނައި ދިނުމުގައި އިންޑިޔާއަށް ލިބުނު ކާމިޔާބެއް ކަމަށް އިންޑިޔާގެ ތެލާބެހޭ ވަޒީރު ސިފަކުރެއްވިއެވެ.

އެމެރިކާގެ ފިޔަވަޅުތަކަކީ އދ. ން ބޭރުގައި އެމެރިކާ އެކަހެރި ގޮތެއްގައި އަޅާ ފިޔަވަޅުތަކަކަށްވާތީ އެފިޔަވަޅުތަކަށް ބޯލަނބާ ގައުމުތަކުން އެކަން ކުރަނީ އެމެރިކާ އަޅާފާނެ ދަތިކުރުމުގެ ފިޔަވަޅުތަކަކަށް ބިރުންނެވެ. އެމެރިކާ ދުނިޔޭގައި ގާއިމްކޮށްފައިވާ ޑޮލަރުގެ ނިޒާމުގެ ސަބަބުން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ގައުމުތަކަށް ވަރަށް ބޮޑެވެ. ނަމަވެސް ޑޮލަރުގެ ބާރު ކުޑަކުރުމަށް އެތައް ގައުމެއް ގުޅިގެން ގެންދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމަށް އަމަލީ ސިފަ ގެނައުމަށް މަދުވެގެން ހައެއްކަ އަހަރު އަދި ނަގާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުން ބުނަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ދެކެ ބިރު ނުގަންނަ ކަމަށާ އެމެރިކާ ދަނީ ބައިނަލްއަގްވާމީ މުޖްތަމައުގައި ވަރަށް ބޮޑަށް އެކަހެރިވަމުން ކަމުގައެވެ. ޓްރަމްޕް ގެ ވެރިކަމުގައި އެމެރިކާ އޮތީ ކުރިން އޮތްހާލަތަށްވުރެ އިގްތިސާދީ ގޮތުންނާއި ވިޔަފާރީގެ ގޮތުން މާބަލިކަށި ހާލަތެއްގައި ކަމަށާ އީރާނާ މުއާމަލާތް ކުރާ ބައެއް ގައުމުތަކަށް ޚާއްސަ އިސްތިސްނާ ތަކެއްދޭން އެމެރިކާއަށް މަޖްބޫރުވީވެސް އެމެރިކާގެ ބަލިކަށިކަމުން ކަމަށް އީރާނުގެ މަސްއޫލުވެރިން ވިދާޅުވެއެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިގްތިސާދަށް ވަރަށް ބޮޑު ލޮޅުމެއް އަރާނެ ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. ނަމަވެސް ދުނިޔޭގެ މަސްރަހު މިހާރު އޮތްގޮތުން އީރާނާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ދެމެހެއްޓުމަކީ އެމެރިކާ ވަރަށްބޮޑު އަގެއް ދައްކަންޖެހޭނެ ކަމެއްކަމަށްވެސް ތަޖްރިބާކާރުން ދެކެއެވެ.

comment ކޮމެންޓް