"ނިވައިރޯޅި" އަންނަ އަހަރު ޖެނުއަރީ ތިނަކަށް!

"ނިވައިރޯޅި" ގެ ޕޯސްޓަރެއް...

ދިވެހި ފިލްމު އިންޑަސްޓްރީގައި 21 އަހަރު ވަންދެން މަސައްކަތް ކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ނިއުމާ މުހައްމަދު ސްކްރީނުން އަލްވަދާއު ކިޔާ ފިލްމު "ނިވައިރޯޅި" އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު ޕްރިމިއަރ ކުރަން ތާވަލްކޮށްފިއެވެ.

އެ ފިލްމަކީ ނިމިގެން މިދިޔަ އޮކްޓޯބަރ މަހުގެ ފަނަރަ ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ކުރިން ނިންމާފައިވާ ފިލްމެކެވެ. ނަމަވެސް ފިލްމުގެ ޝޫޓިން ނިމި ޑަބިން ކުރިޔަށް ދަނިކޮށް ބަތަލާ ނިއުމާ ރޯގާޖެހި އަޑު ގެއްލި ފިލްމަށް އަޑު ނޭޅިގެން ފިލްމު ލަސްކުރީއެވެ.

ފިލްމު ލަސްކޮށްފައިވަނިކޮށް އަލުން ފިލްމު އަޅުވާނެ ތާރީހް އިއުލާން ކޮށްފައި މިވަނީ އިއްޔެ މެންދުރު އައިސް ޓީވީ އިން ދެއްކި "ވަރަށް ވާހަކަ" ޝޯގައި ފިލްމުގެ މުހިއްމު ރޯލަކުން ފެންނާނެ ބަތަލާ އަދި ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރު ޒީނަތު އައްބާސް އެވެ.

"ނިވައިރޯޅި" ގެ މަންޒަރެއް: ފޮޓޯ ފޭސްބުކް

އެ ޝޯގެ ތެރެއިން އަންނަ އަހަރު ޖެނުއަރީ ތިން ވަނަ ދުވަހުގެ ރޭ ފިލްމު ރިލީޒް ކުރާނެ ކަމަށް އިއުލާންކޮށްފައިވާއިރު ނިއުމާ ބުނަނީ އަޑު ރަނގަޅު ވާއިރަށް އޭނާގެ މަންޒަރުތަކަށް އަޑު އަޅަން ފަށާނެ ކަމަށެވެ. އަދި އެހެން ހުރިހާ އެންމެން ކުޅެފައިވާ ރޯލަށް އަޑު އަޅާފައިވާ ކަމަށާއި ކުރިޔަށް މިއޮތް ދުވަސް ތަކުގައި ފިލްމުގެ ޕްރިމިއަރއަށް ވަރަށް ރަނގަޅަށް ތައްޔާރު ވާނެ ކަމަށެވެ.

މޫމިން ފުވާދު ލިޔެ ޑައިރެކްޓް ކޮށްފައިވާ "ނިވައިރޯޅި"ގެ ޕްރިމިއަރގައި ވަރަށް ހާއްސަ ކަންތައްތަކެއް ކުރަން ހަމަޖެހިފައިވާ ކަމަށާއި އެ ފިލްމުގައި ނިއުމާގެ ދަރިފުޅު ޒީޔާ ހަސަން ކިޔާފައިވާ ލަވައެއް ވެސް ހިމެނޭނެ ކަމަށް އޭނާ ބުންޏެވެ.

"ނިވައިރޯޅި" ގެ ޓްރެއިލާ....

ބޮޑު ކާސްޓަކާއެކު ހަދާފައިވާ އެ ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ރ. އިނގުރައިދޫގެ އިތުރުން އެ އަތޮޅު އުނގޫފާރު އަދި މާލޭގައެވެ.

މީގެ ދުވަސް ކޮޅެއް ކުރިން ފިލްމުގެ އޮފިޝަލް ޓްރެއިލާގެ އިތުރުން ފިލްމުގެ ޕްރޮމޯޝަނަލް ލަވައެއްވެސް ވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ. އެ ފިލްމުގެ ޑައިރެކްޓަރު މޫމިން ބުނެފައިވަނީ ގޮތުގައި އެ ފިލްމުގައި މީގެ ކުރިން ދިވެހި ފިލްމުތަކުން ނުފެންނަ ވަރުގެ ހާއްސަ ކަންތައްތަކެއް ހިމެނޭނެ ކަމަށާއި އެ ފިލްމު ބެލުންތެރިންނަށް ކަމުދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

"ނިވައިރޯޅި" ގެ މަންޒަރެއް: ފޮޓޯ ފޭސްބުކް

"ނިވައިރޯޅި"ގެ ކާސްޓުންގެ ތެރޭގައި ނިއުމާ، ޔޫސުފް ޝަފީއު، ޒީނަތު އައްބާސް، ނާޝިދާ މުހައްމަދު، މަރިޔަމް ޝަކީލާ، އައިމިނަތު ރަޝީދަ، އަހުމަދު ސައީދި، އަހުމަދު އަޒުމީލު، މަރިޔަމް ހަލީމް، އަހުމަދު ޒިޔާ، އަޖްނާޒް އަލީ، އަހުމަދު އާސިމް،އައިމިނަތު އިޝާލް ރަޝީދު އަދި އައިމިނަތު ރިޝްފާ ފަދަ އެކްޓަރުން ހިމެނެއެވެ.

comment ކޮމެންޓް