އަންކާރާ (ނޮވެމްބަރު 4): ތުރުކީގައި ހުންނަ ސައުދީ އަރަބިއާގެ ކޮންސިއުލޭޓަށް ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ ދިޔަ ފަހުން އޭނާ މަރާލުމަށް ފަހު، އޭނާގެ ހަށިގަނޑު ކޮށާލައި، އެކި ބައިތައް ފަސް ފޮށްޓަށް އެޅި ކަމަށް ތުރުކީގެ ނޫހަކުން ބުނެފި އެވެ.
ނަން ހާމަ ކުރަން ބޭނުން ނުވާ އޮފިޝަލުންތަކަކާ ހަވާލާދީ އަލް ސަބާހު ނޫހުގައިވާ ގޮތުން ހާޝުގްޖީގެ ހަށިގަނޑުގެ ބައިތައް ފޮށިތަކަށް އެޅުމަށް ފަހު، އެފޮށިތައް ވަނީ ސައުދީ ކޮންސުލްގެ ގެޔަށް ގެންގޮސްފަ އެވެ. އެއީ ކޮންސިއުލޭޓާ ވަރަށް ކައިރީ ހުންނަ ގެޔެކެވެ.
އަދި ހާޝޫގްޖީގެ ހަށިގަނޑު ކޮށާލުމުގައި އިސްކޮށް އުޅުނީ ސައުދީ ސަރުކާރާ ގުޅުން ހުރި ފަރާތްތަކެއް ކަމަށްވާ މާހިރު މުތުރިބާއި ސަލާހު ތުބައިޖީ އާއި ތާރު އަލް ހަރުބީ ކަމަށް އަލް ސަބާހުން ބުންޏެވެ.
މުތުރިބަކީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ އެކު ގިނަގިނައިން ފެންނަ، އޭނާގެ ވަރަށް އަރިސް ފަރާތެކެވެ. އަދި ތުބައިޖީ އަކީ ސައުދީ ސައިންޓިފިކް ކައުންސިލް އޮފް ފޮރެންސިކްސްގައި އިސްކޮށް ހުންނެވި އަދި އެގައުގެ އަސްކަރިއްޔާގެ ކާނަލްއެކެވެ.
މީގެ އިތުރުން، އަލް ހަރުބީ އަކީ ޖިއްދާގައި ހުންނަ ވަލީއަހުދުގެ ގަނޑުވަރު ދިފާއު ކުރުމުގައި އަދާ ކުރި އިސް ދައުރުގެ ސަބަބުން، ސައުދީ ޝާހީ ގާޑުގެ ލެފްޓެނެންޓު ކަމަށް މިދިޔަ އަހަރު ޕްރޮމޯޓުކޮށްފައިވާ ފަރާތެކެވެ.
ތުރުކީ ސަރުކާރާ ގުޅުން ހުރި އަލް ސަބާހު ނޫހުން އެފަދައިން ބުނެފައި ވަނީ، ހާޝުގްޖީ މަރާލުމަށް އަމުރު ކޮށްފައި ވަނީ ސައުދީ ސަރުކާރުން ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވި ފަހުންނެވެ.
މިދިޔަ މަހުގެ ދެވަނަ ދުވަހު ސައުދީ ކޮންސިއުލޭޓަށް ދިޔަ ފަހުން މަރާލާފައިވާ ހާޝުގްޖީގެ ހަށިގަނޑު އަދިވެސް ފެނިފައި ނުވެ އެވެ.
އެމައްސަލައިގެ ތަހުގީގުގެ ތެރެއިން ތުރުކީގެ ފުލުހުން ވަނީ ސައުދީ ކޮންސުލްގެ ގެވެސް ފާސްކޮށްފަ އެވެ. އޭގެ ކުރިން ސައުދީ ކޮންސުލް މުހައްމަދު އަލް އުސައިބީ ވަނީ ތުރުކީ ދޫކުރައްވާ ފުރާވަޑައިގެންފަ އެވެ.