ބަހްރެއިންގެ އިދިކޮޅު ލީޑަރު އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި

ބަހްރެއިންގެ އިދިކޮޅު ލީޑަރު ޝޭހު އަލީ ސަލްމާން އުމުރަން ޖަލަށް ލާން ވަނީ ހުކުމްކޮށްފައި -- ފޮޓޯ: އޭއެފްޕީ

މަނާމާ (ނޮވެމްބަރު 4): ގަތަރަށް ޖާސޫސު ކޮށްދިނުމުގެ ކުށުގައި ބަހްރެއިންގެ އިދިކޮޅު ލީޑަރު ޝޭހު އަލީ ސަލްމާން އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ބަހްރެއިން އިން މިހާރު މަނާކޮށްފައިވާ އަލް ވަފާގު މޫވްމެންޓުގައި އިސްކޮށް ހުންނެވި އަލީ ސަލްމާން ޖަލަށް ލާން ހުކުމް ކުރީ، 2011 ވަނަ އަހަރު ގަތަރާ ގުޅިގެން ބަހްރެއިންގެ ސަރުކާރާ ދެކޮޅަށް ހަމަނުޖެހުން އުފައްދަން ރޭވި ކަމުގެ ދައުވާގަ އެވެ.

އަލީ ސަލްމާންގެ އިތުރުން އިދިކޮޅު ލީޑަރުން ކަމަށްވާ ހަސަން ސުލްތާނާއި އަލީ އަލް އަސްވަދުގެ މައްޗަށް ވެސް ވަނީ އެ ދައުވާތައްކޮށް، އުމުރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.

އެ މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ ޖޫން މަހު ބަހްރެއިން އާއި ސައުދީ އަރަބިއާ އާއި ޔޫއޭއީ އާއި މިސްރުން ގަތަރާ ގުޅުން ކަނޑާލި ފަހުންނެވެ.

އަލީ ސަލްމާން މިހާރު ވެސް ގެންދަވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ދެހާސް ފަނަރަ ވަނަ އަހަރު އޭނާގެ މައްޗަށް އެ ހުކުމް ކުރީ ސުންނީ މުސްލިމުންނާ މެދު ނަފްރަތު އުފެދޭ ގޮތަށާއި ގާނޫނާ ހިލާފަށް އަމަލު ކުރުމަށް ހިތްވަރުދިން ކަމަށް ބުނެ އެވެ.

އަލީ ސަލްމާންގެ މައްޗަށް ކުރި އުމުރު ދުވަހުގެ ޖަލު ހުކުމް އިސްތިއުނާފަށް ހުށަހެޅޭނެ އެވެ.

comment ކޮމެންޓް