ލަކަޒެޓްގެ ގޯލާ އެކު ލިވަޕޫލް އަތުން އާސެނަލް ސަލާމަތްވެއްޖެ

ރޭ ލިވަޕޫލްއާ އާސެނަލް ބައްދަލު ކުރި މެޗުގެ ތެރެއިން--

ފަހު ވަގުތު ލަކަޒެޓް ޖެހި ގޯލާ އެކު ލިވަޕޫލް އަތުން ބަލި ނުވެ، އާސެނަލް ސަލާމަތް ވެއްޖެއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އާސެނަލްއާ ލިވަޕޫލް ބައްދަލު ކުރި މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. މި މެޗުން ލިވަޕޫލްއަށް ޕޮއިންޓަކުން ފުއްދާލަން ޖެހުމުން، މިރޭ ސިޓީ ކުޅޭ މެޗުން މޮޅު ވެއްޖެ ނަމަ އެ ޓީމު ލީގު ތާވަލުގެ އެއްވަނައަށް ޖެހިލާނެއެވެ.

ފުރަތަމަ ހާފުގައި ގިނަ ވަގުތު މެޗު ކޮންޓްރޯލުކޮށްގެން ކުޅުނީ އާސެނަލް އިންނެވެ. ނަމަވެސް. ލިވަޕޫލްގެ ވާޖިލް ވެން ޑައިކަށް ލަނޑު ޖަހަން ދެ ފުރުސަތު ލިބި ވަނީ ބޭކާރުވެފައެވެ. އަދި ލިވަޕޫލްގެ ރޮބާޓޯ ފާމިނިއޯގެ ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއާ އަމާޒުވެފައެވެ. އާސެނަލްގެ މިކިތާރިއަންއަށް ވެސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

ފުރަތަމަ ހާފު ނިިމިގެން ދިޔައީ ދެ ޓީމަށް ވެސް ގޯލެއް ނުޖެހިއެވެ. މެޗުގައި ލިވަޕޫލް އިން ލީޑު ނެގީ 61 ވަނަ މިނެޓުގައެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބު ކުރީ ރޭގެ މެޗުގައި ކެޕްޓަން ކަން ކުރި ޖޭމްސް މިލްނާއެވެ.

އެއާ އެކު އާސެނަލްއިން މެޗުގެ ނަތީޖާ އަނބުރާލަން އާ ހިތްވަރެއްލިއެވެ. އެގޮތުން އެލެކްސް އިވޯބީ، އާރަން ރެމްސީ އަދި ޑެނީ ވެލްބެކް ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރުވިއެވެ.

އާސެނަލްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ގޯލު ލަކަޒެޓް ކާމިޔާބުކޮށްދިނީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށެވެ. އޭނާ އެ ގޯލު ކާމިޔާބު ކުރީ ހަނި އޭންގަލަކުން ބާރު ޝޮޓެއް ފޮނުވާލައިގެންނެވެ.

ރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު ލިވަޕޫލް ލީގުގެ އެއް ވަނައަށް ޖެހިލީ 11 މެޗުން 27 ޕޮއިންޓާ އެކުއެވެ. ނަމަވެސް، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 10 މެޗުން 26 ޕޮއިންޓު ލިބިފައިވާ އިރު މިރޭ އެ ޓީމު ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، ލީގުގެ އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް އެ ޓީމަށް ލިބޭނެއެވެ.

comment ކޮމެންޓް