ރީބްރޭންޑަށް ފަހު ސަންގެ މޯބައިލް އެޕް ވެސް ލޯންޗުކޮށްފި

ސަން އޮންލައިންގެ މޯބައިލް އެޕްލިކޭޝަން މިހާރު އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑު ކުރެވޭނެ--

ސަން އޮންލައިން ރީބްރޭންޑް ކުރުމަށް ފަހު، ސަން އޮންލައިންގެ އެޕް ވެސް ލޯންޗުކޮށްފި އެވެ.

ސަން މީޑިއާ ގްރޫޕުން މިއަދު ބުނީ ސަން އޮންލައިންގެ މޯބައިލް އެޕްލިކޭޝަން ވެސް އިތުރަށް ފުރިހަމަކޮށް، އައިއޯއެސް އަށާއި އެންޑްރޮއިޑަށް ފައްކާކޮށް، ޑައުންލޯޑުކުރުމަށް ދޫކޮށްލާފައިވާ ކަމަށެވެ.

ސަން ރީ ބްރޭންޑް ކުރުމަށް ސެޕްޓެމްބަރު މަހު 5 ވަނަ ދުވަހު މެދުކަނޑާލުމަށް ފަހު އަލުން ފަށާފައި ވަނީ މިދިޔަ މަހު 15ގަ އެވެ.

ރާއްޖޭގައި ނޫސްވެރިކަން މުޅިން އެހެން ހަރުފަތަކަށް ގެނެސްދިން، ސަން އޮންލައިނަކީ އަބަދު ވެސް މި ޚިދުމަތް ލިބޭ ފަރާތްތަކަށް އެންމެ ފަސޭހަވާނޭ ގޮތްތައް ހޯދައި އެފަސޭހަތައް ކިޔުންތެރީންނާ ހަމައަށް ގެނެސްދިނުމުގައި އެންމެ އިސްނަގާ ރާއްޖޭގެ ނޫހެވެ.

ޒަމާނީ ނޫސްވެރިކަމާ އެކު، ރާއްޖޭގެ ނޫހަކުން މޯބައިލް ފޯން އެޕްލިކޭޝަނެއް ފުރަތަމަ ތައާރަފްކުރީ ސަންއޮންލައިނުންނެވެ. އެއީ، 9 ފެބްރުއަރީ 2011ގައި އެޕަލް އައިފޯނަށް ފަރުމާކޮށް ސަންއިން ތައާރަފްކުރި އައިފޯން އެޕްލިކޭޝަނެވެ.

ރީބްރޭންޑަށް ފަހު ސަން އޮންލައިން ކިޔުންތެރިންނާ ހަމައަށް އެނބުރި އައި އިރު، ސަން އޮންލައިނުގެ ވެބްސައިޓު ވެސް ވަނީ ރީޑިޒައިންކޮށްފަ އެވެ.

ސަން އޮންލައިންގެ ޑެސްކްޓޮޕް އެޑިޝަންގައި ހުރި ހުރިހާ ޚިދުމަތްތަކަކާ އެކު، މޯބައިލް އެޕްލިކޭޝަން ލޯންޗުކޮށްފައިވާ އިރު، މިއަދުން ފެށިގެން، އެޕަލް އެޕްސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން މި އެޕްލިކޭޝަން ޑައުންލޯޑުކުރެވޭނެ އެވެ. ''sun.mv'' ޖައްސަވާފައި ސާޗުކުރެއްވުމުން އެޕް ސްޓޯރާއި ޕްލޭ ސްޓޯރުން ވެސް ސަންގެ އެޕްލިކޭޝަން ފެންނާނެ އެވެ.

ސަން މީޑިއާ ގްރޫޕްގެ އެކްޓިންގް ސީއީއޯ އަދި ސަން އޮންލައިންގެ ޗީފް އެޑިޓަރު ހިރިގާ އަހުމަދު ޒާހިރު ވިދާޅުވީ "ސަން އޮންލައިނަކީ އަބަދު ވެސް ކިޔުންތެރިންގެ ވިސްނުމާއި ބޭނުންތަކާ އެއްގޮތަށް ތަރައްގީ ކުރަމުން އަންނަ ނޫހެއް، [ކަމަށާއި] އެ ގޮތުން ޒަމާނީ ބަދަލުތައް އަބަދު ވެސް ސަން އޮންލައިނުން ފެންނަމުން ދާނެ" ކަމަށެވެ.

މީގެ އިތުރުން "ނޫސްވެރިކަމުގެ އިންތަކާއި މިންތައް ހިފަހައްޓަމުން، ވާދަވެރި މާހައުލެއްގެ ތެރެއިން ސަންއިން އިތުރު ކާމިޔާބީތައް ވެސް ހޯދަމުން ގެންދާނެ" ކަމަށް ޒާހިރު ވިދާޅުވި އެވެ.

ސަން އޮންލައިން ރަޖިސްޓްރީކޮށްގެން ނެރެން ފެށީ 16 ޖޫން 2010ގަ އެވެ.

comment ކޮމެންޓް