އެމެރިކާއިން އުވާލި ހުރިހާ ދަތިކުުރުމުގެ ފިޔަވަޅުތައް އަލުން އީރާނާ ދެކޮޅަށް އަޅަނީ

އެމެރިކާއިން ވަނީ މިދިޔަ މެއި ނިއުކްލިއާ އެއްބަސްވުމުން ވަކިވެފަ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ނޮވެމްބަރު 2): ދެހާސްފަނަރަ ވަނަ އަހަރު ހެދި ނިއުކްލިއާ އެއްބަސްވުމުގެ ދަށުން، އެމެރިކާއިން އުވާލާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އީރާނާ ދެކޮޅަށް އަޅަން އެގައުމުން ނިންމައިފިއެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެ އެފިޔަވަޅުތައް އަމާޒު ކުރާނެ ދާއިރާތަކުގެ ތެރޭގައި އީރާނުގެ މާލީ ދާއިރާ އާއި ހަކަތައިގެ ދާއިރާ އާއި ޝިޕިން ހިމެނެއެވެ.

އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްޓީވެން މަނޫޗިން ވަނީ އެގައުމުން ދަތިކުރުމުގެ ފިޔަވަޅު އަޅާ މީހުންނާއި ކުންފުނިތަކުގެ އަދަދު 700 އަށް އަރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވައިޓް ހައުސްއިން ވަނީ އެއީ އީރާނާ ދެކޮޅަށް އެގައުމުން އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް ކަމަށް ބުނެފައެވެ.

މީގެ އިތުރުން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވަނީ އީރާނުގެ އިތުރުން އެގައުމާ އެކު ތެލުގެ ވިޔަފާރި ކުރާ ގައުމުތަކާ ދެކޮޅަށްވެސް ދެން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެފިޔަވަޅުތަކުން އަށް ގައުމެއް އިސްތިސްނާ ވާނެ ކަމަށާއި އަންނަ ހޯމަ ދުވަހު އެއަށް ގައުމުގެ ނަން ހާމަ ކުރާނެ ކަމަށް ވިދާޅުވެފައެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަނީ އެމެރިކާއިން އަލުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ އެގައުމުން ކަންބޮޑުވާ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށްޓަކައި ދުނިޔޭގެ ބާރުތަކާއެކު ހެދި އެއްބަސްވުމުން އެމެރިކާ ވަނީ މިދިޔަ މެއި މަހު ވަކިވެފައެވެ. އަދި އޭގެ ފަހުން އެގައުމުން ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ފަށާފައެވެ.

comment ކޮމެންޓް