މެލާނިޔާ ހަ ގަޑިއިރުގެ ދަތުރަށް ލައްކައެއްހާ ޑޮލަރު ހަރަދުކުރިކަން ހާމަވެއްޖެ

މިސްރުގެ ރައީސްގެ އަނބިކަނބަލުން މެލޭނިޔާ ޓްރަމްޕް އާ ކައިރޯ އެއާޕޯޓްގައި އިސްތިގްބާލް ކުރައްވަނީ

ވޮޝިންޓަން (ނޮވެމްބަރު 2) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެލާނިޔާ ޓްރަޕް މިދިޔަ އޮކްޓޯބަރު މަހު މިސްރުގެ ވެރިރަށް ގާހިރާއަށް ކުރެއްވި ދަތުރުފުޅުގައި ހަ ގަޑީއިރަށް 95،000 ޑޮލަރު ޚަރަދުކުރެއްވިކަން ހާމަވެއްޖެ އެވެ.

މެލާނިޔާ ޓްރަމްޕްގެ ގާހިރާގެ ދަތުރުފުޅު އަގު އިންތިހާއަށް ބޮޑުކަމުގެ އަޑުތައް އަރާފައިވާ މިދަނޑިވަޅުގައި އެމެރިކާ ސަރުކާރުން ނެރުނު ޑޭޓާތަކެއްގައި މެލާނިޔާ ގާހިރާއަށް ކުރެއްވި ދަތުރުފުޅުގައި ހޭދަކުރެއްވި އެންމެ ހަ ގަޑިއިރަށް 95،000 ޑޮލަރު އެމެރިކާ ސަރުކާރުގެ ބަޖެޓުން ޚަރަދުކުރި ކަމަށް އެއްބަސްވެފައިވެ އެވެ. މެލާނިޔާ އެފްރިކާގެ ހަތަރު ގައުމަކަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކީ މިސްރެވެ. މިސްރަށް އެކަމަނާ ވަޑައިގަތީ ގާނާ، މަލާވީ، އަދި ކެންޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެވެ.

މެލާނިޔާ މިސްރުގައި މަޑުކުރެއްވީ އެންމެ ހަ ގަޑި އިރު އެވެ. އެ ހަ ގަޑީއިރު ތެރޭގައި އެކަމަނާ ވަނީ މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީއާއި އޭނާގެ އަނބިކަނބަލުން އިންތިސާރު އާމިރު އާ މިސްރުގެ ރިޔާސީ ގަނޑުވަރުގައި ބައްދަލުކުރައްވައިފަ އެވެ. އަދި މި ހަ ގަޑީއިރު ތެރޭގައި މެލާނިޔާ ވަނީ ގާހިރާގައި ހުންނަ އެމެރިކާގެ އެންބަސީއަށް ޒިޔާރަތް ކުރެއްވައި އޭގެ އިތުރުން ޖީޒާގައި ހުންނަ މިސްރުގެ ފިރުޢަވްނު ދުވަސްވަރުގެ ތާރީޚީ ބިނާތައް ކަމަށްވާ އަހަރާމުތައް ބައްލަވާލެއްވުމަށް ޓަކައި އެސަރަހައްދަށް ވެސް ވަޑައިގެންފަ އެވެ. އަދި މިސްރުގެ ދާރުލްއާސާރަށް ވެސް މެލާނިޔާ ޒިޔާރަތް ކުރައްވައި އެތަނުގައިވާ އާސާރީތަކެތި ބައްލަވާލެއްވި އެވެ.

މެލާނިޔާ ގާހިރާގައި ހުންނެވީ ފަސް ތަރީގެ ހޮޓަލެއް ކަމަށް "ސެމީރާމިސް އިންޓަކޮންޓިނެންޓަލް ކައިރޯ" ގަ އެވެ. އެހޮޓަލުގައި މެލާނިޔާ ހުންނެވިކަމަށް ވަނީ ދޮޅުގަޑިއެއްހާއިރު އެވެ. ނަމަވެސް އެވަގުތުކޮޅަށް އެކަމަނާގެ ޚަރަދަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން 95،000 އެމެރިކާ ޑޮލަރު ޚަރަދުކުރި ކަމަށާއި އެ ފައިސާ އެ ހޮޓަލަށް ދެއްކީ ގާހިރާގައި ހުންނަ އެމެރިކާގެ އެންބަސީ މެދުވެރިކޮށް ކަމަށް އެމެރިކާ ސަރުކާރުން ނެރުނު ޑޭޓާތައް ބުނެ އެވެ. މެލާނިޔާ މަޑުކުރެއްވި "ސެމީރާ މިސް އިންޓަކޮންޓިނެންޓަލް ކައިރޯ" ހޮޓަލުގައި އާދައިގެ ކޮޓަރިއެއްގެ އަގު އުޅެނީ 164 ޑޮލަރަށެވެ. މެދުފަންތީގެ ކޮޓަރިއެއް 24 ޑޮލަރަށެވެ. ޕްރެޒިޑެންޓަލް ސުއިޓް ގެ ކޮޓަރިއެއްގެ އަގު އުޅެނީ 609 ޑޮލަރުގަ އެވެ. އެހެންކަމުން މެލާނިޔާގެ ގާރިހާ ދަތުރުފުޅުގެ ޚަރަދަށް 95،000 ޑޮލަރު އަރަންވީ ސަބަބާމެދު އެމެރިކާގެ އާންމުންނާ އަދި އިދިކޮޅު ފަރާތްތަކުން ވެސް ގެންދަނީ އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކަށް ސުވާލުތައް ކުރިމަތި ކުރަމުންނެވެ.

އެމެރިކާގެ ރައީސަކީ ޑިމޮކްރެޓިކް ވެރިއަކަށްވެފައި އޭނާގެ އާއިލާގެ ޚަރަދުތަކަކީ ވަކިމިންވަރަކަށް ބަޖެޓް ކުރެވިފައިވާ ޚަރަދުތަކަކަށްވާއިރު މެލާނިޔާ ގާހިރާއަށް ކުރެއްވި ހަ ގަޑި އިރުގެ ދަތުރުފުޅަށް 95،000 ޑޮލަރު ޚަރަދު ކުރިގޮތާ މެދު ވަނީ ސުވާލުއުފެދިފަ އެވެ. އަދި މިއީ ޑިމޮކްރެޓިކް ގައުމެއްގެ ވެރިއެއްގެ އަނބިކަނބަލުންގެ ޚަރަދުތޯ ނޫނީ ގަލްފުގެ ގައުމެއްގެ ޝާހީ އާއިލާގެ މެންބަރެއްގެ ދަތުރު ޚަރަދުތޯ ވެސް ބައެއް ފަރާތްތަކުންވަނީ ސުވާލު އުފައްދައިފަ އެވެ.

މިސުވާލުތަކާ ގުޅިގެން އެމެރިކާގެ އޭބީސީ ޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި މެލާނިޔާ ވަނީ ދުނިޔޭގައި އެންމެ ގިނަ ބަޔަކު އިލެކްޓްރޯނިކް ގޮތުން ފާރަލައި ޖާސޫސުކުރާ ފަރަތަކީ އެކަމަނާ ކަމަށް ސިފަކުރައްވައި އެކަމުން ސަލާމަތްވުމަށް ޚަރަދުތައް ހިނގާނެ ކަމަށް ވިދާޅުވެ އެކަމަނާގެ ދަތުރުފުޅުގެ ޚަރަދުތައް ދިފާއު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. (އެމެރިކާގެ ނޫސްތައް)

ގުޅޭ ޓެގު
comment ކޮމެންޓް