ގަައުމު ދެކެ ލޯބިވާން ދަރިންނަށް ދަަސްކޮށްދޭން ޖެހިފައި!

ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލޭގެ ބައެއް ސުކޫލް ތަކުގައި ބޭއްވި ޖާފަތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދަކީ ފަހުގެ ތާރީޚުގައި ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި ހާދިސާއަށް 30 އަހަރުވީ ދުވަހެވެ. ރާއްޖޭގައި އޭރު އޮތް ވެރިކަން ވައްޓާލުމަށް ބޭރު ބަޔަކާ ގުޅިގެން ދިވެހީންގެ ބަޔަކު އަމިއްލަ ގައުމަށް ހަމަލާދިންތާ ފާއިތުވި 30 އަހަރަކީ، ގައުމުދެކެ ލޯބިވާ މީހުން 24 ގަޑިއިރު ގައުމުގެ ހިމާޔަތުގައި ފާރަޔަށް ތިބި 30 އަހަރެވެ.

މީގެ 30 އަހަރު ކުރިން މިދުވަހު ދިވެހީންނަށް، ދިވެހިންގެ ގައުމު ލިބުނީ ގައުމުދެކެ ލޯބިވާ ބަޔަކު ކުރި ބުރަ މަސައްކަތުންނެވެ. އަމިއްލަ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތު ކުރިއަށްނެރެ ކުރި މަސައްކަތުންނެވެ.

ނޮވެމްބަރު ތިނެއްގެ ހާދިސާއަށް ބަލާއިރު އެ ހާދިސާގެ އަސްލަކީ ގައުމަށް ޣައްދާރުވި ގައުމުގެ ދަރިންތަކެއްގެ ނުބައި ރޭވުމެކެވެ. ބޭރުގެ ބަޔަކާ ގުޅިގެން ގައުމު އަޅުވެތިކޮށް، ހަނގުރާމައެއް ފަށަން ބޭނުންވުމެވެ. ވަލިއްޔުލްއަމުރަކަށް ހުންނެވި ބޭފުޅާއާ ދެކޮޅަށް ބަޣާވާތް ކުރުމެވެ. ގައުމަށް ހިޔާނާތްތެރިވުމެވެ. ގައުމާ ދެކޮޅަށް ގައުމުގެ ދަރިން ދިން ހަމަލާއިން ރައްޔިތުން ދިފާއުކުރުމަށް މޭ އައްޑަނައަކަށް ހެދީ ގައުމު ދެކެ ލޯބިވާ ދަރިންނެވެ. ސިފައިންނާއި އާންމުންނެވެ. މިއީ ދިވެހި ގައުމު ދެމިއޮންނަހާ ދުވަހެއް ވަންދެން "ހީރޯ" އިންގެ ދަރަޖަ ދެވޭނެ ބޭފުޅުންނެވެ.

މި ހާދިސާއަށް ބަލާއިރު އެދުވަހުގެ އިރު ފެނުން ތޮޅިލިއިރު މާލެ ތެރެއިން އިވެނީ ބަޑީގެ އަޑުފައްގަނޑެވެ. އާންމު ރައްޔިތުން ރަހީނުކޮށްގެން ބާޣީން ތިބީ އެމީހުންގެ އައްޑަނައަކަށް ރައްޔިތުން ހަދައިގެންނެވެ. ސިފައިންގެ މައި މަރުކަޒު، ބަންޑާރަ ކޮށީ ތެރޭގައި ތިއްބެވި ސިފައިންނަށް ވެގެން އުޅެނީ ކީއްކަން ފުރަތަމަ އެނގިވަޑައި ނުގެންނެވި ނަމަވެސް ގައުމުގެ ދިފާއުގައި އެ ބޭކަލުން ތިއްބެވީ ރެޑީގައެވެ. މި ހަމަލާތައް ދޭން ފެށުނުއިރު ބަންޑާރަކޮށީ ބޭރުގޭޓް ހުޅަނގު ފަޅީގެ ޑީއުޓީގައި ހުންނެވީ މިއަދުގެ ބަޠަލު ހދ. ކުޅުދުއްފުށީ މާވާގޭ ހުސައިން އާދަމެވެ. ބޭރު ގޭޓުގެ ޑިއުޓީގައި ހުންނަވައިގެން ހުސައިން އާދަމް އެދުވަހު ކުރެއްވި މަސައްކަތުން ސިފައިންގޭ ތެރޭ އުޅުއްވި ބޭފުޅުންނަށް ސިފައިންގެ ތެރޭ ދިފާއީ ފިޔަވަޅުތައް އަޅަން ވަގުތު ލިބިލެއްވިއެވެ. އަތުގައި ހުރި ވަޒަން ހުސްވެ އިތުރު ވަޒަން ފޯރުކޮށްދިނުމަށް ހުސައިން އާދަމް އެދިލެއްވިއެވެ. އެންމެ ފަހު ނޭވަޔާހަމައަށް މޭ އައްޑަނައަކަށް ހައްދަވައިގެން ދުޝްމަނުންނާ ދެކޮޅަށް ހަމަލާދެއްވަމުން ދިޔައެވެ.

އަށާރަ ގަޑިއިރަށް ދެމިގެންދިޔަ އެދުވަހުގެ ޙަމަލާގައި 19 ދިވެހި ދަރީން ޝަހީދުވިއެވެ. އެއީ ޢާންމު ރައްޔިތުންގެ 11 ފަރާތަކާއި ސިފައިންގެ އަށް ފަރާތެކެވެ.

އެދުވަހު ފެނުނުފަދަ ދިވެހި ދަރިންތަކެއް މިއަދުވެސް ގައުމުގައި އުފައްދަން އެބަޖެހެއެވެ. އެކިގޮތްގޮތުން ގައުމަށް ކުރިމަތިވާ އުނދަގޫތަކުން ސަލާމަތްކުރުމަަށް ގައުމުދެކެ ލޯބިވާ ދަރިންތަކެއް އުފެއްދުމަކީ މުސްތަގުބަލަށް މުހިއްމު ކަމެކެވެ. މިފަދަ ދަރިންތަކެއް އުފެއްދުމަށް ދިވެހި ތާރީޚުގައި ހިނގާފައިވާ މިފަދަ ހާދިސާތައް ދަރިންނަށް ކިޔައިދޭން އެބަޖެހެއެވެ. ތާރީޚީ މިފަދަ ހާދިސާތަކުން އިބުރަތް ލިބުރަތް ލިބިގަނެ ގައުމުދެކެ ލޯބިވާން ދަސްކޮށްދެން ޖެހެއެވެ. ގައުމަށް ކުރިމަތިވާ ބޮޑެތި ކަންތަކުގައި ގައުމުގެ ދިފާއުގައި ވާހަކަދައްކައި ވަކާލާތު ކުރުމަށް ދަރިން ތަރުބިއްޔަތު ކުރަން އެބަޖެހެއެވެ.

ބައެއްގެ އަޅުވެތިކަމުގައި ތިބެން ޖެހިއްޖެނަމަ ކުރެވޭނެ އިހުސާސްތައް ވަޒަންކޮށްލަންވެސް ނޭނގެއެވެ. އެފަދަ ހާލަތަކަށް ދިއުމުގެ ކުރިން ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދަން މަސައްކަތް ކުރަން ތިބީ އަދުގެ ޖީލެވެ. މާދަމާގެ ޒުވާނުންނެވެ.

ގައުމު ދެކެ ލޯބިވުމަކީ ގައުމުގެ ތާރީހަށް ލޯބިކުރުމެވެ. ތާރީޚުން ފިލާވަޅު ލިބިގަތުމެވެ. ބަތަލުންގެ ހަޔާތުން އިބުރަތް ލިބިގަތުމެވެ. ގައުމަށްޓަކައި އަމިއްލަ މަސްލަހަތު އެއްފަރާތްކުރުމަށްފަހު ގައުމީ މަސްލަހަތު އިސްކުރުމެވެ. އަމިއްލަ ބަހަށާއި ސަގާފަތަށް ލޯބިކުރުމެވެ. ތިމާމެންގެ އަމިއްލަ ދަލާއި ލޭއޮހޮރުވައިގެން ބިނާކުރި، ގައުމުގެ ހަރުމުދާތައް ހިމާޔަތްކުރުމެވެ. މި ހުރިހާކަމެއް ކުދިންގެ ގައިގާ ހަރުލެއްވުމަށް ގޭތެރެއިންނާ ސްކޫލުތެރެއިން މަސައްކަތް ކުރަންޖެހެއެވެ. މައިންބަފައިންނާއި މުދައްރިސުން ކުދިންނަށް މި ނަމޫނާ ދައްކަން ޖެހެއެވެ. މާދަމާގެ މުސްތަގުބަލު ބިނާ ކުރަންތިބޭ މީހުންނަކީ ގައުމަށް ވަފާތެރި ތެދުވެރިންނަށް ހެދުމަށް މިއަދު މަސައްކަތް ފަށަން ޖެހެއެވެ.

މިއަޒުމުގައި ކުރިއަށްދާއިރު މޮޓޯއަކަށް ހަދަންވީ ޅެންވެރިޔާ ވިދާޅުވެފައިވާފަދައިން...

"އަހަރެންގެ މޭ ޤައުމަށްޓަކައި، އައްޑަނައަކަށް ދިއްކޮށްލުމީ،
ފަހުނޭވަޔަށް ދަންދެން މޮޓޯކަމުގައި ޚިޔާރުކުރާނަމޭ" އެވެ.

comment ކޮމެންޓް