އެމެރިކާގައި ސައުދީގެ ދެ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

މަރުވެފައި އޮއްވާ ފެނުނު ތާލިއާ އަދި ރޮތާނާ

ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓް ތެރޭ މަރާލި ނޫސްވެރިޔާ ޖަމާލް ޙާޝުގްޖީގެ މަރަށްފަހު، އެމެރިކާގައި ސައުދީއަށް ނިސްބަތްވާ އެއްބަނޑު އެއްބަފާ ދެ އަންހެނެއްގެ މަރުވެފައިވާ ހަށިގަނޑު ފެނިއްޖެއެވެ.

ރޯތަނާ އަދި ތާލިއާ ފާރިއާ، މަރުވެފައި އޮއްވާ ފެނުނީ އެމެރިކާގެ ނިއުޔޯކް ސިޓީގެ ހަޑްސަންގެ ކޯރުގެ އައްސޭރިފަށުން މިދިޔަ ހަފްތާގައެވެ. އެ ދެ މީހުން ފެނުނުއިރު ދެ މީހުންގެ ހަށިގަނޑުތަކުގައި އޮތީ ޑަކްޓޭޕްވެސް އަޅައިފައެވެ.

އެ ދެ އަންހެނުން އެ މީހުންގެ މަންމައާއެކު އެމެރިކާއަށް ދިރިއުޅުން ބަދަލުކުރީ 2015 ވަނަ އަހަރުއެވެ. އެ ދެ މީހުން ވަނީ އެމެރިކާގެ ހިމާޔަތް ހޯދުމަށް އެދި އެޕްލިކޭޝަންވެސް ހުށަހަޅައިފައެވެ.

އެ ދެ އަންހެނުންގެ މަންމަ ބުނި ގޮތުގައި، އޭނާގެ ދެ ދަރީންގެ ހަށިގަނޑުތައް ފެނުމުގެ ދުވަހެއް ކުރިން، އެމެރިކާގައި ހުންނަ ސައުދީ އެމްބަސީން ވަނީ އެމީހުން އެނބުރި ގައުމަށް ދިއުމަށް އަމުރުކޮށްފައެވެ.

އެ ހާދިސާއަށް މީޑިއާގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު ނިއުޔޯކް ޕޮލިސް ޑިޕާޓްމަންޓުން މިހާރު ވަނީ އެ ދެ އަންހެނުންގެ މަރުގެ ހަގީގަތް ހޯދުމަށް އެ ދެ އަންހެނުން ކުރި ދިރިއުޅުނު ވާޖީނިއާގެ ސަަރަހައްދަށްވެސް ފޮނުވާފައެވެ.

އެމެރިކާގައި ހުންނަ ސައުދީގެ ކޮންސިއުލޭޓުން ބުނީ އެ ހާދިސާ ވަރަށް ގާތުން ބަލައި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

comment ކޮމެންޓް