ޚާޝުގްޖީގެ ލެއަށްވުރެ އެމެރިކާއާއި ތުރުކީއަށް މުހިއްމީ އެދެގައުމުގެ މަސްލަޙަތު

އުރުދުޣާން އާއި ޓްރަމްޕް

ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާ އިދިކޮޅު ބޭފުޅެއް ކަމަށްވާ އޭނާގެ ބޮޑުބޭބެ އަދި ކުރީގެ ދާޚިލީ ވަޒީރު އަމީރު އަހްމަދު ބިން އަބްދުލްއަޒީޒު އަމިއްލައަށް އަރުވާލެވިގެން ޖަރުމަނުގައި ހުންނެވުމަށްފަހު މިދިޔަ އަންގާރަދުވަހު ވަނީ އެނބުރި ގައުމަށް ވަޑައިގެންފައެވެ.

އަހްމަދު އެނބުރި ސައޫދީއަށް ވަޑައިގެންނެވީ އެމެރިކާއާއި އިނގިރޭސިވިލާތް މެދުވެރިއެއްގެ ބައި އަދާކޮށްގެން އޭނާއަށް ސައޫދީ ސަރުކާރުން ގޯނާނުކުރުމުގެ ގެރެންޓީ ސައޫދީ ސަރުކާރުން ހޯދައިގެން ކަމަށް ލަންޑަންގައި ނުކުންނަ އޮން ލައިން ނޫހެއް ކަމަށްވާ "މިޑްލްއީސްޓް އައި" ބުނެއެވެ. އެ ނޫސްބުނާގޮތުން އަމީރު އަހްމަދު އަކީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާ އިދިކޮޅު ބޭފުޅެއްކަމަށްވެފައި ބާރުވެރިގޮތެއްގައި އޭނާ އެނބުރި ސައޫދީއަށް ވަޑައިގަތުމަކީ ބިންސަލްމާނަށް ސިޔާސީ ގޮތުން ކުރިމަތިވި އާދަޔާ ޚިލާފު ގޮންޖެހުމެކެވެ.

އަހްމަދު ބިން އަބްދުލްއަޒީޒް އަކީ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ އެއްބަފާ ކޮށްކޯފުޅެވެ. އޭނާއަކީ ސައޫދީ ދައުލަތުގެ މުއައްސިސް އަދި ސައޫދީ ރަސްކަމުގެ ބާނީ ކިންގް އަބްދުލްއަޒީޒްގެ ދަރިކަލެކެވެ. މިހާރުގެ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އަކީ ކިންގް އަބްދުލްއަޒީޒުގެ ކާފަ ދަރިކަލެކެވެ. އެހެންކަމުން ސަލްމާން ރަސްގެފާނަށްފަހު ސައޫދީ ރަސްކަމަށް އިސްވެ ވަޑައިގަތުމުގެ ފުރްސަތު އޮންނަންޖެހޭނީ ބިންސަލްމާންގެ ބަދަލުގައި އަހްމަދަށް ކަމަށް ސައޫދީ ޝާހީއާއިލާގައި ހިމެނޭ އޭނާއަށް ތާއީދުކުރައްވާ މެންބަރުން ދެކެއެވެ.

އަމީރު އަހްމަދު ބިން އަބްދުލްއަޒީޒް

ސައޫދީ ސަރުކާރާ އިދިކޮޅު ބޭފުޅުންނާއި ސައޫދީއަށް އިސްލާހްތައް ގެނައުމުގެ ނަމުގައި ހަރަކާތްތެރިވާ ސައޫދީ އިދިކޮޅު ފަރާތްތައް ދިރިއުޅެމުންދަނީ އަމިއްލައަށް އަރުވާލެވިގެން ލަންޑަންގައެވެ. ތުރުކީގައި ހުންނަ ސައޫދީ ކޮންސިއުލޭޓް ތެރޭގައި ދާދިފަހުން އަނިޔާވެރި ގޮތަކަށް މަރާލި ސައޫދީ ލިޔުންތެރިޔާ ޖަމާލް ޚާޝުގްޖީގެ މަރުގެ މައްސަލާގައި ސައޫދީ ސަރުކާރަށް ދުނިޔޭގެ ފިއްތުންތައް ކުރިމަތިވުމާއެކު އަހްމަދު ވަނީ ލަންޑަންއަށް ވަޑައިގެން ސައޫދީ ޝާހީ އާއިލާގެ ބައެއް މެންބަރުންނާ ބައްދަލުކުރައްވާފައެވެ. ޝާހީ އާއިލާގެ އެމެންބަރުންނަކީ ސައޫދީގެ ބާރުގަދަ މީހާގެ ގޮތުގައި ސިފަކުރެވޭ މިހާރުގެ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންގެ ސިޔާސަތުތަކާ އިދިކޮޅު ބޭފުޅުންނެވެ.

އަހްމަދަކީ ސައޫދީ ރަސްކަމާއި ވަލީއުލްއަހްދު ކަމަށް ބޭފުޅުން އިސްކުރާނެ ބޭފުޅުން ކަނޑައަޅާ ކޮމިޓީ ކަމަށްވާ ބައިއަތު ކޮމިޓީގެ ކުރީގެ މެންބަރެކެވެ. އެކޮމިޓީގެ މެންބަރަކަށް އަހްމަދު ހުންނެވި ދުވަސްވަރު ވަލީއުލްއަހްދު ކަމަށް މުހައްމަދު ބިން ސަލްމާނަށް ބައިއަތު ހިފުމަށް އަހްމަދު ވަނީ ދެކޮޅު ހައްދަވާފައެވެ. އެކަމުގެ ސަބަބުން ކުރިމަތިވި ފިއްތުންތަކުގައި އަހްމަދު ވަނީ 2017 ވަނައަހަރު ގައުމު ދޫކުރައްވައި ޖަރުމަނަށް ވަޑައިގެންފައެވެ.

މީގެއިތުރުން އަހްމަދުވަނީ ބިންސަލްމާންގެ ވެރިކަމުގައި ޔަމަނާދެކޮޅަށް ސައޫދީން ފެށި ހަނގުރާމައަށްވެސް ދެކޮޅު ހައްދައްދަވާފައެވެ. އަދި ޔަމަންގެ އާންމުންނާ ދެކޮޅަށް ސައޫދީ ސިފައިން ދޭ ޙަމަލަތަކުގައި މަރުވާ އާންމުންނާއި ހަނގުރާމައިގެ ސަބަބުން ބަނޑަށްޖެހިގެންނާއި ބަލިމަޑުކަމުގެ ސަބަބުން މަރުވާ ޔަމަންގެ ރައްޔިތުންގެ ޒިންމާ އުފުލަންޖެހެނީވެސް ބިން ސަލްމާން ކަމަށް ވިދާޅުވެ އަހްމަދުވަނީ ބިންސަލްމާންއަށް ފާޑުވިދާޅުވެފައެވެ. މީގެއިތުރުން ޝާހީ އާއިލާގެ ބޮޑެތި އަމީރުންތައް ރިޒްކާލްޓަން ހޮޓަލުގައި ހައްޔަރުކޮށްގެން މިއަހަރުގެ ކުރީކޮޅު ބިންސަލްމާން ހިންގެވިކަންތައްތަކަށާއި ގަތަރާދެކޮޅަށް ސައޫދީން އެޅި ފިޔަވަޅުތަކަށްވެސް އަހްމަދުވަނީ ދެކޮޅު ހައްދަވާފައެވެ.

ތުރުކީއާއި ބައިނަލްއަގްވާމީ މުޖްތަމައުން ދެކެނީ ޚާޝުގްޖީގެ މަރުގެ ފަހަތުގައިވަނީ ބިންސަލްމާން ކަމުގައެވެ. ސީދާ ގޮތެއްގައި އެކަމުގެ ތުހުމަތު ބިންސަލްމާންގެ މައްޗަށް ތުރުކީއާއި އެމެރިކާއިން އަދި ނުކުރަނީ އެކަމުގެ ސިޔާސީ ފައިދާ ނަގަންވެގެންނެވެ. ޚާޝުގްޖީގެ މަރުގެ މައްސަލާގައި ސައޫދީއަށް ފިއްތުންތައް ކުރިމަތިކޮށްގެން ތުރުކީ ކުރަންބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި ސޫރިޔާ އިރާގު އަދި ތުރުކީގެ ކުރުދީ ހަނގުރާމަވެރި ޖަމާއަތްތަކަށް ސައޫދީ ދޭ އެހީތައް ހުއްޓުވުމާއި ތުރުކީގެ އުފެއްދުންތަކަށް ސައޫދީ ބާޒާރު މިހާރަށްވުރެ ބޮޑަށް ހުޅުވާލުންފަދަ ކަންތައްތައް ހިމެނެއެވެ.

ޚާޝުގްޖީގެ މަރުގެ މައްސަލާގައި އެމެރިކާވެސް ސައޫދީއަށް ފިއްތުންތައް ކުރިމަތިކުރަނީ ސިޔާސީ އަދި އިގްތިސާދީ މަގްސަދުތަކެއއް ޙާސިލް ކުރުމަށެވެ. ޚާޝުގްޖީއަށް އިންސާފު ހޯދައިދޭކަށް ނޫނެވެ. މިމައްސަލަ ބޭނުންކޮށްގެން އެމެރިކާ ކުރަން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި އެމެރިކާގެ ހަތިޔާރާއި އެނޫން އުފެއްދުންތައް މިހާރަށްވުރެވެސް ބޮޑަށް ސައޫދީއަށް ވިއްކުމުގެ ފުރްސަތު ހޯދުމާއި ފަލަސްތީނުގެ ހައްގުތައް ނުލިބޭގޮތަށް އަދި އިސްރާއީލު އެދޭގޮތަށް ފަލަސްތީނުގެ ހައްލުކުރުމުގައި ސައޫދީގެ އެހީތެރިކަން ހޯދުން ހިމެނެއެވެ.

އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރުމަށް ސައޫދީ ދެކޮޅު ނުހެދުމާއި ގުދްސުގެ މައްސަލައަށް ސައޫދީ އަޅާނުލުންފަދަ ކަންކަމުގައި ސައޫދީ ވަނީ ކުރިންވެސް އެމެރިކާ އާއި އިސްރާއީލު އެދޭގޮތަށް ބޮޑެތި ދޫތަކެއް ދީފައެވެ. ޚާޝުގްޖީގެ މަރުގެ މައްސަލާގައި ސައޫދީއަށް ފިއްތުންތައް ކުރިމަތިކޮށްގެން އެމެރިކާ މިހާރު ހޯދަންބޭނުންވާ ދޫތަކުގެ ތެރޭގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް ޓްރަމްޕް ނެރުއްވުމަށް ހަމަޖެހިފައިވާ ސުލްޙައިގެ މަޝްރޫއަށް ސައޫދީގެ ރުހުން ހޯދުމާއި ސައޫދީ ބޭނުންކޮށްގެން އެމަޝްރޫއަށް ފަލަސްތީނުގެ ސަރުކާރު އެއްބަސްކުރުވުން ހިމެނެއެވެ. ޓްރަމްޕްގެ ސުލްހައިގެ މަޝްރޫއު ބިނާވެފައިވަނީ ފަލަސްތީނުގެ 8 މިލިޔަން ރެފިއުޖީންނަށް އެމީހުންގެ ވަޒަނަށް އެނބުރި ރުޖޫއަވުމުގެ ހައްގު ނުދޭގޮތަށް އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއްވެސް ނުއުފައްދާގޮތަށް އަދި ފަލަސްތީނުގެ އެއްވެސް ބިމަކުން އިސްރާއީލު ނުފައިބާގޮތަށް ފަލަސްތީނުގެ މައްސަލަ ހައްލުކުރުމެވެ.

އެހެންކަމުން ޚާޝުގްޖީގެ މަރުގެ މައްސަލާގައި އެމެރިކާ ސައޫދީއަށް ކުރިމަތިކުރާ ފިއްތުންތަކަކީ ސިޔާސީ ފިއްތުންތަކެކެވެ. ޚާޝުގްޖީގެ ލެއަށްވުރެ އަދި ޚާޝުގްޖީގެ އާއިލާއަށް އިންސާފު ހޯދައި ދިނުމަށްވުރެ އެމެރިކާއާއި ތުރުކީއަށްވެސް މުހިއްމީ އެދެގައުމުގެ މަސްލަހަތެވެ. ބިން ސަލްމާން އާ އިދިކޮޅު ބޭފުޅެއް ކަމަށްވާ އޭނާގެ ބޮޑުބޭބެ އަމީރު އަޙްމަދު ބިން އަބްދުލްއަޒީޒް ސައޫދީއަށް ފޮނުވުމުގެ ބޭނުމަކީވެސް މިމައްސަލާގައި ބިން ސަލްމާންއަށް ފިއްތުންތައް ކުރިމަތި ކުރުމެވެ. ސައޫދީގެ ކިބައިން އިތުރު ދޫތައް ހޯދުމެވެ.

ބިންސަލްމާން އަކީ އިސްރާއީލާއި އެމެރިކާގައި ހަރަކާތްތެރިވާ ޔަހޫދީ ލޮބީ ޖަމާއަތްތަކުގެ ތާއީދު ލިބިފައިވާ ބޭފުޅަކަށްވާތީ އެމެރިކާއިން އޭނާއާ ދެކޮޅަށް މާބޮޑުކަމެއް ނުކުރާނެއެވެ. ޚާޝުގްޖީގެ މަރުގެ މައްސަލާގައި އެމެރިކާއިން އަޑުތަކެއް އެރުވިނަމަވެސް އެކަން ކުރަނީ އެމެރިކާގެ އެތެރޭގެ އަޑުތައް މައިތިރި ކުރުމަށާއި އެމެރިކާއަކީ އިންސާނީ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތްކުރާ ގައުމެއްކަން ކަން ދެއްކުމަށެވެ. ފަހަރެއްގައި މިމައްސަލާގައި ސައޫދީ ބައެއް އާދައިގެ މަސްއޫލުވެރިންގެ އެސެޓްތައް ފްރީޒް ކުރުމާއި ދުވަސްކޮޅެއް ވަންދެން ވިސާނުދިނުންފަދަ ފިޔަވަޅުތައް އެމެރިކާއިން އަޅާފާނެއެވެ. އެއަށްވުރެ އިތުރުކަމެއް ކުރާނެ ކަމަކަށް ނުބެލެވެއެވެ.

comment ކޮމެންޓް