އަޒްހަރު ޔުނިވާސިޓީގެ ތަމްރީނަކަށް އަށް އިމާމަކު މިސްރަށް

މިސްރަށް ފުރި އިމާމުންނާ އިސްލާމިކް މިނިސްޓަރު ބައްދަލު ކުރެއްވުން --- ފޮޓޯ: އިސްލާމިކް އެފެއާޒް

މިސްރުގެ އަޒްހަރު ޔުނިވަރިސިޓީގެ ތަމްރީނު ކޯހެއްގައި ބައިވެރިވުމަށް އަށް އިމާމަކު މިޞްރަށް ފުރައިފިއެވެ.

އިސްލާމިކް އެފެއާޒުން ބުނީ މި ތަމްރީނު ޕްރޮގްރާމުގައި އިމާމުންނާއި ވާއިޒުންގެ ނަފުސު ކުރިއަރުވާނެ ގޮތްތައް ދެނެގަނެ، މުޖުތަމަޢުގައި ދިމާވާ ދީނީ އަދި އިޖުތިމާޢީ އެކިއެކި މައްސަލަތަކާއި ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތައް ކިޔަވައިދޭނެ ކަމަށެވެ.

ދެ މަސްދުވަހުގެ މި ތަމްރީނުގައި ބައިވެރިވާ އިމާމުން ކުލާހަށް ހާޒިރުވެގެންނާއި މިސްކިތްތަކަށް ޒިޔާރަތްކޮށްގެން ޢަމަލީ އަދި ފަންނީ ތަޖުރިބާ ހޯދާނެއެވެ.

ތަމްރީނުގައި ބައިވެރިވާ ދިވެހި ދަރިވަރުންގެ ތިބުމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސާނީ އަލްއަޒްހަރު ޔުނިވަރސިޓީއިން އިންނެވެ. އަދި ޕޮކެޓްމަނީ ހަމަޖައްސައި ދެއްވަނީ ދިވެހި ދައުލަތުންނެވެ.

އިސްލާމިކް އެފެއާޒުން ބުނީ ތަމްރީނަށް ބައިވެރިން ހޮވާފައިވަނީ އާއްމުކޮށް އިޢުލާނުކުރުމަށްފަހު ކުރިމަތިލީ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކޮށްގެން ކަމަށެވެ.

އިސްލާމީ އެކި ޤައުމުތަކުން މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ފުރުސަތު ރާއްޖެއަށް ދެމުންދާއިރު 2017 ވަނަ އަހަރު ވެސް 11 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއްގައި 12 ބޭފުޅަކު ސަޢުދީ އަރަބިއްޔާއަށް ގޮސްފައިވެއެވެ.

comment ކޮމެންޓް