ފުވައްމުލަކުގައި ވަޅިހެރި މައްސަލާގައި 21 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ފުވައްމުލައް.

ފުވައްމުލަކު ސިޓީގައި ރޭ ހިންގި މާރާމާރި އާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. މި މައްސަލައާ ގުޅިގެން ރޭ ވަނީ 15 އަހަރުގެ ކުއްޖަކުވެސް ހައްޔަރު ކޮށްފައެވެ.

ފުވައްމުލަކުގައި ރޭ 17 އަހަރުގެ މީހަކަށް ވަޅިން ހަމަލާދީ ވަނީ ޒަހަމް ކޮށްލައިފައެވެ. ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ފުވައްމުލައް، މާދަނޑު، އަލްޓްރާ، އަހްމަދު އިނާން އިބްރާހިމް އެވެ. އޭނާ އަށް ހަމަލާދިނީ ނާ ނިދާ ކޮޓަރީގައި ލެޕްޓޮޕް ކައިރީ އޮއްވައި ކަމަށް އަނާންގެ ބައްޕަ ބުންޏެވެ.

އަނާން އަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް މާލެ ގެނައުމަށް ދަނީ ތައްޔާރުވަމުންނެވެ. އިނާނު މާލެ ފޮނުވާލުމަށް ޑޮކްޓަރު ލަފާދިނީ އެ ހޮސްޕިޓަލުން އިތުރަށް އޭނައަށް ދެވޭނެ ފަރުވާއެއް ނެތުމުން ކަމަށް ބައްޕަ ބުންޏެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ފަރުޒާދު "ސަން" އަށް ވިދާޅުވީ އެ ކުއްޖާގެ ބޮލުގެ ފަސް ތަނަކަށް ވަޅި ހަރާފައިވާ ކަމަށެވެ. އެ ހަމަލާގެ ސަބަބުން ބޮލުގެ ފަސް ތަނަކުން ކަށިގަނޑު ފަޅައިގެން ގޮސްފައިވާއިރު، އަތާއި ފައިގެ ބައެއް ތަންތަނަށް ވަޅި ހަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ބައެއް ތަންތަނަށް ފުންކޮށް ހަރާފައިވަނީ،" ފަރުޒާދު ވިދާޅުވިއެވެ.

އިނާނަށް ހަމަލާދިނީ އޭނާ ނިދާ ކޮޓަރި ތެރޭގައި ރައްޓެހި ދެ ކުއްޖަކާ އެކު އޮއްވައި، މޫނު ނިވާކޮށްގެންތިވި ދެ ދެމީހަކު ގޮސް ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.

comment ކޮމެންޓް