މާލީ ބަޔާން ހުށަހަޅަން އޮންނަ މުއްދަތަކަށް ބަދަލެއް ނުގެންނަން: އޮޑިޓް އޮފީސް

އޮޑިޓާ ޖެނެރަލް ޒިޔަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކުން ބަޔާން ހުށަހެޅުމުގެ މުއްދަތު އޮޑިޓަރ ޖެނެރަލް އިތުރުކޮށްދެއްވާފައި ނުވާކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.

އޮޑިޓް އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކާއި ދައުލަތުގެ ވަކި މަސްއޫލިއްޔަތު ތަކާއި ޒިންމާތަކެއް މަތިކުރެވިފައިވާ ފަރާތްތަކުން ގާނޫނު އަސާސީގައި ނުވަތަ ގާނޫނުގައި ކަނޑައެޅިފައިވާ ވަކި މުއްދަތެއްގެ ތެރޭގައި އެފަރާތުގެ މިލްކިއްޔާތުގައި ވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތައް އަދި އަރަންޏާއި ދަރަނި ހާމަކޮށް ކޮންމެ އަހަރަކު އެއްފަހަރު މާލީ ބަޔާނެއް ހުށަހަޅަން ޖެހޭ ކަމަށެވެ.

އަދި މި މުއްދަތު އިތުރުކުރުން ނުވަތަ ކުޑަކުރުމުގެ ބާރު އޮޑިޓާ ޖެނެރަލަށް ނޯންނަ ކަމަށާއި އެއްވެސް ފަރާތަކަށް މާލީ ބަޔާން ހުށަހެޅުމަށް ވަގުތު އިތުރުކޮށްދެއްވާފައި ނުވާނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އޮޑިޓް އޮފީހުން މިފަދަ ބަޔާނެއް ނެރެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ މާލީ ބަޔާން ހުށަނާޅުއްވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ރަައްދު ދެއްވާފައިވަނިކޮށެވެ.

މުއާޒު އިއްޔެ ވިދާޅުވީ ދައުރު ނިމުމުގެ ކުރިން މާލީ ބަޔާން ހުށަހެޅުމުުގެ ފުރުސަތު ދެއްވާފައިވާ ސިޓީއެއް، މީގެ ދެ ތިން ދުވަސް ކުރިން އޮޑިޓާ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މާލީ ބަޔާނާ ގުޅޭ އެންމެހާ މަޝްވަރާތައް އޮޑިޓާ ޖެނެރަލްގެ ލަފާފުޅާ އެއްކޮށް ކުރެވިފައިވާ ކަމަށްވެސް މުއާޒު ވިދާޅުވިއެވެ.

އޮޑިޓް އޮފީހުގެ ބަޔާނުގައި ބުނީ މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭ ބޭފުޅުންނާ މުއާމަލާތް ކުރަމުން ދަނީ އެބޭފުޅާ ނިސްބަތްވާ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ނޫން ކަމަށާއި މުއާމަލާތް ކުރައްވާނީ ސީދާ ބަޔާން ހުށަހަޅަންޖެހޭ ފަރާތާ ކަމަށެވެ.

މާލީ ބަޔާން ހުށަހަޅަމުންދާ ގޮތާ ބެހޭ ގޮތުން ގާނޫނީ ބާރު ލިބިގެންވާ ތަހުގީގީ އިދާރާއެއް ފިޔަވައި އެހެން އެއްވެސް މީހަކާއެކު މައުލޫމާތު ހިއްސާ ނުކުރާކަމަށްވެސް ބަޔާނުގައި ވެއެވެ.

comment ކޮމެންޓް