ސެލްފީ ނެގުމުގައި ރައްކާތެރިވުމަށް ބުނި ދެމަފިރިއަކު، ސެލްފީއެއް ނަގަނިކޮށް ވެއްޓި މަރުވެއްޖެ

ވިޝްނޫ ވިސްވަނަތު އާއި މީނަކްޝީ މޫރުތީ

ނުރައްކާތެރި ހާލަތްތަކުގައި ސެލްފީ ނެގުމުގައި ރައްކާތެރިވާން ސޯޝަލް މީޑިއާގައި އެދުނު އިންޑިއާގެ ދެމަފިރިއަކު، ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައި މަރުވެއްޖެ ކަމަށް އާއިލާގެ މެމްބަރަކު ބުނެފި އެވެ.

އެމެރިކާގައި ދިރިއުޅެމުން ދިޔަ ވިޝްނޫ ވިސްވަނަތު އާއި މީނަކްޝީ މޫރުތީ މަރުވެފައި ވަނީ އެގައުމުގެ ޔޮސެމިޓީ ނެޝަނަލް ޕާކުގެ ޓާފްޓް ޕޮއިންޓުގައި ފޮޓޯއެއް ނަގަން އުޅުމުގެ ތެރޭގަ އެވެ. އެޕޮއިންޓަކީ ބިމާ 3،000 ފޫޓު އުހުގައި ހުންނަ އަދި ފޮޓޯގްރާފަރުންގެ މެދުގައި މަގުބޫލު ޕޮއިންޓެކެވެ.

ވިސްވަނަތުގެ ބޭބެ ޖިޝްނޫ ވިސްވަނަތު ބުނި ގޮތުގައި އެދެ މީހުން ވެއްޓިފައި ވަނީ ޓާފްޓް ޕޮއިންޓުގައި ތިބެ ފޮޓޯއެއް ނަގަން ޓްރައިޕޮޑު ބެހެއްޓި ފަހުންނެވެ. އަދި އެދެ މީހުން ވެއްޓުނުކަން އެނގުނީ އޭގެ އަނެއް ދުވަހު އެތަނަށް ދިޔަ ބަޔަކަށް ކެމެރާ ފެނުމުންނެވެ.

އެމެރިކާގައި ދިރިއުޅޭ އިންޑިއާގެ ދެމަފިރިން ކަމަށްވާ ވިޝްނޫ ވިސްވަނަތު އާއި މީނަކްޝީ މޫރުތީ ވަނީ ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައި ވެއްޓި މަރުވެފައި -- ފޮޓޯ: އިންސްޓަގްރާމް

ޖިޝްނޫ ބުނި ގޮތުގައި އެދެމަފިރިންގެ ހަށިގަނޑު ހޯދާފައި ވަނީ ހާއްސަ ދުރުމީ ބޭނުންކޮށްގެންނެވެ. އަދި ގާތްގަނޑަކަށް 800 ފޫޓު ތިރިއަށް ވެއްޓުނު އެމީހުންގެ ހަށިގަނޑު ނަގާފައި ވަނީ ހެލިކޮޕްޓަރު ބޭނުންކޮށްގެންނެވެ.

ވިސްވަނަތު އާއި މޫރުތީ ދިޔައީ އިންސްޓަގްރާމް މެދުވެރިކޮށް އެމީހުންގެ ދަތުރުތަކުގެ ފޮޓޯތައް ހިއްސާ ކުރަމުންނެވެ. 'ހޮލިޑޭސް އެންޑް ހެޕިލީ އެވާ އާފްޓާސް' ކިޔާ އެޕޭޖުގައި އެ ދެމަފިރިން ވަނީ އެމީހުންނަކީ 'ދަތުރު ކުރުމަށް ދެވި ހިފާފައިވާ' ބަޔެއް ކަމަށް ބުނެފަ އެވެ.

އަދި މިދިޔަ މާޗް މަހު އެޕޭޖުގައި ޕޯސްޓުކޮށްފައިވާ ފޮޓޯއެއްގައި މޫރުތީ ވަނީ ގިނަ އަދަދެއްގެ މީހުންނެކޭ އެއްފަދައިން އޭނާއަކީ ވެސް އުސް އިމާރާތަކާއި ފަރުބަދަތައް މަތީ ފޮޓޯ ނަގަން ލޯބިކުރާ މީހެއް ކަމަށް ބުނެފަ އެވެ. ނަމަވެސް އެފަދަ ހާލަތްތަކުގައި ވެސް ޒިންމާދާރުވުމަކީ މުހިއްމު ކަމެއް ކަމަށް އޭނާގެ ޕޯސްޓުގައިވެ އެވެ. އެހެންކަމުން އެންމެ ފޮޓޯއަކަށް ޓަކައި ފުރާނައަށް ނުރައްކާވާ ކަމެއް ނުކުރުމަށް މޫރުތީ އެދިފައިވެ އެވެ.

ޔޮސެމައިޓް ޕާކުގެ ތަރުޖަމާނު ޖޭމީ ރިޗާޑްސް ވިދާޅުވި ގޮތުގައި އެހާދިސާ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެދެމަފިރިން ވެއްޓެން މެދުވެރުވި ސަބަބު އަދި ޔަގީންވެފައި ނުވެ އެވެ.

comment ކޮމެންޓް