މިއީ ފިސާރި ޑޮކްޓަރެއް، އުންމީދަކީ ރާއްޖެ އިން ވެސް މިފަދަ ޑޮކްޓަރުން އުފެދުން

ޑރ. ފްރާންޒް ފްރޮއިޑެންޓަލް. އޭނާ ވަނީ ހިތުގައި ލޯވަޅު ހުންނަ ކުދިންނަށް ފަރުވާ ކުރުމަށް މުޅިން އާ ޑިވައިސްއެއް އުފައްދަވާފައި ---

މިއީ އުތުރު އެމެރިކާގެ ގައުމެއް ކަމަށްވާ ބޮލީވިއާގެ ޑޮކްޓަރެއްގެ ވާހަކަ އެވެ. ޕީޑިއޭޓްރިކް ކާޑިއޮލޮޖިސްޓެއް ކަމަށްވާ ފްރާންޒް ފްރޮއިޑެންޓަލް އަކީ މުޅި އިންސާނިއްޔަތަށް ވެސް ހުރި ނަމޫނާއެކެވެ. ފްރާންޒް ޑޮކްޓަރަކަށް ވުމުގެ ފޮނި ހުވަފެންތަކުގެ ފެށުމަކީ އޭނާގެ މާމައެވެ. ހުދު އޭނާގެ މާމައަކީ ވެސް ޑޮކްޓަރެކެވެ.

ޑޮކްޓަރުކަން ކިޔަވަމުން ދިޔަ އިރު ފްރާންޒްގެ ލޮލޮގައި އެންމެ ބޮޑަށް އަޅައިގަތީ ބޮލީވިއާގައި ހިތުގެ މައްސަލަތައް ހުންނަ ކުޑަކުދިންގެ މައްސަލަ އެވެ. ބޮލީވިއާގެ އެންމެ ބޮޑު އެއް ސިޓީ ލަ ޕާޒް އަކީ ކަނޑުގެ ލޮނުގަނޑަށް ވުރެ 4000 މީޓަރަށް ވުރެ ވެސް މަތީގައި އޮންނަ ސަރަހައްދަކަށްވުމާ އެކު އެ ސިޓީގައި ހިތުގެ މައްސަލަތައް އެހެން ގައުމުތަކަށް ވުރެ 10 ގުނަ އިތުރެވެ. އާ އީޖާދީތައް ބޭނުންކޮށްގެން އެ ފަދަ ބަލިތައް ހުންނަ ކުދިންނަށް ފަރުވާކުރަން ފްރާންޒް އަތުކުރި އޮޅާލީ އެ ހިސާބުންނެވެ.

ހިތުގެ މައްސަލަތައް ހުންނަ ކުދިންގެ ތެރެއިން މިހާރު އެންމެ ބޮޑަށް ފާހަގަވަމުންދާ މައްސަލައަކީ ހިތުގައި ލޯވަޅު ހުންނަ ކުދިން ނުވަތަ ކޮންޖީނިއަލް ހާޓް ޑިޒީސްއެވެ.

ހިތުގެ އެންމެ މުހިންމު އެއް ލޭހޮޅި ކަމަށްވާ ޕުލްމުނަރީ އާޓަރީއާއި އަދި އަޔޯޓާ ތުއްތު ކުދިން ނުވިހާއިރު ގުޅިފައި އިންނަނީ ޑަކްޓަސް އާޓީރިއޯސިސް ގުޅިފައި ކިޔާ ލޭ ހޮޅިއަކުންނެވެ. ނަމަވެސް އުފަންވުމަށް ފަހު ޑަކްޓަސް އާޓީރިއޯސިސް އަމިއްލައަށް ބަންދުވެ އެވެ. އެހެންނަމަވެސް ބައެއް ތުއްތު ކުދިންގެ އެ ލޭ ހޮޅި ބަންދުނުވާ ފަަހަރު ދިމާވެ އެވެ. އޭގެ ސަބަބުން ހިތުގައި ގިނަ އަދަދަކަށް އޮކްސިޖަން ހިމެނޭ ލެއާއި އޮކްސިޖަން މަދުން ހުންނަ ލެޔާއި އެއްވެތުއްތު ކުއްޖާގެ ފުރާނައަށް ނުރައްކާވެގެން ދެ އެވެ.

ހިތުގައި ލޯވަޅު ހުންނަ ކުދިންނަށް ފަރުވާ ކުރުމަށް ފްރާންޒް އުފެއްދެވީ ވަރަށް ވެސް "ސިމްޕަލް" އީޖާދެކެވެ. މިއީ އެހެން އިޖާދުތައް ކުރާ މީހުން ވެސް އިބްރަތް ހާސިލްކުރަންޖެހޭ ކަމެކެެވެ. ފްރާންޒްގެ އިޖާދީން އެނގިގެން ދިޔައީ ހަޔާތުގެ އެންމެ އުނދަގޫ ކަންތައްތައް ވެސް އެންމެ އާދައިގެ އުކުޅުތައް ބޭނުންކޮށްގެން ވެސް ހައްލުކުރެވިދާނެ ކަމެވެ. އެކަމަށް ބޭނުން ވަނީ ފައިސާ އާއި އެންމެ އަގު ބޮޑު ވަސީލަތްތަކެއް ނޫނެވެ. އެކަމަށް ބޭނުން ވަނީ އިންސާނާއަށް ދެއްވާފައިވާ ބުއްދީގެ ވިސްނުމެެވެ.

އެމެޒަންގެ ޖަންގަލީގައި ފްރާންޒް ހޭދަކުރި ރޭ ވެގެން ދިޔައީ ހިތުގައި ލޯވަޅު ހުންނަ ކުދިންނަށް ފަރުވާ ކުރުމަށް އުފެއްދެވި އީޖާދުގެ ފެށުމަށެވެ. އެމަޒަން ޖަންގަލިީން ފެނުނު އެވަކާޑޯގެ ގޮފިކޮޅެއް ބައްޓަމަށް ކޮއިލްއެއް ހަދައިގެން ހިތުގައި އިންނަ ލޯވަޅު ބައްދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. ދެން ވެސް ފްރާންޒް އެ މަސައްކަތް ހުއްޓައެއް ނުލަ އެވެ.

ހިތުގައި ލޯވަޅު ހުންނަ ކުދިންނަށް ފަރުވާ ކުރުމަށް ފްރާންޒްގެ ހިޔާލަށް އައި އީޖާދަކީ މީހަކު ހިތަށް ވެސް ނާރާނެ ކަހަލަ ހިޔާލެކެވެ.

"ޒަމާނުއްސުރެ މިގައުމު (ބޮލީވިއާ)ގައި އަތްތެރި މަސައްކަތް ކޮށްގެން ވަރަށް ތަފާތު އުނދަގޫ ތަފާތު ޑިޒައިންތަކަށް ވިޔެފައި ހުރޭ. އެ ހުނަރު ބޭނުންކޮށްގެން އަޅުގަނޑު މި ޑިވައިސް ހެދި. ދެން އަޅުގަނޑު ބޭނުންކުރީ ސްމާޓް މެޓީރިއަލްއެއް. މީތި ދަބަރެއް ނުޖަހާނެ." ފްރާންޒް ވިދާޅުވި އެވެ.

ހިތުގައި ލޯވަޅު ހުންނަ ކުދިންނަށް ފަރުވާ ކުރުމަށް ޑރ. ފްރާންޒް ފްރޮއިޑެންޓަލް އުފެއްދެވި ޑިވައިޒް ބޮލީވިއާގެ އަންހެނުންތަކެއް ވިޔަނީ---

ފްރާންޒް އުފެއްދެވި ޑިވައިޒް ވިޔަނީ މެޝިނެއް އެއްޗެއް ބޭނުންކޮށްގެނެއް ނޫނެވެ. އެ އެއްޗެތި ވިޔަނީ ޒަމާނުއްސުރެ ބޮލީވިއާގައި އެފަދަ އަތްތެރި މަސައްކަތްކޮށް އުޅޭ އަންހެނުން ލައްވަ އެވެ. އޮކްލުޑާގެ ނަމުން ނަން ދީފައިވާ އެ ޑިވައިސް ވިޔުމަށް ނަގަނީ ދެ ގަޑިއިރެވެ. މިއީ ވަރަށް ކުޑަ ކުޑަ ޑިވައިސްއެކެވެ. އަދި އެ ވިޔުން އެހާ އުނދަގޫކަމުން މިއީ މެޝިނަކުން އުފެއްދޭ ވަރަށް ވުރެ އުނދަގޫ ޑިވައިސްއެކެވެ. ބަލާ ބެލުމަށް އެ ޑިވައިސް ހީވާނީ ބޮލުގައި އަޅާ ތޮތްޕެއް ހެންނެވެ.

ހިތުގައި ލޯވަޅު ހުންނަ ކުދިންނަށް ފަރުވާ ކުރުމަށް ޑރ. ފްރާންޒް ފްރޮއިޑެންޓަލް އުފެއްދެވި ޑިވައިޒް ވިޔެފައި--

ފްރާންޒްގެ ޑިވައިސް އުފެއްދުމަށް ވެސް ބޭނުންކުރަނީ ވެސް ވަރަށް ތަފާތު މައުދަނެކެވެ. އެ ހެދުމަށް ބޭނުންކޮށްފައި ވަނީ ނިޓިއޯލް ކިޔާ މާއްދާއެކެވެ. "ޝޭޕް މެމޮރީ މެޓަލް"ގެ ނަމުން ނަން ދީފައިވާ ނިޓިއޯލްގެ ހާއްސަކަމަކީ އެއަށް ލިބިފައިވާ "މެމޮރީއެވެ." އެ މެމޮރީގެ ސަބަބުން އޭގައި އަސްލު ބައްޓަމަށް ރުޖޫއަވާން އެނގެ އެވެ.

އެ ކުޑަކުޑަ ޑިވައިސް ލެއްވުމަކީ ވެސް އެހާ އުނދަގޫ ކަމެއް ނޫނެވެ. ފޫޅާއި ފަލަމަސް ގަނޑާ ދެމެދުން ކެތެޓާއެއް ބޭނުންކޮށްގެން އެ ޑިވައިސް ލޭ ހޮޅިތަކުގެ ތެރެއިން ގޮސް ހިތަށް ވަދެ އެވެ. އެއަށް ފަހު އެ ޑިވައިސް ހިތުގައި ލޯ ވަޅު އިންނަ ހިސާބަށް ގޮސް އެ ޑިވައިސް "އެކްސްޕޭންޑް" ވާން ފަށަ އެވެ. އެއަށް ފަހު ކުޑަދުވަސްކޮޅެއް ތެރޭ ޑިވައިސްމަތިން ހިތުގެ ޓިޝޫތައް އުފެދި އެ ލޯވަޅު ބައްދާލަ އެވެ. އެ ހިސާބުން އެ ބަލި ފަސޭހަވީ އެވެ. އެ ޑިވައިޒް ކިތަންމެ ދުވަހެއް ވަންދެން ވެސް އެ ތަނުގައި އޮންނާނެ އެވެ.

"މިނިމަލީ އިންވޭސިވް" އެ ޓެކްނީކަށް ނަގަނީ ވެސް އެންމެ 30 މިނިޓެވެ. މިއީ ހިތުގެ ލޯވަޅު ބެއްދުމަށް ކުރާ ބޮޑެތި ސާޖަރީތަކާ ބަލާއިިރު ވަރަށް ކުޑަކުޑަ ވަގުތުކޮޅެކެވެ.

ޑރ. ފްރާންޒް އެ އީޖާދަށް ވަނީ ބައިނަލްއަގުވާމީ އެވޯޑްތައް ވެސް ލިބިފަ އެވެ.

ޑރ. ފްރާންޒް އުފެއްދެވި އީޖާދީއާ މެދު ބޮލީވިއާގެ އަސްލު ވަޒަންވެރިން ވެސް ހިޔާލުވެސް ވަރަށް އެއްގޮތެވެ. އެ މީހުންގެ ސަގާފަތުގައި ހިތް ފަދަ ނާޒުކު ގުނަވަންތައް ކޮށައި މަށާ ހެދުމަކީ އިންސާނުންގެ ފުރާނައަށް އިހްތިރާމްކުޑަކުރުމުގެ އަމަލެކެވެ. މިއީ ޗައިނީސް އަދި ގްރީކް ފަދަ ބޭސްވެރިކަމުގައި ކުރިއަރައިފައވާ ހަޟާރާތްރަތްތަކުގައި ވެސް ބޭސްވެރިކަމުގެ އެންމެ ފުންނާބު އުސް ބޭފުޅުން ވެސް ގެންގުޅުއްވި ފަލްސަފާ އެެވެ.

"އޮޕަރޭޝަންނުކޮށް ހިތުގައި ލޯވަޅު ހުންނަ ކުދިން ފަސޭހަކޮށްދިނުމަކީ އެފަދަ ބެލިވެރިންގެ އިހްސާސްތަަކަށް އިހްތިރާމްކުރުން ކަމުގައި އަޅުގަނޑު ދެކެން." ޑރ. ފްރާންޒް ވިދާޅުވި އެވެ.

ބޮލީވިއާއެކޭ އެއްފަދައިން ހުދު ރާއްޖެއަކީ ވެސް އުފެދުމުގައި ހިތުގައި ލޯވަޅު ހުންނަ ކުދިން ފުދޭ ވަރަކަށް ގިނައިން ފެންނަމުންގެންދާ ގައުމެކެވެ.

ހިތުގެ މައްސަލަތަކާ މެދު ހޭލުންތެރިކަން އުފެއްދުމަށް ރާއްޖޭގައި އުފައްދައިފައިވާ ޖަމިއްޔާ ޓައިނީ ހާޓްސްގެ ސެކެޓްރީ ޖެނެރަލް ޖީހާން މަހުމޫދު ވިދާޅުވީ އެ ޖަމިއްޔާގައި މިހާރު ވެސް އުފެދުމުގައި ހިތުގައި ލޯ ވަޅު ހުންނަ 529 ކުއްޖަކު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

އެފަދަ ކުދިންނަށް ބޭނުންވާ އެކަށޭނެ ފަރުވާ ވެސް ލިބެން ނުހުންނައިރު ސާޖަރީ ހަދަން އާންމުކޮށް ގޮސް އުޅެނީ އިންޑިއާގެ ކޮޗީގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށެވެ. އާސަންދައިން އެކުދިންގެ ފަރުވާ ކަވަރު ކުރި ނަމަވެސް އެ ކުދިން ގޮވައިގެން އުޅޭ މައިންބަފައިން ވެސް އުޅެނީ އެހާމެ ހާލުގަ އެވެ.

"ވިހައިގެން އަޅާލާނެ މީހަކު ނެތި ކުޑަކުއްޖަކު ގޮވައިގެން އައިސީޔޫގައި އެބަ މައިމީހާ އުޅެން ޖެހޭ." ޖީހާން ވިދާޅުވި އެވެ.

ހިތުގައި ލޯވަޅު އުފެދިފައިވާ ކުދިންގެ ހާއްސަ ޑޮކްޓަރަކަށް ވެސް ރާއްޖޭގައި މިވަގުތު ހުރީ އެންމެ ޑޮކްޓަރެކެވެ. އައިޖީއެމްއެޗުގައި މަސައްކަތްކުރައްވާ ޑރ. އައިޝަތު އެލީނާ ފިޔަވައި ޕީޑިއެޓްރިކް ކާޑިއޮލޮޖިސްޓަކު ރާއްޖޭގައި ނެތެވެ.

ހިތުގައި ލޯވަޅު ހުންނަ ކުދިންނަށް ފަރުވާ ކުރުމަށް ޑރ. ފްރާންޒް ފްރޮއިޑެންޓަލް އުފެއްދެވި ޑިވައިޒް އިން ފަސޭހަވީ ކުއްޖެއް--

ޑރ. ފްރާންްޒް ފަދަ ޑޮކްޓަރެއް ރާއްޖެއަށް ފެނިގެން ދިއުމަކީ ކޮންމެ ދިވެއް ވެސް އެދޭނެ ކަމެކެވެ. ރާއްޖޭގައި ކޮންމެ އަހަރަކު ވެސް ސަތޭކައަށް ވުރެ ގިނަ ކުދިން ޑޮކްޓަރުކަން ކިޔަވަން ދެ އެވެ. ހުދު ރާއްޖޭގައި ވެސް މެޑިސިން ކިޔަވައިދޭން ފެށުމަށް ތައްޔާރުވަމުންދާއިރު އެފަދަ އީޖާދީތަކުގެ ތަސައްވަރު ހުރި ޒުވާނުން މިގައުމަށް ބޭނުންވެ އެވެ.

ހަމައެކަނި ސްޕެޝަލައިޒް ޑޮކްޓަރަކަށްވެ ދުނިޔޭގައި އެހެން ތަންތާނގައި ވެސް "އެޕްރޫވް" ކޮށްފައި ހުންނަ މެތަޑް ބޭނުންކޮށްގެން ފަރުވާ ދިނުމަކީ ހުރިހާކަމެއް ވަރިހަމަވުން ކަމަށް ހީވާ ނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ. ޑރ. ފްރާންޒްގެ ބޭނުންކުރެއްވީ ވަރަށް ވެސް "ސިމްޕަލް" އުކުޅެކެވެ. އެއަކަށް މާގިނަ ލާރިއެއް ބޭނުމެއް ނުވެ އެވެ. އެއާހިލާފަށް އާންމުކޮށް އެފަދަ ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ސާޖަރީތަކަކީ ވަރަށް ވެސް "ކޮމްޕްލިކޭޓެޑް" ސާޖަރީތަކެކެވެ. އޭގެ އަގުވެސް ލައްކައިން އަދަދު ގުނާލެވެ އެވެ.

ޑރ. ފްރާންޒް ފަދަ "ސިމްޕަލް ޓެކްނީކް"ތައް އުފެއްދި އީޖާދީ އެހެނިހެން ޑޮކްޓަރުން ވެސް ދަނީ ބޭސްވެރިކަމުގެ ދުނިޔެ އާހަރުފަތަކަށް ގެންދަމުންނެވެ. އެގޮތުން ޕްރޮސްޓޭޓް ބަލި ފަސޭހަކުރާނެ ފަރުވާ ހޯއްދެވި ޗައިނާގެ ޑރ. ސޮންގްއަކީ ވެސް ވަރަށް ފާހަނގަކޮށްލެވޭ ޑޮކްޓަރެކެވެ. ޕްރޮސްޓޭޓް ފަދަ ބަލިތަކަށް ޑރ. ސޮންގް ފަރުވާ ދެއްވަނީ ވަރަށް ސިމްޕަލް މިނިމަލީ އިންވޭސިވް ޓެކްނިކް އެއް ބޭނުންކުރައްވައިގެންނެވެ. ޑރ. ފްރާންޒްއެކޭ އެއްފަދައިން ޑރ. ސޮންގްވެސް ބައްޔަށް ފަރުވާކުރުމުގެ "އިންސްޕިރޭޝަން" ނެގީ ޗައިނާގެ ގަދިމީ ގޮތްތައް ބޭނުންކުރައްވައިގެންނެވެ.

ޑރ. ސޮންގްއާ ހިލާފަށް މިޒަމާނުގެ ޑޮކްޓަރުން ޕްރޮސްޓޭޓް ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންކުރަނީ ވަރަށް ނުރައްކާތެރި ގެއްލުންބޮޑު މެތަޑްތަކެވެ.

"އާންމުކޮށް ޕްރޮސްޓަޓައިޓިސް ފަދަ ބަލިތަކަށް ޑޮކްޓަރުން މިދެނީ ބާރުގަދަ އެންޓިބައޮޓިކް އަލްފާ ވޭލްބްލޮކާ ފަދަ ބޭސް. ދިގު މުއްދަތަށް ބޭނުންކުރުމަށް މިއީ ވަރަށް ނުރައްކާތެރި ބޭސްތަކެއް. އެ ބަލިން ބަލިމީހާ ފަސޭހައެއް ނުވޭ. އުމުރު ދުވަހު އެ ބަލީގައި އުޅެން ޖެހެނީ. އަޅުގަނޑު ތްޑީ ޕްރޮސްޓޭޓް ޓްރީޓްމަންޓް އެންމެ ފުރަތަމަ އިޖާދުކުރަން ޓެސްޓްތައް ކުރިއިރު ހޮސްޕިޓަލުތަކުން ބޭނުމެއް ނުވޭ އެފަދަ ޓެސްޓްތައް ކުރާކަށް ވެސް." ޑރ. ސޮންގް ވިދާޅުވި އެވެ.

ޑރ. ފްރާންޒްއެކޭ އެއްފަދައިން ޑރ. ސޮންގް ވެސް ދެކޭ ގޮތުގައި ޕްރޮސްޓްރޭޓް ސާޖަރީ ހަދައި ކޮށައި މަށާއި ހެދުމަކީ ކުރަން އެއްގޮތަކަށް ވެސް ހެޔޮ ވާވަރުގެ ކަމެއް ނޫނެވެ.

ޓައިނީ ހާޓްސްގެ ސެކެޓްރީ ޖެނެރަލް ޖީހާން މަހުމޫދު ވިދާޅުވީ ހިތުގައި ލޯވަޅު ހުންނަކުދިންނަށް ފަރުވާ ކުރުމަށް މި ސަރަހައްދުގައި މިނިމަލީ އިންވޭސިވް ޓެކްނީކް މެތަޑެއް މިޔަންމާގައި ބޭނުންކުރާކަން އެނގިފައިވާ ކަމަށެވެ.

"މިޔަންމާގެ ޑޮކްޓަރުންތަކެއް އަޅުގަނޑުމެންނާ ކޮންޓެކްޓް ވެސް ކުރި. އެކަން އަޅުގަނޑުމެން ހެލްތު މިނިސްޓްރީއާ ވެސް ހިއްސާކުރިން. ދެން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ތެދެއްތޯ އެކަން ނިންމާނީ. އަޅުގަނޑުމެން ވެސް ދެކެން ބޭނުން ވަނީ އެފަދަ ކުދިންނަށް އެންމެ ރަނގަޅުގޮތްތައް ވާތަން ދެކެެން." ޖީހާން ވިދާޅުވި އެވެ.

comment ކޮމެންޓް