ރައީސްގެ މާލީ ބަޔާނުގެ މައްސަލަ މަޖިލީހަށް ފޮނުވަން އޭސީސީއިން ލަފާ ދީފި

އޮކްޓޯބަރ 1، 2018: ވޯޓް އޮޅުވާލިކަމަށް ބުނެ ޕީޕީއެމްގެ ފަރާތުން ބޭއްވި މުޒާހިރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އަބްދުﷲ ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވާފައި ނުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހުށަހެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލަފާ ދީފި އެވެ.

ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައީސްގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވާފައި ނުވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން އޭސީސީ އަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ.

އެ މައްސަލައަށް ޖަވާބު ދެމުން އޭސީސީ އިން ބުނީ އެ މައްސަލަ ހުށަހެޅި ފަރާތަށް އޭސީސީން ރައީސްގެ މާލީ ބަޔާން ހުށަނޭޅުއްވި މައްސަލާގައި އޮޑިޓާ ޖެނެރަލް ފިޔަވަޅެއް އަޅާފައި ނެތުމަކީ އޮޑިޓާ ޖެނެރަލްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ކަމެއް ނޫން ކަމަށާއި އެހެން ކަމުން. އެ މައްސަލަ އެ ކޮމިޝަނަށް ނުބެލޭނެ ކަމަށެވެ.

ނަމަވެސް، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އޭސީސީ އިން ވަނީ ލަފާދީފަ އެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި، އޭސީސީއަށް މިމަހު ފޮނުއްވި ސިޓީއެއްގައި ވަނީ ރައީސްގެ މާލީ ބަޔާން 2013 ގެ ފަހުން ލިބިފައި ނުވާ ކަމަށް ބުނެފަ އެވެ. ނަމަވެސް، މާލީ ބަޔާން އާ ފޯމެޓުގެ ދަށުން ރައީސް ޔާމީން ހުށަހަޅުއްވާނެ ކަމަށް މީގެ ކުރިން ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް